ކެމެރޫންގެ ގައުމީ ޓީމުގެ ކޯޗާ ދެބަސްވެގެން ވޯލްޑް ކަޕް ސްކޮޑުން ބޭރުކުރި އެ ގައުމުގެ އެއް ނަންބަރު ގޯލްކީޕަރު، އަންޑްރޭ އޮނާނާ ގައުމީ ޓީމުން ރިޓަޔާ ކޮށްފިއެވެ.

އޮނާނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ގައުމު އިސްކުރާނެކަމަށެވެ.

އެ ގައުމު ކުރިއަށް ގެންދިއުމަށް ކުރިން މަސައްކަތްކުރި ވަރަށް ވުރެ ބޮޑަށް މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ބުންޏެވެ. އަދި ގައުމީ ޓީމާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓު އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހިތްވަރަށް އޭނާ ޝުކުރު އަދާކޮށްފައި ވެއެވެ.

އޮނާނާ އާއި ކެމެރޫންގެ ކޯޗު ރިގޮބާޓް ސޯންގްއާ ދެމެދު ދެބަސްވުން ހިނގަން މެދުވެރިވީ، އޭނާގެ ގޯލްކީޕިން ސްޓައިލާ މެދު ކޯޗު ހިތްހަމަ ނުޖެހުމުންނެވެ.

އޮނާނާ ވަނީ އޭނާގެ ސްޓައިލް ބަދަލު ނުކުރާނެކަމަށް ބުނެފައެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކެމަރޫން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އޮނާނާ ވަނީ ބޭރުކޮށްލައިފަ އެވެ. މެޗުގައި އޮނާނާގެ ބަދަލުގައި ކުޅެފައިވަނީ ކީޕަރު ޑާވިސް އެޕަސީ އެވެ.

އޮނާނާއާމެދު ކޯޗު ހިތްހަމަ ނުޖެހުނީ އޭރިއާ ބޭރަށް ނިކުންނަ ނިސްބަތް ގިނަވުމާއި، ފައިން ކުޅޭ ބޯޅަތައް ގިނަވުމުގެ ސަބަބުންނެވެ. އަދި ކޯޗު ވަނީ އޮނާނާއަށް ވީހާވެސް ބޮޑަށް ގޯލު ރައްކާތެރި ކުރުމަށް އިރުޝާދު ދީފައެވެ.

އޮނާނާގެ މައްސަލަ ހައްލުކުރުމަށް ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިންނާއި، ކުރީގެ ކުޅުންތެރިން ވެސް ވަނީ މަސައްކަތްކޮށްފައެވެ.

އުމުރުން 26 އަހަރުގެ އޮނާނާ ގައުމީ ޓީމުން ރިޓެއާވިއިރު އޭނާ ވަނީ 34 މެޗުގައި ކެމަރޫންގެ ގޯލު ބަލަހައްޓާދީފައެވެ.

ބާސެލޯނާގެ ޔޫތު އެކެޑަމީން ތަމްރީނުވެ، ބާސެލޯނާގެ ސްކޮޑުގައި ވެސް އޮނާނާ ވަނީ 2013 ވަނަ އަހަރު ހިމަނާފައެެވެ. ނަމަވެސް އޭނާއަށް އެއްވެސް މެޗަކުން ޖާގަ ނުލިބުމުން އޭނާ ބަދަލުބީ އަޔެކްސްއަށެވެ. 2015 ވަނަ އަހަރު އަޔެކްސްގެ ރިސާވް ޓީމަށް ކުޅުމަށްފަހު 2016 ވަނަ އަހަރު އޭނާ ވަނީ އަޔެކްސްއަށް ކުޅެން ފަށާފައެވެ. އެ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކަކުން އޮނާނާއަށް ފާރަލިއިރު މިއަަހަރު އޭނާ ވަނީ އިންޓަ މިލާނަށް ބަދަލުވެފައެވެ.