31 Jul 2010, 06:04
10:00
ބަދަލު ހިފުމުގެ ޝުޢޫރު އިސްކުރައްވައިގެން، ނުވަތަ އަމިއްލަ ސިޔާސީ ފައިދާއަކަށްޓަކައި ހަމަ ދިމާވި ބަޔަކު ފަނޑިޔާރުގޭގެ ދޮރާށި ހުޅުވާލައިގެން ވެއްދެވުމަކީ، އެކަމާމެދު، މާދަމާ ކަރުނައަޅަންޖެހޭނެ ކަމެއް ކަމަށް ބުނެ، ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަންކުރަމުންގެންދާ ގޮތަށް އަދާލަތު ޕާޓީން ފާޑުކިޔައިފި އެވެ.
ޖުޑިޝަލް ސާވިސްގެ މަސައްކަތްތަކަށް ފާޑުކިޔައި، އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން ކަމުގައި ވިއަސް އަދި އެނޫން މުއައްސަސާއެއް ކަމުގައި ވިއަސް ޢަމަލުކުރަންޖެހޭނީ، އަދި ޢަމަލުކުރަންވާނީ ވެސް ޤައުމާއި ރައްޔިތުންގެ ލާބައަށް ކަމަށެވެ. އަދި ތިމާމެންގެ އަމިއްލަ މަޤްސަދެއް ފުއްދާލުމަކަށް ނޫން ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
ޢަދުލު އިންސާފު ޤާއިމުކުރާނޭ ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގައި މިހާރު ތިއްބެވި ވަގުތީ ފަނޑިޔާރުން އެ ބޭފުޅުންގެ ޢުމުރަށް، ދާއިމީ ކުރުމުގެ ޕްރޮގްރާމެއް، ކަމުގެ މަސްއޫލިއްޔަތު ކޮނޑުއަޅާފައިވާ އެންމެ އިސް މުއައްސަސާ ކަމުގައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނުން، ކުރިއަށްގެންދާކަން ފާހަގަކޮށް، އެ ދެންނެވުމުގައި ބުނެފައިވަނީ، ތިމާމެންނަކީ ޤާޒީންގެ ވެރިންކަމުގައި ދެކޭނަމަ، އަދުލު އިންސާފުގެ ތަރާދަކީ ވަކި ފަރާތަކަށް ނުޖެހޭ ހަމަހަމަ އެއްޗެއްކަން އަންގައިދިނުމަކީ ތިމާމެންގެ އެންމެ ފުރަތަމަ ވާޖިބުކަމުގައި ދެކި، އެކަމުގެ ވަރުގަދަ ޢަޒުމު ހިތުގައި ބިންވަޅު ނަގަންވާނެ ކަމަށެވެ. އަދި އުފެދޭ ސުވާލަކީ ޤާނޫނީ އެއްވެސް ނިވަލެއް ލިބިފައިނުވާ ފަނޑިޔާރުގެތަކަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބި، ހިނގާނެ މަގާއި އުސޫލުތައް ޤާނޫނުން ކަނޑައެޅިފައިނުވާ ފަނޑިޔާރުންތަކެއް، ޖުޑީޝަލް ސަރވިސް ކޮމިޝަނުންގެ ފަރާތުން ދާއިމީ ބަޔަށް ހެއްދެވުމުގެ ކުރިން އެކޮމިޝަނުން ކަންކުރަންވާގޮތާއި އެކަމާމެދު ޤާނޫނު އަސާސީގެ ރޫޙު ހުރީ ކިހިނެއްކަން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވިސްނާލަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންނުން ކުރަމުންގެންދާ މަސައްކަތާ ބެހޭ މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް މުޖުތާޒު ފަހްމީ ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީއަށް ފެށިއިރު ތިބި ފަނޑިޔާރުންގެ ޝަރުތު އުނިކުރުމަށް ޤާނޫނެއް ހަދައިގެން، ޤާނޫނަކުން އެ ކަންތައް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އަދި ފަޑިޔާރުން އައްޔަން ކުރަމުން ގެންދަނީ ގާނޫނު އަސާސީން ލިބިފައިވާ ބާރުގެ ދަށުން ކަމަށާއި، އެކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފަނޑިޔާރުން އައްޔަންކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ އުސޫލުތަކެއްގެ މަތިން ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.