މިވަގުތު ބޮލީވުޑްގައި އެންމެ ނަން ހިނގާ ދެ ތަރިންކަމަށްވާ ރަންވީރް ސިންގްއާއި އަރުޖުން ކަޕޫރަކީ، މިޖީލުގެ ގޯވިންދާއާއި ޗަންކޭ ޕާންޑޭކަމުގައި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރޯހިތް ޝެޓީ ބުނެފިއެވެ.

ރޯހިތް މިމޭރުމުން ވާހަކަދައްކާފައިވަނީ އިއްޔެ ރިލީޒްކުރި ރޯހިތްގެ ފިލްމު "ސާކަސް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުންނެވެ. ރޯހިތް ބުނެފައިވަނީ، 1993ގައި ރިލީޒްވީ ފިލްމު "އާންކޭން"ގެ ރިމޭކްއެއް އުފައްދާނަމަ އެފިލްމަށް އެންމެ އެކަށީގެންވާ ދެ ތަރިންނަކީ ރަންވީރް އާއި އަރުޖުންކަމަށެވެ.

އަރުޖުންއާއި ރަންވީރް އެކީގައި ފުރަތަމަ ފެނުނީ 2014ވަނަ އަހަރު ރިލީޒްވި ޔާޝްރާޖް ފިލްމްސްގެ "ގުންޑޭ"އިންނެވެ. މިފިލްމަށްފަހު ދެ ތަރިންގެ މެދުގައިވެސް ވަރަށް ގާތްގުޅުމެއްވަނީ އުފެދިފައެވެ. އަދި ދެތަރިންވެސް ފިލްމީ ދާއިރާއާ މެދު ދެކޭގޮތް އެއްގޮތްވުމުގެ އިތުރުން ދިރިއުޅުމުގެވެސް ވަރަށްގިނަ ކަންކަމުގައި ދެތަރިންގެ ޚިޔާލުވެސް އެއްގޮތެވެ. ފިލްމު އުފައްދާނަމަ މިފިލްމަށް ކާސްޓުން ބަހާލާނެގޮތްވެސް ރޯހިތުވަނީ ކިޔައިދީފައެވެ. ރަންވީރް ސިންގްއަށް ގޯވިންދާގެ ރޯލް، އަރުޖުން ކަޕޫރަށް ޗަންކޭގެ ރޯލް އަދި ފިލްމު "އާންކޭން"ގައި ކާދަރް ޚާން ކުޅުނު ރޯލަށް އެކްޓަރު ޕަރްވޭޝް ރަވަލް ރަގަޅުވާނެކަމަށް ރޯހިތްވަނީ ބުނެފައެވެ.

ސަމާސާ ރާގަކަށް ރޯހިތު ބުނެފައިވަނީ ފިލްމުގެ ކޮޕީ ރައިޓްސް ޕްރޮޑިއުސަރު އަތުގައި އެބައޮތްކަމަށާއި އެހެން ޕާޓީއަކުން ފިލްމުގެ ކޮޕީ ރައިޓްސް ގަންނަން މަސައްކަތްނުކުރުމަށެވެ.

ކޮންމެއަކަސް ރޯހިތް މިފިލްމު އުފައްދަން ވަރަށްބޮޑަށް ޝައުޤުހުރިކަމަށް ބުނެފައިވީނަމަވެސް މިވަގުތު ޕްރޮޑިއުސަރުގެ ސަމާލުކަން މުޅިންވެސް ހުއްޓިފައިވަނީ ފިލްމު "ސާކަސް"އަށެވެ. ރަންވީރް ސިންގް ޑަބަލް ރޯލްއިން ފެންނަ ފިލްމު "ސާކަސް"ވަނީ އިއްޔެ ރިލީޒްކޮށްފައެވެ. ފިލްމުގެ ޚާއްޞަ ލަވައަކުން ބަތަލާ ދިޕިކާ ފެނިގެންދާއިރު ފިލްމުގެ ލީޑް ބަތަލާގެ ރޯލްއިން ފެންނާނީ ޖެކްލީން ފެނާންޑެޒް އަދި ޕޫޖާ ހެޖްއެވެ.