މިއީ ތަފާތު ހިޔާލުތަކަށް ފުރުސަތު ދޭ، ކެތްތެރި ވެރިކަމެއް ކަމަށާއި ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިިކަން ދަމަހައްޓަން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސަށް ތާއީދުކުރައްވާ ފަރާތްތަކުން އިސްނަގައިގެން ރޭ ބޭއްވި "ޖަގަހަ ޖަލްސާ"ގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ހަލަބޮލި ވެރިކަމެއް, ދެން ބޭނުންނުވާ ކަމަށެވެ. އަދި، ސިޔާސީ ވާދަވެރިން ޖަލަށްލާ، ހިޔާލު ތަފާތުވުންތަކަށް ފުރުސަތު ނޯންނަ ވެރިކަމެއް ދެކެން ބޭނުންނުވާ ކަމަށެވެ.

"ބޭނުން ވަނީ ހަމަޖެހޭ ވެރިކަމެއް، ތަފާތު ހިޔާލުތަކަށް ޖާގަދީގެން ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށް އިހްތިރާމު ކުރާ ވެރިކަމެއް، ގާނޫނު ހިންގާ ވެރިކަމެއް އަޅުގަނޑުމެން ބޭނުން ވަނީ، އެއީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ކެތްތެރި ކުޅަދާނަ ވެރިކަން،" މިނިސްޓަރ ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ މި ސަރުކާރު ދަމަހައްޓައިގެންނެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ވެރިކަމުގައި ބައިންދާފައި،" އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ޖަލަށްލާ، ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ، ޝަރުއީ ދާއިރާ ވެސް ހިސޯރު ކުރީ ކަމަށެވެ. އަދި، އެދުވަސް އަލުން ދެކެން ބޭނުންނުވާ ކަމަށެވެ.

"ދެކެފިން، ސިޔާސީ މީހުން ހައްޔަރުކުރި ތަން، ވަކި ބަޔަކަށް އެކަނި ގާނޫނު ހިނގި ތަން، ޝަރުއީ މުއައްސަސާތަކަށް ރައީސް އިހުތިރާމު ނުކުރިތަން، ރައްޔިތުންގެ މަޖިލީހަށް ސިފައިން ފޮނުވައިގެން މަޖިލީހުގެ މެންބަރުން އެ ތަނުން ނަގައި އުކި ތަން، އަޅުގަނޑުމެން ދެކޭކަށް ބޭނުމެއް ނޫން މި މަންޒަރެއް އަލުން،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައި, ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

މިހާތަނަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައިވަނީ އެޕާޓީގެ އެންމެ އިސް ދެ ލީޑަރުންނެވެ. ރައީސް ވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ކެމްޕޭން ފައްޓަވައިފައިވާއިރު އެޕާޓީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.

އެޕާޓީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.