އަށާރާ އަހަރުން ދަށުގެ މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ދަރުމަވަންތަ ސުކޫލާ ދެކޮޅަށް ނިކުންނަ ޓީމަކަށް އަހުމަދިއްޔާ ސުކޫލް ވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުގެ ފުރަތަމަ ޖާގަ ޕެނަލްޓީ ޖަހައިގެން 6-5 އިން އޭދަފުށި ބަލިކޮށް، ދަރުމަވަންތަ ސުކޫލް ހޯދި އިރު، ފައިނަލް ކުޅުމުގެ ދެ ވަނަ ޖާގަ އަހުމަދިއްޔާއިން އިއްޔެ ހޯދީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ގުރައިދޫ ސްކޫލް އަތުން 4- 0 އިން މޮޅުވެގެން ނެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އަހުމަދިއްޔާ ސުކޫލުން އިދިކުޅު ގުރައިދޫ ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ހާފިޒް އެވެ. އަދި ދެ ވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ފަސާން ވަލީދު ކާމިޔާބު ކޮށްދިން އިރު، އޭނާ ވަނީ ތިން ވަނަ ލަނޑުވެސް މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައެވެ. އަދި އަހުމަދިއްޔާއިން ޖެހި އެޓީމުގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ހަމީދެވެ.

އިއްޔެގެ ފޯރިގަދަ މެޗަށް ފަހު ދެ ޓީމުގެ ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގި ކަމުގައި ވިޔަސް، މެޗުގެ ސެކިއުރިޓީ ކަންކަން ބެލުމަށް ދަނޑަށް ވެދެ ތިބި ފުލުހުން ވަނީ މާގިނައިރު ތަކެއް ނުވަނީސް އެކަން ހައްލުކޮށްފައެވެ. އެހެން ނަމަވެސް އެ ހަމަނުޖެހުމުގެ ސަބަބުން އެފްއޭއެމްއިން އަދި ބެހެއް ބުނެފައެވެ ނުވެއެވެ.