ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމުގެ ގޮތުން މާލޭގައި ޚާއްސަ ދުވުމުގެ އިވެންޓެއް ޗައިނާ އެމްބަސީއިން އިންތިޒާމްކޮށްގެން ބާއްވައިފިއެވެ. މި ދުވުން ބާއްވައިފައިވަނީ ސިނަ މާލެ ބުރިޖުގައެވެ.

މިއަދު ފަތިހު ބޭއްވި އެ ދުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަން ލީޝިން ގެ އިތުރުން ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފާއި މަޖިލީހުގެ މެމްބަރުންނާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިވެންޓުގައި ޖުމްލަ ތިން ޖަމްޢިއްޔާއަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަން ވިތް ޑިސޭބަލިޓީސް އަދި ސްކޭޓްބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިމެނެއެވެ. މި އިވެންޓުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް އުސްފަސްގަޑުން ފެށިގެން ސިނަ މާލެ ބްރިޖުގެ އެއާޕޯޓް ލައިޓާ ހަމައަށް ވަނީ ގޮސްފައެވެ.

ޗައިނާ - ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމުގެ ގޮތުން ބާއްވި އިވެންޓް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި އިވެންޓުގެ އެންމެ ކުރީގައި ބައިސްކަލްގައި ބައިވެރިވާ މީހުން ތިބި އިރު، އެމީހުންގެ ތެރޭގައި މިނިސްޓަރު މަޙްލޫފް ވެސް ހިމެނިވަޑައިގެންނެވިއެވެ. ދެވަނައަށް ދުވާ މީހުން ތިބިއިރު މީގެ ތެރޭގައި ޗައިނާގެ ސަފީރު ވަން ލީޝިން އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހުންނެވިއެވެ.

އެމީހުންގެ ފަހަތުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި އިރު، އެންމެ ފަހަތުގައި ތިބީ ރޯލާ ސްކޭޓް ކުރާ ކުދިންނެވެ.

ޗައިނާ ސަފީރު ވިދާޅުވީ މި ދުވުމަކީ، ޗައިނާއާއި ރާއްޖެއިން ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް މި އަހަރު ތެރޭ ބޭއްވި ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބޭއްވި ދުވުމެއް ކަމަށެވެ.

"މިއީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އެންމެ ފަހު ހަރަކާތް. އަދި މިއީ އެކި ދާއިރާތަކަށް ނިސްބަތްވާ މީހުން ބައިވެރިވި ދުވުމެއް ކަމުން، މިއީ މި އަހަރު ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެންމެ ކުލަގަދަ ހަރަކާތް ވެސްމެ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ އެ ދުވުން ސިނަމާލެ ބްރިޖުގައި ބޭއްވުމުން އެ ހަރަކާތް އިތުރަށް ޚާއްސަވާ ކަމަށެވެ. އެގޮތުން އެ ބްރިޖަކީ އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދޭ އެއްބާރުލުމާއި، ޗައިނާ އާއި ރާއްޖޭގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

"ދެ ގައުމުގެ ރައްޔިތުން މި ބްރިޖު މަތީގައި ދުވުމުން އެ އެންމެންގެ ގުޅުން ބަދަހިވެ، އެއީ ދެ ގައުމުގެ ރައްޔިތުންގެ ހިތްތައް ވެސް ގުޅުވާލަދޭނެ ބްރިޖަކަށް ވާނެހެން އަޅުގަނޑަށް ހީވަނީ،" ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާއާއި ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އެއާއެކު، ދެ ގައުމުގެ ރައްޔިތުންގެ މުއާމަލާތްތައް އިތުރުވެ، ގުޅިގެން މަސައްކަތް ކުރުން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެ ހަރަކާތާ ގުޅޭގޮތުން ޔޫތު މިނިސްޓަރު މަޙްލޫފް ވިދާޅުވީ ރާއްޖެ އާއި ޗައިނާ އަކީ ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ގައުމު ކަމަށެވެ. އެ ގުޅުމަށް 50 އަހަރު ފުރުމުގެ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ ފުރުސަތު ލިބޭ ފަދަ ކަމެއް ކުރުމަކީ އުފާވެރި އިހްސާސްތަކެއް ކުރެވޭ ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ،

"މި އިވެންޓު ވަރަށް ފުރިހަމަ. މިކަހަލަ ވަގުތެއްގައި ގިނަ މީހުންނާ އެކު ބައިސިކަލް ދުއްވައި، މިތާ ސްކޭޓް އެއްބައި ކުދިން ކުރަނީ. އަނެއް ކުދިން ދުވެ އުޅޭ. މި ހުރިހާ ކަމެއް މިހެން ހިނގައި ދިޔަ. ވަކިން ޚާއްސަކޮށް ދެގައުމުގެ ދެމެދުގެ ގުޅުން ރަމްޒުކޮށް ދިނުމަށް ގާއިމް ކޮށްފައިވާ ބްރިޖެއް މަތީ މިކަން ކުރެވިގެން ދިޔަ ކަމީ ދެގައުމުގެ ގުޅުމުގެ ރަމްޒުކޮށްދޭ ކަމެއް،"

މިނިސްޓަރު ވިދާޅުވީ ދުޅަ ހެޔޮ ކަންކަމާ ގުޅޭ ހަރަކާތްތައް ބޭއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ. ރަށްރަށުގައި ސްޕޯޓްސް ކައުންސިލަރުން ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރީ އެކަމުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖޭގެ ޑިޕްލޮމެޓިކް ކުޅުން ޤާއިމް ކުރީ 1972 ވަނަ އަހަރުއެވެ. މި އަހަރު އެ ގުޅުމަށް 50 އަހަރު ވީއިރު، ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު ބޭނުންތެރި ހިއްސާތަކެއް ކުރާ ގައުމެކެވެ. އެގޮތުން ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާގެ މާކެޓަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ.