10 Apr 2012, 16:22
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން، އެކުލަބުގެ މެންބަރުންނަށް މެންބަރ ސިޕް ކާޑު ހަވާލު ކޮށްފި އެވެ.
ނިއުގެ އިސް އޮފިސަލަކު މިއަދު ވިދާޅުވީ، ކުލަބުގެ މެންބަރުންނަށް، މެންބަރު ސިޕް ކާޑު ހަވާލް ކުރީ މިދިޔަ ހުކުރު ދުވަހު ކަށެވެ.
ނިއުގެ މެންބަރު ސިޕް ކާޑުގައި ތިން ވައްތަރެއްގެ ކާޑެއް އެކުލަބުން މިފަހަރު ވަނީ ތައާރަފް ކޮށްފައެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުރޭޑިއަންޓުން ވަރަށް ފޯރިޔާއެކު ތައްޔާރު ވަމުން އަންނައިރު، އެޓީމުން ވަނީ ޓީމުގެ ސްކޮޑުވެސް މިފަހަރު ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ނިއުން ވަނީ މިފަހަރުގެ ސީޒަނަށް ބޮޑު އަގުގައި ކުޅުންތެރިން ގެނެސް ޓީމުގެ ފަރިތަކުރުންތައް ވެސް ފަށާފައެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއު އެންމެ ފުރަތަމަ ބައްދަލުކުރާ މެޗަކީ މިމަހުގެ 18 ވަނަ ދުވަހު ވީބީއާ ދެކޮޅަށް، ދިރާގް ދިވެހި ލީގުގެ ފުރަތަމަ މެޗުގަ އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ނިއަތުގައި، އެކުލަބުން ބޮޑު އަގުގައި ގަތް ކުޅުންތެރިންގެ ތެރޭގައި ވީބީއަށް ކުޅުނު އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ވިކްޓަރީއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) ހިމެނެއެވެ.
މިއަހަރުވެސް ނިއުގެ ކޯޗަކީ މިދިޔަ އަހަރުވެސް އެޓީމަށް އިރުޝާދު ދިން މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ޔޫސުފް އަޒީމް (ޔޫއްޓޭ) ހަމަޖައްސާފައި ވާއިރު މެނޭޖަރަކީ ނިއުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ އެވެ.
މި އަހަރުގެ ސީޒަންގައި ވެސް ނިއުރޭޑިއަންޓުގެ މެއިން ސްޕޮންސާއަކަށް ހަމަޖައްސައިފައި ވަނީ ފާއިތުވި ދެ އަހަރުވެސް އެކުލަބް ސްޕޮންސަ ކޮށްފައިވާ މައިލޯއާ އެކު އެވެ.