ޖަލަށް ލީ ކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ އަޑު ކަނޑުވައި ނުލެވޭނެ ކަމުގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކޮށްފައިވާއިރު، ހުކުމް އިއްވުމާ ގުޅޭގޮތުން އެމަނިކުފާނު މާ ގިނަ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

އެމައްސަލަ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޕީއެމް، ޕީއެންސީން ރޭ ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ނުފޫޒު ނެތް އެއްވެސް ދިމާލެއް މިހާރު ނެތް ކަމަށާއި، އިންޑިއާގެ ބޮޑު ވަޒީރު ބޭނުންވެއްޖެ ނަމަ އެމަނިކުފާނު އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށެވެ.

އެހެންނަމަވެސް، އެމަނިކުފާނުގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށާއި، ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މޯދީ ބޭނުންވެއްޖެނަމަ މާދަމާ ނޫން އަނެއް ދުވަހު އަޅުގަނޑު ޖަލަށް ދާން ޖެހިދާނެ. އެކަމަކު އަޅުގަނޑުގެ އަޑު ކަނޑުވައެއް ނުލެވޭނެ. އަޅުގަނޑުގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ.ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޔާމީން ވިދާޅުވީ، ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ދެން ސަރުކާރު ބަދަލުވާން މާ ގިނަ ދުވަސް ނުނަގާނެ ކަމަށެވެ. މީގެއިތުރުން، ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރަން ފަށަފިނަމަ އެއްވެސް ބޭފުޅަކަށް އެކަންކަމާ ކުރިމަތި ލާން ނުކެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ގައުމުގައި ކަން ހިނގާ ގޮތުގެ ވާނުވާ ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދެން ޕީޕީއެމް އަށް ވެރިކަން ލިބިއްޖެނަމަ ގައުމު ފެލައިލީ ކޮންބައެއްކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށެވެ. އަދި، އެމްއެމްޕީއާރްސީ ހިޔާނާތުގެ އެންމެ ބޮޑު މޭސްތިރިޔާ ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް ސަރުކާރުން ހިމާޔަތް ދީގެން އުޅެނީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.