ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ބީއެމްއެލްއިން ޚާއްސަ އާންމު ޖަލްސާއެއް ބާއްވަން ތާވަލްކޮށްފައި ވަނީ, ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މަދުވާ ޑިރެކްޓަރަކު އައްޔަނުކުރުމަށެވެ. ސަރުކާރުން އިއްޔެ ވަނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، މެނޭޖިން ޑިރެކްޓަރު ކަމަށް ކާލް ސްޓުމްކަ އައްޔަނުކޮށްފައެވެ.

މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ, އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ, މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

ބީއެމްއެލްއިން ބުނީ މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެވޭނީ، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އިންފިނިޓީ ޕޯޓަލްއަކީ އެމްއެސްޑީގެ އޮންލައިން ޚިދުމަތް ފޯރުކޮށްދޭ ވެބް އެޕްލިކޭޝަނެވެ.

ހިއްސާދާރުންނަށް ޖަލްސާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން، އަންނަ ޖެނުއަރީ މަހުގެ އަށެއްވާ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އޮންނާނޭ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ އެޖެންޑާގެ ތެރޭގައި ހިމެނެނީ:

  • 39 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

  • ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކުރުން
  • ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދިނުން

ބީއެމްއެލްއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ބޭންކްގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ކަމަށެވެ.