ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ ކިލޯ ޑްރަގުގެ އިތުރުން މިލިއަނެއްހާ ރުފިޔާ ހޯދައިފިއެވެ. މި އޮޕަރޭޝަން ހިންގުނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް 6.8 ކިލޯގެ ނާކޮޓިކްސް އާއި މިލިއަނެއްހާ ރުފިޔާ އަތުލައިގަތީ މާލެ އާއި ހުޅުމާލޭގެ 10 ސަރަޙައްދެއްގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަނެއްގައެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެ އޮޕަރޭޝަނުގައި އަތުލައިގަތީ ޑްރަގް ޓްރެފިކް ކުރުމާއި ވިއްކުމުގައި އުޅުނު ކުށް ކުރާ މަޝްހޫރު ގޭންގެއްގެ ބަޔަކު ކަމަށް ކޮމިޝަނަރުގެ ޓުވީޓުގައި ބުންޏެވެ.

މި އޮޕަރޭޝަނުގެ އިތުރުންވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އިތުރު އޮޕަރޭޝަންތަކެއް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ ހަތަރު އަހަރުގެ އެކަނިވެސް 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައި, ކުރިން އަތުލައިފައިވާ މަސްތުވާތަކެއްޗާއެކު ޖުމްލަ 1.9 ޓަނުގެ މަސްތުވާތަކެތި ވަނީ ނައްތަލާފައެވެ.

މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދާދިފަހުން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ, ފުލުހުންގެ އޮޕަރޭޝަންތަކުގައި އެންމެ އިސްކަމެއް ދެނީ މަސްތުވާތަކެއްޗަށް ކަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ތެރޭގައި ރޭވިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.