އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް 20،000 މެންބަރުންގެ ތާއީދާއެކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފޯމު ހުށަހަޅުއްވައިފިއެވެ.

ރައީސްގެ ކެމްޕޭން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް 20،000 މެންބަރުންގެ ތާއީދު ފޯމާއެކު، ރައީސް ޞާލިހްގެ ކެންޑިޑަސީ ފޯމު ހުށައަޅުއްވައިފައިވާ ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް، 20،000 އަަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު، ރައީސް ޞާލިހުގެ ކެންޑިޑަސީ ފޯމު ހުށައަޅުއްވައިފި،" އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 28ގައި އެޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާ އެކަން އިއުލާނު ކުރުމާއެކު ރައީސްގެ އަރިސް ބޭބޭފުޅުން ވަނީ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހެވެ. ފޯމު ހުށަހެޅުމުގެ ސުންގަނޑި މިއަދު ހަވީރު 4:00 އަށް ހަމަވާއިރު، މިހާތަނަށް ރައީސްގެ އިތުރުން ފޯމު ހުށަހަޅުއްވައިފައިވަނީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ފޯމު ހުށަހެޅުއްވީ 500 މެންބަރުންގެ ތާއީދު ފޯމާއެކުގައެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ރައީސް ސޯލިހު ހުށަހެޅުއްވި 20،000 ތާއީދު ފޯމު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.

އެހެންވެ، އެޕާޓީގެ މިފަހަރުގެ ރިޔާސީ ޕްރައިމަރީ ވަރަށް ބޮޑަށް ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އެޕާޓީން ބޭއްވި އެންމެ ފޯރިގަދަ ޕްރައިމަރީއަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭއްވި ޕްރައިމަރީއެވެ. އެ ޕްރައިމަރީގައި އެޕާޓީގެ ފައުންޑާ މެންބަރުން ކަމަށްވާ ރީކޯ މޫސާ މަނިކާއި، ޑރ. މުހައްމަދު މުނައްވަރު ވެސް ވާދަކުރެއްވިއެވެ. އެފަހަރު ތިން ވަނަ ބޭފުޅަކަށް ވާދަކުރައްވާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ނަޝީދެވެ.