23 Dec 2022, 10:20
ގިނަބައެއްގެ މެދުގައި މަގުބޫލު ވީޑިއޯ ޕްލެޓްފޯމް ނެޓްފްލިކްސްގެ އެކައުންޓްތަކުގެ ޕާސްވޯޑް އެކަކު އަނެއްކަކަށް ހިލޭ ހިއްސާ ނުކުރެވޭ ގޮތަށް ހަދަން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނެޓްފްލިކްސްއިން ތައްޔާރުވަމުން ދަނީ އާ އަހަރަށް އެ ބަދަލު ގެނައުމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޕާސްވޯޑް ޝެއާކުރުން ނެޓްފްލިކްސްއިން ހުއްޓުވާނެ ކަމަށް އެ ރިޕޯޓުތަކުގައިވެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި ނެޓްފްލިކްސް އިން ޕާސްވޯޑް ޝެއާ ކުރުން ހުއްޓުވޭނެ ގޮތްތައް ހޯދަމުންދާއިރު، އެ ކުންފުނިން ރާވާފައިވަނީ އެކައުންޓްގެ ވެރިފަރާތް ނިސްބަތްވާ ގޭބިސީން ބޭރުގެ އެހެން ފަރާތްތަކަށް ނުވަތަ އެހެން ގެއެއްގެ ބަޔަކަށް އެއް އެކައުންޓެއްގެ ޕާސްވޯޑް ހިލޭ ޝެއާ ނުކުރެވޭ ގޮތް ހަދާށެވެ.
އަންނަ އަހަރުން ފެށިގެން އެގޮތަށް ޕާސްވޯޑް ޝެއާކުރެވޭނީ އިތުރަށް ފައިސާ ދައްކައިގެން ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. އެ ޚަބަރުގައިވާ ގޮތުން ނެޓްފްލިކްސްއިން ދަނީ ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައި ޕާސްވޯޑް ޝެއާ ކުރުމަށް އެޑް-އޮން ޕޭމަންޓްތައް ޓެސްޓްކުރަމުންނެވެ. އެ ބަދަލާއެކު، ނެޓްފްލިކްސް ޕާސްވޯޑް ޝެއާ ކުރާނަމަ ގާތްގަނޑަކަށް ތިން ޑޮލަރު އިތުރަށް ދައްކަން ޖެހެއެވެ.
ނެޓްފްލިކްސްއިން މި ބަދަލު ގެންނައިރު، އެކުންފުނިން ޕާސްވޯޑް ޝެއާ ކުރުމުގެ އުސޫލަށް އަމަލުކުރަނީ އައިޕީ އެޑްރެސް، ޑިވައިސް އައިޑީ އަދި އެކައުންޓް އެކްޓިވިޓީއަށް ބަލައިގެންނެވެ. ނެޓްފްލިކްސްއިން މިފަދަ ފިޔަވަޅުތައް އަޅަމުން ގޮސް، އެންމެ ފަހުން ޕާސްވޯޑް އެއްވެސް ގޮތަކަށް ހިއްސާ ނުކުރެވޭގޮތް ވެސް ހަދާނެކަމަށް ބެލެވެއެވެ.
އަނެއްކޮޅުން ނެޓްފްލިކްސް އާއި ޑިޒްނީ ޕްލަސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ޕާސްވޯޑް ޝެއާ ކުރުމަކީ އިނގިރޭސިވިލާތުގައި ގާނޫނާ ޚިލާފު އަމަލެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ވޯލްސްޓްރީޓް ޖާނަލްގައި ބުނެފައިވެއެވެ. އެގޮތުން ބްރިޓިޝް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސްތަކުން އަޕްޑޭޓްކޮށްފައިވާ ޕައިރޭސީ ގައިޑްލައިންތަކުގައި ވަނީ، ޑިޒްނީ ޕްލަސް ފަދަ ސްޓްރީމިން ޚިދުމަތްތަކުގައި ޕާސްވޯޑް ޝެއާކުރުމަކީ ކޮޕީރައިޓް ގާނޫނާ ޚިލާފު އަމަލެއްގެ ގޮތުގައި ގާނޫނީ ގޮތުން ބެލެވިދާނެ ކަމަށެވެ.
ޕާސްވޯޑް ޝެއާކުރުމުގެ ގާނޫނީ ހަމަތަކާ ބެހޭ ގޮތުން ޓޯރެންޓްފްރީކް އައިޕީއޯ އިން ބުނި ކަމަށް ވޯލްސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ، ޕާސްވޯޑް ޝެއާ ކުރުމުގެ މައްސަލައިގައި ޖިނާއީ އަދި މަދަނީ ގާނޫނުތަކުގެ ދަށުން އަމަލު ކުރެވޭނެ ގިނަ މާއްދާތަކެއް އެބަހުރި ކަމަށެވެ. އަދި އޭގެ ބޭނުމަކީ ކޮޕީރައިޓް ހިމާޔަތްކޮށްފައިވާ މަސައްކަތްތައް ފައިސާ ދެއްކުމަކާ ނުލައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުން ކަމަށް އެ ނޫހުގައިވެއެވެ.
އިނގިރޭސިވިލާތުގައި ސްޓްރީމިން ސާވިސް ޕާސްވޯޑް ޝެއާކުރާ ފަރާތްތަކުގެ މައްޗަށް މަކަރާއި ހީލަތް ހެދުން ނުވަތަ ކޮޕީރައިޓް ގާނޫނާ ޚިލާފުވުމުގެ ކުށުގައި ގާނޫނީ ގޮތުން ދައުވާ ކުރެވޭނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވާއިރު، ނެޓްފްލިކްސްއިން މީގެ ކުރިން ވަނީ، އަންނަ އަހަރުން ފެށިގެން ޕާސްވޯޑް ޝެއާކުރާ އެކައުންޓްތައް ދެނެގަންނާނެ ކަމަށް ބުނެފައެވެ.
ނެޓްފްލިކްސް ޕާސްވޯޑް ހިއްސާ ނުކުރެވޭނެ ގޮތް އަންނަ އަހަރު ހަދާނެކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެ ކުންފުނިން ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ކުންފުނީގެ ކުއާޓާލީ އާމްދަނީގެ ނަތީޖާ އިއުލާނު ކުރަމުން ބުނީ އަންނަ އަހަރުން ފެށިގެން "އެކްސްޓްރާ މެމްބަރަށް" (އެކައުންޓަށް އިތުރުކުރާ އެހެން ފަރާތަކަށް) ޕާސްވޯޑް ހިއްސާކުރާ އެކައުންޓްތަކުން އިތުރަށް ފައިސާ ނަގަން ފަށާނެ ކަމަށެވެ.