24 Dec 2022, 12:19
ބަތަލާ ޑިމްޕަލް ކަޕާޑިއާ އާއި ދަރްމެންދްރަ (ދަރޭ) 31 އަހަރުފަހުން ސިލްވަ ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ.
މި ދެތަރިން އެކީގައި ކުޅެން ސޮއިކުރިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ، ރޮބޮޓް ތީމްއަކަށް ތައްޔާރުކުރާ ހެއްވާ މަޖާ ލޯބީގެ ފިލްމަކަށެވެ. މިފިލްމުގެ މައިގަނޑު ރޯލްއިން ފެންނަނީ ޝާހިދު ކަޕޫރު އަދި ކްރިތީ ސެނޮންއެވެ.
ފިލްމުގެ ފުރަތަމަ ޝެޑިއުލް މިމަހުގެ 15ވަނަ ދުވަހު އިންޑިއާގެ ރާޖަސްތާނުގައި ފެށިފައިވާއިރު، ފިލްމުގެ ދެވަނަ ޝެޑިއުލް ކުރިއަށްދާނީ އުތުރު އިންޑިއާގެ އެކި ސަރަޙައްދުތަކުގައެވެ. މީގެއިތުރުން އިންޑިއާގެ ޗަންދިގަރް އަދި ވެރިކަންކުރާ ދިއްލީގައިވެސް ފިލްމުގެ ބައެއް ޝޫޓްކުރުމަށްވަނީ ނިންމާފައެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމަކީ، ކާމިޔާބު ފިލްމު "މިމީ" އާއި "ލުއްކާ ޗުއްޕީ" ފަދަ ފިލްމުތައް ގެނެސްދިން ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކުރާ ފިލްމެކެވެ. މިފިލްމުގައި ދައްކުވައިދޭނީ ރޮބޮޓަކާއި އިންސާނެއްގެ ދެމެދު އުފެދޭ ގާތްގުޅުން ލޯތްބަށް ބަދަލުވެގެންދާ ހާދިސާއެކެވެ. ފިލްމުގައި ޝާހިދު ކަޕޫރު ރޮބޮޓިކްސް ސްޕެޝަލިސްޓެއްގެ ރޯލްއިން ފެންނައިރު ބަތަލާ ކްރިތީ ސެނޮން ފެނިގެންދާނީ ރޮބޮޓެއްގެ ރޯލްއިންނެވެ.
ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ އެކްޓަރު ދަރްމެންދްރާގެ ބަލި ޙާލަތު ތަންދޭ މިންވަރަކުން ފިލްމަށް ވަގުތު ދޭނެކަމަށް ފިލްމު ކްރޫގެ ފަރާތުންވަނީ ބުނެފައެވެ. މިސަބަބާހެދި އެކްޓަރަށް ފިލްމުގެ ކްރޫއިންނާއެކު އެހާގިނަ ވަގުތު ހޭދަނުކުރެވޭކަމަށްވެސް ކްރޫއާއި ޙަވާލާދީ މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ. އެހެންނަމަވެސް ޢުމުރުން 87 އަހަރުގައިވެސް ދަރްމެންދްރާގެ ޝޮޓް އެންމެ ފަހަރަކުން ޝޫޓްކޮށްލެވޭކަމަށްވެސް އެފަރާތުންވަނީ ބުނެފައެވެ.
ދަރްމެންދްރައާއި ޑިމްޕަލް 80އިގެ އަހަރުތަކުގައި އެކީގައި ފެނިގެންދިޔަ ފިލްމުތަކުގެތެރޭގައި، ފިލްމު "ސާޒިޝް"، "ގަންގާ ތެރޭ ދޭޝް މޭ"، "ބަޓްވާރާ" އަދި "ދުޝްމަން ދޭވްތާ" ހިމެނެއެވެ. ދަރްމެންދްރަގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި، ދަރްމާ ކުންފުނީގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ހިމެނެއެވެ.