12 Jan 2023, 08:27
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަކީ ރާއްޖޭގައި އޮތް އެންމެ ދޮށީ ޕާޓީއެވެ. އެންމެ މެންބަރުން ގިނަ، އެންމެ ބޮޑު ޕާޓީއެވެ. ޖޯޝު ވަރުގަދަ، އެއްބައިވަންތަ، ފޯރިގަދަ ޕާޓީއެކެވެ.
އެމްޑީޕީއަކީ ވަރުގަދަ ސިޔާސީ ޕްލެޓްފޯމެކެވެ. ރާއްޖެއަށް އާ ސިޔާސީ އެތައް އުކުޅެއް ދިވެހީންގެ ތެރެއަށް ދިރުވި ޕާޓީއެކެވެ. އެކަމަކު، އެތެރޭގެ ކޯޅުން ބޮޑުވެ، އެޕާޓީގެ އަސްލު މިވަނީ ގެއްލިފައެވެ. މިއީ އެޕާޓީގެ މެންބަރުން ވެސް ގަބޫލުކުރާ ހިތި ހަގީގަތެވެ.
އިހުއޮތް ޖޯޝެއް ނެތެވެ. ފޯރި ގެއްލިއްޖެއެވެ. އެމްޑީޕީވަންތަ ސިފަތަކާ ބީރައްޓެހި ވެއްޖެއެވެ.
އުމުރުން 17 އަހަރުގެ ބިޔަ ބޮޑު ޕާޓީ މިމަހު ކުރިމަތިލަނީ އެ ޕާޓީގެ ދިގު ތާރީހުގައި ވެސް ބޭއްވޭ އެންމެ ފޯރިގަދަ އެތެރޭގެ އިންތިޚާބާއެވެ. މީގެ ކުރިން ނަމަ އެ ޕާޓީ އެނބުރެމުން އައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތުންނެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި ހިސާބުން އެ މާޒީ ބަދަލުވެއްޖެއެވެ. ކުރިއަށް އޮތީ އެ ދެ ރައީސުން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރިމަތިލުމެވެ. އެކަމަކު، ދަތުރުގެ މި ހިސާބަށް އައިއިރު ފެންނަނީ ޕާޓީ ހަލާކުވާ މަންޒަރެވެ. ބައިބައިވެ، ވިއްސިވިހާލިވާ މަންޒަރެވެ.
އެމްޑީޕީއަށް ޚާއްސަ، އެ ޕާޓީގެ ނަން ހިނގާ ސިފަތައް މުޅިން ގެއްލިއްޖެއެވެ. އެހެން ޕާޓީތައް ހަލާކުވެ، ނެތި ދިޔައިރު އެމްޑީޕީގެ އޮޑި ނުފެތި އޮތް ސަބަބެއް މިއަދަކު ނެތެވެ. އެޕާޓީގެ އެތެރޭ އޮތް އެއްބައިވަންތަކަން ނަގާލައިފިއެވެ. އާ ޚިޔާލެއް އުފަންވެއްޖެއެވެ. މުޅި ޕާޓީ ރަނގަޅަށް ދެބައިވެއްޖެއެވެ. އިހުއޮތް މުސްކުޅި ޑީއާރްޕީއަށް ޖެހުނު ދަތުރުގައި ބެދިއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާން އިސްވެ އުފެއްދެވި ޑީއާރްޕީ ވެސް ބައިބައިވެ، މުޅި ޕާޓީގައި ދެ ފެކްޝަން އުފެދުމުން އެއްބަސްވެވޭ ލީޑަރެއް ނުފެނި ޕާޓީ ރޫޅުނީއެވެ. ފެންނަނީ އެމްޑީޕީވެސް އެ ދަތުރުގައި ޖެހޭ މަންޒަރެވެ.
ބައިބައިވީ ދެ ރައީސުން ވެރިކަމަށް ތޮޅުމުން
އެމްޑީޕީ ހަލާކުވެ، ބައިބައިވުމާ ހަމައަށް ކުރީ ފޮނި ދަތުރެކެވެ. ހެޔޮ ވަރަށް ދެ ބަޔަށް ބެހިފައި އޮތް ޕާޓީ އަލުން އެކަތި ކުރެވޭނެ ކަމުގެ އުންމީދު ކުޑައެވެ.

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ޕާޓީ ދެ ފެކްޝަނަށް ބެހިފައި އޮތް އިރު، ދެ ފެކްޝަނުން ގަބޫލުކުރާ އެއް ހަގީގަތް އެބައޮތެވެ. އެއީ، ޕާޓީ ބައިބައިވެފައިވަނީ އަސާސްތަކާ ދުރުވުމުން ކަމެވެ. ޚިޔާލު ތަފާތުވުން އޮތީ ވެސް އެއާމެދެވެ. އަސާސްތަކާ ހިލާފުވީ ކަމުގެ ތުހުމަތު ކުރަނީ އެއްބަޔަކު އަނެއް ބަޔަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގަބޫލުކުރައްވާ ގޮތުގައި ގޯސްވެގެން އުޅެނީ އެމްޑީޕީގެ ސަރުކާރެއް އޮވެ، ޕާޓީގެ އަސާސްތަކާ ދުރުވުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ގޯސްވެގެން އުޅެނީ ވެރިކަން ހިންގާއިރު، ޕާޓީގެ ވައުދުތަކާއި އުސޫލުތަކަށް ނުބެލޭތީއެވެ.
"އެމްޑީޕީ އުފެދުނީ ހައްގުތައް ހޯދަން. ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެ ވާހަކަތައް ދައްކަން އަދި، އެ މައްސަލަތަކަށް ހައްލު ގެނައުމަށް،" އޭނާ ވިދާޅުވިއެވެ.
ޕާޓީގެ އެންމެ އަސާސީ މަސައްކަތް ނުކޮށް، މިހާރު ޕާޓީ ކުރިއަށް ދަނީ އަސްލު އުފެދިގެން އައި މަގުސަދާ ޚިލާފަށެވެ. ޕާޓީ ދަނީ ވަކި ބަޔަކު ބޭނުންވާ ގޮތަށެވެ. ޕާޓީ ބައިބައިވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ.
"ރައްޔިތުންގެ ހައްގެއް ނޫން މިހާރު ހިމާޔަތް މި ކުރެވެނީ. ސަރުކާރު ކޯލިޝަންގައި ތިބި ވަކި ބައެއްގެ އަމިއްލަ މަންފާއަށްޓަކައި މިޕާޓީ ބޭނުން ކުރަމުން ދާކަން އެމްޑީޕީ މެންބަރުންނަށް އިހުސާސް ކުރެވެނީ. އެއީ އޭރާއި މިހާރުގެ ތަފާތަކީ،" ބޮންޑޭ ވިދާޅުވިއެވެ.
އަސާސްތަކާ ޚިލާފަށް ކަން ކުރަނީ ސަރުކާރުން ކަމަށް ބޮންޑޭ ތުހުމަތު ކުރައްވައެވެ. އުފެދިގެން އައި އުސޫލުތައް ހަނދާން ނެތި، އަމިއްލަ ބާރުވެރިކަމަށް މަސައްކަތް ކުރަނީ އެ ފެކްޝަނުން ކަމަށް ތުހުމަތު ކުރެއްވިއެވެ. އެކަމަކު، ހުދު ނަޝީދު ވެސް މަސައްކަތް ކުރައްވަނީ ހަމަ އެމަގުންނެވެ.
އަސާސްތައް އޮޅި، ޕާޓީގެ ރޫހާއި ހިލާފަށް ބަޔަކު މަސައްކަތް ކުރާކަން ދެ ފެކްޝަނުން ވެސް ގަބޫލުކުރެއެވެ. އެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރަމުންދާއިރު ސަރުކާރު ފެކްޝަނުން ގަބޫލުކުރަނީ އަސާސްތަކާ ހިލާފަށް ޕާޓީ ފިތުނަކޮށް، ބައިބައިކުރަން މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ރައީސް/ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ 171 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު--
ބައިބައިވެ، ޚިޔާލު ތަފާތުވެގެން އުޅެނީ އެމަނިކުފާނުގެ ބާރުވެރިކަން ޕާޓީން ގެއްލޭތީ ކަމަށް ސަރުކާރު ފެކްޝަނުން ތުހުމަތު ކުރެއެވެ.
އެ ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީ ގަބޫލުކުރައްވާ ގޮތުގައި ޕާޓީގެ މަގުސަދާ ޚިލާފުވީ ޕާޓީގެ ރައީސެވެ. ބައިބައިވެ، ދެކަފިވީ، އެއް ބޭފުޅެއްގެ ނުފޫޒާއި ބާރު ޕާޓީ ތެރޭގައި ހިންގަން އުޅުމުންނެވެ. އެމްޑީޕީއާ ބީރައްޓެހި ސިފަތައް ޕާޓީ ތެރޭ ދިރުވަނީ ރައީސް ނަޝީދު ކަމަށް ޑީޑީ ތުހުމަތު ކުރައްވައެވެ.
"ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ފުނޑުފުނޑުވެ، ރައީސް ނަޝީދުގެ ޚުދުމުޚުތާރުކަން ބޮޑުވުމުގެ ސަބަބުން ޕާޓީގައި ބައިބައިވުން އުފެދި، ޚިޔާލު ތަފާތުވުންތަކެއް މިއުޅެނީ،" އޭނާ ވިދާޅުވިއެވެ.
"ނޫން، ނޫން، ފެއިލްވީ އެމްޑީޕީ"
އެއް ކަމެއްގެ ތުހުމަތު ދެބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ކުރާއިރު، ޕާޓީ އޮތީ ހަރާބުގެ މަގުގައެވެ. އެތެރޭ ކޯޅުމުގައި އުފެދޭ ފިތުނައިން ހަރާބުވެ، ބައިބައިވަނީ އެމްޑީޕީއެވެ. ވެރިން އުފައްދާ ފިތުނައިގައި ޖެހި އާންމު މެންބަރުންގެ ހިތުގައި ނަފުރަތު އުފެދެނީއެވެ. ޕާޓީ ބައިބައިވާ ހިސާބަކީ އެއީއެވެ.
އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އަދި އެޕާޓީގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާއީލް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރު ފެކްޝަން ވެސް އަދި ނަޝީދު ފެކްޝަން ވެސް އޮތީ ފެއިލްވެފައެވެ. ޕާޓީގެ އަސާސްތައް ނަގަހައްޓާ، އުސޫލުތަކާ އެއްގޮތް ވެރިކަމެއް ކުރުމަށް އެ ޕާޓީގެ ދެ ސަރުކާރު ވެސް ފެއިލްވީއެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގެން ރައްޔިތުންނާއެކު މަޖީދީ މަގުން ހިންގަވާފައި ވަޑައިގަންވަނީ، އަރިހުގައި އަނބި ކަނބަލުން ލައިލާ އަލީ އަދި އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު --- ފޮޓޯ/ މުޒައްޔިން ނާޒިމް
އެމްޑީޕީ މިހާލަތަށް ވެއްޓުނީ އެހެންވެއެވެ. އެ ފިތުނައިގެ ސަބަބުންނެވެ.
ދެ ބޭފުޅުން ބާރުވެރިކަމަށް ކުރެއްވި ހަނގުރާމައިގެ ފިތުނައިގައި މުޅި ޕާޓީ ޖެހުމުގެ ސަބަބުންނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ތުހުމަތުތަކުން ފިތުނަވީ މުޅި ޕާޓީއެވެ. ބައިބައިވުން އުފެދުނީ އާންމު މެންބަރުންގެ މެދުގައެވެ.
"އެންމެ ބޮޑު ރިޔާސީ ވައުދަކީ އަދުލު އިންސާފު ގާއިމްކޮށްދިނުން. މަޖިލީސް އިންތިޚާބުގައި ވެސް އޮތީ އަދުލު އިންސާފު ގާއިމް ކުރާނަމޭ. އެ ބަހަށް ރައްޔިތުން އަޣުލަބިއްޔަތު ދިނީމާ މިއަދު ފެންނަނީ މައުމޫން [ރައީސް މައުމޫން އަބްދުލްގައްޔޫމް] އިރުގައި ކުރި ކަހަލަ ވެރިކަމަކާއި ސަރުކާރު ހިންގުމަކާއި މަޖިލީހަކާ،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާ އެއްގޮތް ވެރިކަމެއް ކުރުމުގައި ދެ ރައީސުން ވެސް ތިބީ ފެއިލްވެފައެވެ. އެއީ ކަން އޮތް ގޮތެވެ. ޕާޓީ ބައިބައިވީ ދެ ރައީސުން ވެރިކަމަށް ކުރި ހަނގުރާމައިގެ ސަބަބުންނެވެ. ޕާޓީ ތެރޭން މާ ދުރަށް ފެންނަނަނީ އެ މަންޒަރެވެ.
"ފުރަތަމަ ރިފޯމް ގެންނަން ވެގެން ނުކުތް އިރު، ދެކޮޅަށް މަސައްކަތް ކުރި މީހުން މިހާރު އެތިބީ އެމްޑީޕީގައި ބަސްކިޔަން،" އިބުރާ ވިދާޅުވިއެވެ.
އެމްޑީޕީއަށް އޮތީ އެ ދަތުރެވެ. މިމަހު އޮންނަ ޕްރައިމަރީ ކާމިޔާބު ކުރައްވާ ލީޑަރަކު ޕާޓީގެ ފުލް ކޮންޓްރޯލް ނަގާނެއެވެ. އެއީ ކޮންމެ ބޭފުޅެއް ކަމަށް ވިޔަސް ބައިބައިވުމަށް ނިމުމެއް އަންނަ ތަނެއް ނުފެނެއެވެ. ޕާޓީ އަލުން އެކުވާތަނެއް އަމުދަކުން ނުފެނެއެވެ. އެޕާޓީ އަލުން އެކަތިކޮށް، އިހުއޮތް ފޯރިއާއި ޖޯޝް ގެނެވޭނީ އެންމެން އެއްބައިވާ އާ މޫނަކަށެވެ. ފަސްބައި ސާފު، އެމްޑީޕީވަންތަ މެންބަރަކަށެވެ. ނޫނީ ވިއްޔާ އެ ޕާޓީއަށް ވެސް ޑީއާރްޕީއަށް ޖެހުނު ހާލު ޖެހުން ގާތެވެ.

ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގެން ރައްޔިތުންނާއެކު މަޖީދީ މަގުން ހިންގަވާފައި ވަޑައިގަންވަނީ، އަރިހުގައި އަނބި ކަނބަލުން ލައިލާ އަލީ އަދި އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު --- ފޮޓޯ/ މުޒައްޔިން ނާޒިމް
"ފުރަތަމަ އެމްޑީޕީ އުފެދުނު އިރުގައި ރާއްޖޭގައި އޭރު އޮތް 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނައުމުގެ ރޫހެއް އޭރު އޮތީ. އެ ރޫހުގައި އެންމެން އެކައްޗެއް ކިޔާފައި، އެކަތި ގަނޑަކަށް ގެނެސްފައި، އެކަން ބަދަލު ކުރެވިއްޖެ،" ޑީޑީ ވިދާޅުވިއެވެ.
އެމްޑީޕީ ބައިބައިވެ، އިހުއޮތް ޖޯޝާއި ފޯރި ގެއްލުނީ އެހެންވެއެވެ. ދެބަޔަށް ގަބޫލުކުރެވޭ އެއްބައިވަންތަ ސިޔާސަތު ގެއްލުނީމައެވެ. މިހާރު އެންމެން އެކީ ނުކުންނަންވީ ސަބަބެއް ނެތެވެ. ދެއްކިހާ ވާހަކައަކާއި ކެނޑިހާއި ސަޅިއެއް އަޅިއަށް ވެއްޖެއެވެ. ހެޔޮވެރިކަމެއް ނުކުރެވި އެމްޑީޕީ ފެއިލްވެއްޖެެއެވެ. މިޖެހެނީ ހަމަ ޑީއާރްޕީއަށް ޖެހުނު ދަތުރެވެ.