22 Dec 2022, 21:41
ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ އެނބުރި އޭނާގެ "ބޯއިހުޑް" ކުލަބު, ބާސެލޯނާއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރިކަމަށް އެކުލަބުގެ ރައީސް ހުއާން ލަޕޯޓާ ބުނެފިއެވެ.
އާޖެންޓީނާއާއެކު ލިއޮނެލް މެސީ ވޯލްޑް ކަޕުގެ ތަށި އުފުލާލުމާ ގުޅޭގޮތުން ވާހަކަދައްކަމުން ލަޕޯޓާ ބުނީ، މެސީގެ ކާމިޔާބީއާމެދު އޭނާ ވަރަށް އުފާވާ ކަމަށާއި، މެސީ އެނބުރި ބާސާއަށް އައުން އެއީ ވަރަށް އުންމީދުކުރާ ކަމެއް ކަމަށެވެ.
އެހެންނަމަވެސް މި ފެށޭ 2023 ވަނަ އަހަރުގެ ތެރޭގައި އެކަން ވެދާނެ ކަމުގެ މާ ބޮޑު އުންމީދެއް ބާސާގެ ސަޕޯޓަރުން ނުގެންގުޅުމަށް ލަޕޯޓާ އެދިފައިވެއެވެ.
ލަޕޯޓާ އިތުރަށް ބުނީ، މެސީގެ ހިތުގައި ބާސާއާމެދު އޮތް ލޯބި، ކުޑަ މިންވަރަކަށް ވެސް ފަނޑުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންނަމަވެސް މެސީ އަދިވެސް ހުރީ ޕީއެސްޖީގެ ކޮންޓްރެކްޓެއްގައި ކަމާއި، މި ސީޒަނުގެ ނިޔަލަށް އެ ކޮންޓްރެކްޓް ދެމިއޮންނާނެކަން ލަޕޯޓާ ވަނީ ބާސާގެ ސަޕޯޓަރުންނަށް ހަނދާން ކޮށްދީފައެވެ.
އަދި މިއީ މާބޮޑު އުންމީދުތަކެއް ގެންގުޅެންވީ ވަގުތެއް ނޫން ކަމަށާއި، އެހެންނަމަވެސް ޕީއެސްޖީގެ ކޮންޓްރެކްޓެއްގައި ހުރި މެސީ ބާސާގެ ޖާޒީގައި ފެންނާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ލަޕޯޓާ ބުނެފައިވެއެވެ.
2000 ވަނަ އަހަރު ބާސާގެ ޒުވާން ޓީމަށް ކުޅެންފެށި މެސީ އެކުލަބު ދޫކޮށް، 21 އަހަރުފަހުން ބާސާގެ ޖާޒީ ނޫން ޖާޒީއެއްގައި ފެނިގެންދިޔައީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާއަށް ފަހުއެވެ.
މެސީ ބާސާ ދޫކޮށްލީ ސްޕެނިޝް ލަލީގާގެ ފައިނެންޝަލް ފެއާ ޕްލޭ ގަވާއިދުގެ ތެރެއިން މެސީއަށް ބާސާގައި މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ.
ބާސާގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން އެޓީމުގެ ހުރިހާ މެމްބަރުން ރޮއްވާލުމަށްފަހު 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު، ހިލޭ ޓްރާންސްފާ އެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާއަކީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ޓްރާންސްފަރ ފީއެއް މާކެޓް ވެލިއުގައި ހުރި ކުޅުންތެރިއެކެވެ.
ޕީއެސްޖީން މެސީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ހޯދީ ބާސާ އާއިއެކު މެސީ އެންމެފަހުން ހެދި ކޮންޓްރެކްޓުގެ މުއްދަތު ހަމަވެ، މެސީ ފްރީ އެޖެންޓަކަށް ވުމުންނެވެ.
ބާސާއާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި މެސީވަނީ އެޓީމަށް ކުޅެދިން 778 މެޗުން 672 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.
ބާސާގެ ޖާޒީގައި މެސީ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ. އަދި ސްޕެނިޝް ލީގު 10 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.
މެސީ ބާސާއަށް އައުމުގެ ހުފަވެފުނުގައި އެކުލަބު ރައީސްއާއި ކުޅުންތެރިންގެ އިތުރުން ހުރިހާ ސަޕޯޓަރުން ވެސް ތިބިއިރު، އިއްޔެގެ ވަގުތެއްގައި މެސީ ޕީއެސްޖީއާއެކު އެއްބަސްވުން އައުކުރުމަށް އަނގަބަހުން އެއްބަސްވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.