22 Dec 2022, 21:29
ހަފުތާ ބަންދުގައި ހުވަދު އަތޮޅު އުތުބުރީގެ ތިން ރަށަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ހުވަދު އަތޮޅުގެ ތިން ރަށަކަށް ދިޔުމަށް، މާދަމާގެ ވަގުތެއްގައި ރައީސް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އެއީ ގއ. ދާންދޫ، ގއ. ނިލަންދޫ އަދި ގއ. މާމެންދޫ އަށް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އެރަށްރަށުގެ ނިމިފައިވާ ތަރައްގީގެ މަޝްރޫއުތައް ރައީސް އިފުތިތާހު ކޮށްދެއްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ކައުންސިލް މެމްބަރުންނާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެހެނިހެން ބައެއް އިދާރާތަކަށް ވެސް ޒިޔާރަތް ކުރައްވާނެ ކަން ފާހަގަކޮށް މިއުވާން ވިދާޅުވީ އެ ދަތުރު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހު ރައީސް މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
އެއަށްފަހު އަންނަ ހޯމަ ދުވަހު ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މ. ކޮޅުފުއްޓަށް ރައީސް ވަޑައިގަންނަވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.