23 Dec 2022, 14:57
ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކޮރަޕްޝަންގެ މައްސަލަތައް ބަލާ، ފުރިހަމަ ތަހުގީގެއް ނުހިންގުނު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ މަހު އޮންނަ އެޕާޓީގެ ޕްރައިމަރީގެ ފޯރި ގަދަވެފައި ވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ހިޔާނާތުގައި ގެއްލުނު ފައިސާއަށް ވީގޮތް އިނގޭނީ ފުރިހަމަ ތަހުގީގަށް ހިންގާ، ދައުވާ އުފުލި، ހުކުމަކާއި ހަމައަށް ވާސިލުވެވުމުން ކަމަށެވެ.
އެކަމަކު، ރައީސަށް އެކަން ކުރެއްވިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވެންޓިލޭޓަރު ހިޔާނާތަށް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެ، ރައީސް ޞާލިހްގެ ދައުރު މި ނިމެނީ، އަދި މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައެއް ނެތް." ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސް ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް ސާބިތުވެފައެވެ. ނަމަވެސް ދައުލަތާއެކު ހަދައިފައިވާ އިއުތިރާފު އެއްބަސްވުމުގެ ސަބަބުން އެމީހުންގެ މައްޗަށް އިއްވާފައިވަނީ އަސާސީ މިންގަނޑަށްވުރެ ކުޑަ ހުކުމެކެވެ.
ދެ ބޭފުޅުން ވެސް 2019 ވަނަ އަހަރުގެ ކުރީކޮޅު ވަނީ ގޭބަންދަށް ބަދަލުކުރެވިފައެވެ.
ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ދައުވާކޮށްފައެއް ނުވެއެވެ. އެކަމަކު، ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން އެ މައްސަލައިގާ ދައުވާކޮށްދިނުމަށް ވަނީ ފޮނުވާފައެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނެ، އެ ހަތަރު ފަހަރު ވެސް ވަނީ މައްސަލަ އަނބުރާ ފޮނުވައިލައިފައެވެ. އެހެންވެ، ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ އޭސީސީން ވަނީ ފައިލްވެސް ކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައިވާއިރު، ރައީސް ޞާލިހާއި ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.
އެޕާޓީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޞާލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.