24 Dec 2022, 16:03
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލަ ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައިފައެވެ.
އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއަން އެންބަސީގެ ކިބައިން އެކަމުގެ ބަދަލު ހިފަން ފަށާން ޖެހޭ ކަމަށް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލާ ހިންގި ޓެރަރިޒަމްގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި، އެކަމާ ގުޅިގެން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
"ސަރުކާރުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި މި އިންޒާރު ތަހުގީގު ކުރަމުން. އަދި، މިކަމާ ގުޅިގެން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އިދާރާތަކުން ގެންދަނީ އަޅަމުން" ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އައްބާސް އާދިލް ރިޒާ އަކީ ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހަން ޕީޕީއެމްގެ މެންބަރަކު ގޮވައިލައިފައިވާއިރު އިންޑިއާއިން ނުރަނގަޅު ގޮތެއްގައި ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ތުހުމަތުކޮށް، އެޕާޓީން ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ވެސް ބޮޑު ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ރިޔާސީ ގަރާރަކުން އެ ހަރަކާތް މަނާ ކުރުމުން، އިދިކޮޅު ފަރާތްތަކުން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓާލައިފައެވެ.