24 Dec 2022, 16:22
ތަފާތު ދާއިރާތަކުން ވިސްނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ 6 ވަނަ "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމުގެ ހުނަރު ދަރިވަރުންނަށް ކޮންމެހެން ވެސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
"މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މަޢުލޫމާތުގެ މިންވަރަކުން. އަދި ވިސްނާއިރު، މަޢުލޫމާތު ހިތުގައި ނެތް ނަމަ، އެ މަޢުލޫމާތު ހިމަނައިގެން ވިސްނޭކަށް ނޯންނާނެ. ވީމާ، އެކި ދާއިރާތަކުން ދަރިވަރުންނަށް އެނގެން ޖެހޭ މަޢުލޫމާތު މިވަނީ އިތުރުކުރަން ޖެހިފައި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޮއްޓަރުގެ އިތުރުން ތަކެތި ދަސްކުރާނެ މަގު ވެސް ދަރިވަރުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި، މައުލޫމާތު ބޭނުންވުމުން، އެ ހާލަތެއްގައި އެ މައުލޫމާތެއް ދެނެގަނެ، އެ ބޭނުން ކުރާނެ ގޮތް ވެސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
"ދަރިވަރުންގެ ގައިގައި ޝަޚްޞީ ސިފަތަކެއްވެސް އަށަގަންނުވަން ޖެހޭ. ވަކި ކަމަކަށް ސަމާލުކަން ދީ، ފޯކަސް ކުރުމާއި، ވިސްނާ ގޮތާ ބެހޭ ގޮތުން ވިސްނުން. ނަފްސަށް އިތުބާރު ކުރުމާއި އަނެކާގެ އިޙްސާސްތައް ދެނެގަތުން. ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތްކުރުން." މިނިސްޓަރު ވިދާޅުވިއެވެ.
ހދ. ކުޅުދުއްފުށީގައި މިއަދު ފެށި މި މަހާސިންތާ ޝަރަފުވެރި ކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭން ބޭރުން ޓީޗަރުންނާއި ޢިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެއެވެ.