23 Dec 2022, 00:41
ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ޚަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭ އެންމެ ކުޑަ އަގަކީ އެއް މިލިއަން ޑޮލަރުގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގައިވާ ގޮތުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނީ، އެ މަޝްރޫއަކަށް އެ ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން އެ މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ޖުމްލަ ފައިސާ، ދައުލަތަށް ދައްކައި ޚަލާސް ކުރުމުންނެވެ.
ނަމަވެސް އިއްޔެ އެ ގަވާއިދު އިސްލާހު ކޮށްފައިވާއިރު އެ އިސްލާހުގައި ވަނީ ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދެއްކުމުގެ ކުރިން، ވަކި ޝަރުތުތަކެއް ހަމަވާނަމަ ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށް ބުނެ މާއްދާއެއް އިތުރުކޮށްފައެވެ.
އެގޮތުން ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭނެއެވެ.
އޭގެ އިތުރުން މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދައުލަތަށް ދައްކައި ޚަލާސް ނުކޮށްފިނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާތިލު ކުރަން ވާނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމެނުމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ރަށް، ފަޅު، ނުވަތަ އެ ބިން ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށް، ކުލީގެ އެއްބަސްވުމުގައި ހިމެނުމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
އެ މާއްދާގައިވާ ގޮތުން ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ރަށް، ފަޅު، ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، ކުލީގެ އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރާ ރައްދުނުކުރެވޭނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމަނަން ޖެހެއެވެ.
އެ ގަވާއިދުގެ ދަށުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕްލޭނިންގް މިނިސްޓްރީ ވަނީ އެއާޕޯޓްތަކެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަގަކީ ފަސް މިލިއަން ޑޮލަރު ކަމަށް ހަމަޖައްސާފައެވެ. ނަމަވެސް އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާއިރު އިއްޔެ ގެނައި އިސްލާހާ އެކު އެ އަދަދު ވަނީ އެއް މިލިއަން ޑޮލަރަށް ކުޑަވެފައެވެ.
އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ ހަ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް މިހާރުވެސް ބައެއް ކުންފުނިތަކާއެކު ސަރުކާރުން ވަނީ އެއްބަސްވުންތަކެއް ހަދާފައެވެ.