23 Dec 2022, 13:38
މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކުރުމުގެ ގާބިލްކަން އެ އުއްމަތުގައި އެބައޮތް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ. އިސްލާމީ ފުތޫޙަތު ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ އެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށާއި މުސްލިމުންގެ މެދުގައި އެ އެއްބައިވަންތަކަން ނެތިގެން ދިއުމުން އިސްލާމީ ދައުލަތުގެ ގޮށްތައް މޮހި ބާރުތައް ނިކަމެތިވެ ކަފާސްވި ކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުއްމަތުގެ ވަހުދަތުގައްޔާއި އެއްބަނޑުއެއްބަފާކަމުގެ ގެތުންތަކުގައި އެބަހުރި ކަމަށް ޚުތުބާގައި ބުންޏެވެ.
"އެކަމަށްޓަަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިސްލާމީ ވަޙުދަތަށް ބޭނުންވާ ބިންގާ ވަރުގަދަކުރުން. އެކަމަށް ބޭނުންވާ އީމާންކަމުގެ އަސާސްތަކާއި ޝުއޫރުތައް ހަރުދަނާކުރުން،" ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި ބުނިގޮތުގައި ދަރީންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި އެ ދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަޙްދަތު ދަރީންނަށް ދަސްކޮށްދީ އެގޮތުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންނާއި އެދުރުންގެ މައްސޫލިއްޔަތެކެވެ. ޚުތުބާގައި ވަނީ އެ މައްސޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ގޮވާލައިފައެވެ.
މުސްލިމުން އެކަތިގަނޑަކަށް ހަދައިދެނީ އެ މީހުންގެ ވަޙުދަތުކަމަށާއި އެ ވަޙުދަތު ގާއިމުކުރަން ބޭނުންވާނަމަ އިސްލާމީ ރިވެތި އަޚުލާގުން ޒީނަތްތެރިވާން ޖެހޭ ކަމަށް މިއަދުގެ ޚުތުބާގައި ބުންޏެވެ.
އިސްލާމްދީން ގޮވައިލަނީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ ނަސްރު ދިނުމަށް ކަމަށް ޚުތުބާގައި ބުންޏެވެ. މުސްލިމުންނަށް އިސްލާމްދީނުގެ އަގީދާގެ މަތީގައި ސާބިތުކަމާއެކު ތިބެވުނީ އިސްލާމީ ވަޙުދަތުގެ ސަބަބުން ކަމަށް ޙުތުބާގައި ބުންޏެވެ.
އެހެންކަމުން މުސްލިމުންގެ މެދުގައިވާ އުޚުއްވަތްތެރިކަމުގެ މަތިން ހަނދާންކޮށް މުޖުތަމައުގައި އޮތް ޒަމާންވީ އަޚްލާގިއްޔަތަށް ތަބާވެ ތެދުބުނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސާހަތްތެރިވިއެވެ.