10 Apr 2012, 16:44
ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ސިފައިންނާއި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އިންޓަޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)އަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު އެ ޖަމާއަތުން އާންމުކުރާނީ ސިއްރު ރިޕޯޓެއް ކަމަށް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާ ޔުގެންޑާގައި އޮތް އައިޕީޔޫގެ 126 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތް އައްބާސް ސަން އަށް މިއަދު ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައި ވަނީ ފެބުރުއަރީ ހަތެއް އަށެއް އަދި ހަމަ އެ މަހުގެ 13 ވަނަ ދުވަހު އެމްޑީޕީގެ މެންބަރުންނަށް ސިފައިން އަނިޔާކޮށް އަދި އެޕާޓީގެ ޕާލިމަންޓް މެންބަރުންނަށް އެކި ވަރުގެ އަނިޔާތައް ކުރި ކަމުގެ މައްސަލަތައް ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަތަކަށް ސަރުކާރުން ޖަވާބުދާރީވި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކުން މައްސަލަބަލައި ނިމެންދެން އެ މައްސަލައިގައި އައިޕީޔޫގެ ސިއްރު ރިޕޯޓް އާންމުނުކުރާނެ ކަމަށެވެ.
"ފެބުރުއަރީ ހަތެއްގައި ފުލުހުން ތަޅައި އެވަރަށް އަނިޔާކުރި ނަމަ ކިހިނެތްހޭ ޖެހިގެން އައި ދުވަހު މުޒާހަރާކުރަން ނިކުންނާނީ. އަނެއްކާ މޫސަގެ ބޯފަޅާލައި އައިސީޔޫގައި ފަރުވާދިން ވާހަކައިގައި އަޅުގަނޑުމެން ބުނީ އޭޑީކޭން އެފަދަ ރިޕޯޓެއް ނެތޭ. އަނެއްކާ އަނެއް ދުވަހު ބޭރަށް ވަޑައިގަތީ އެމެޖެންސީގައެއް ވެސް ނޫނޭ. އަނެއްކާ މެންބަރު މުހަންމަދު ރަޝީދު ގަންހިންގުވި ކަމަށް ބުނާ މައްސަލައިގައި އަޅުގަނޑުމެން ބުނިން މެންބަރު އަމިއްލަ އަށޭ ފުލުހުންނާ ހަވާލުވީ، އަދި އެކަން މަޖިލީހަށް ގަވާއިދުން އެންގި ވާހަކަ. އޭގެ ނަތީޖާއެއްގެ ގޮތުން އެއްވެސް އޮފިޝަލް ރިޕޯޓެއް އެބޭފުޅުން އާންމުނުކުރާނެ ކަމަށް ވިދާޅުވި،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިޕީޔޫގެ ރިޕޯޓް ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށެވެ.
އައިޕީޔޫއަކީ ދުނިޔޭގެ މަޖިލިސްތަކުގެ މެންބަރުންގެ އިންސާނީ ހައްގުތަށް ހިމާޔަތްކޮށް ވަކާލާތުކުރުމަށް 1997ގައި އުފެއްދި ކޮމިޝަނެކެވެ. އައިޕީޔޫގެ މިއަހަރުގެ ބައްދަލުވުމުގައި ސަރުކާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ އާއި ޑީއާރްޕީ އަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.