24 Dec 2022, 21:29
ކުޅުދުއްފުށި ސިޓީގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. އެމީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ފުލުހުން ބެލި ބެލުމުންނެވެ.
މި މައްސަލައާ މެދު ކުޅުދުއްފުށި ސިޓީ އިން ނަން ހާމަ ނުކުރުމަށް އެދި "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ މާޒީއެއް އޮތް މީހެއް ކަމަށެވެ. އަދި އޭނާ މަރުވެފަ އޮއްވާ ފެނުނު އިރު ކައިރީގައި ސިރިންޖެއް އޮތް ކަމަށާއި، އެހެން ކަމުން ބޮޑަށް ބެލެވެނީ އޭނާ މަރުވީ އޯވާ ޑޯޒް ވެގެން ކަމަށް އޭނާ ކިޔައިދިނެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ ރޭ ދަންވަރު 45 އަހަރުގެ ދިވެހި ފިރިހެނަކު ކުޅުދުއްފުށީ ސިޓީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައި އޮއްވާ ފެނުނީ އެމީހާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މި މަހުގެ 23 ވަނަ ދުވަހު ކުރި ރިޕޯޓަކާ ގުޅިގެން ބެލި ބެލުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނުނު މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.