22 Dec 2022, 19:46
ސޯޝަލް މީޑިއާގައި މަޝްހޫރު ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީން، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާ ބޯޓެއް ގަންނަން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް 3.6 މިލިއަން ރުފިޔާ ހަވާލުކުރި ކަމަށެވެ. ނަމަވެސް ކައިޒީންގެ ރުހުމަކާ ނުލައި އެ ބޯޓު ރަޖިސްޓްރީ ކޮށްފައި ވަނީ އިބްރާހީމްގެ ނަމުގައި ކަމަށާއި އެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރުމަށް މައްސަލައިގައި އެދިފައިވެއެވެ.
ހަމައެއާއެކު އެ މައްސަލައި ގޮތެއް ނިންމުމުގެ ކުރިން، ކައިޒީންގެ ހުއްދައާ ނުލައި އުޅަނދާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރުމަށް މަސައްކަތް ކޮށްފި ނަމަ އެކަން ހުއްޓުވުމަށާއި މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ބޯޓުގެ ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ވަގުތީ އަމުރު ނެރެން އެދިފައި ވަނީ، ކޯޓުން ބޯޓުގެ ރަޖިސްޓްރީއާ ބެހޭ ގޮތުން ގޮތް ނިންމުމުގެ ކުރިން، އެ މައްސަލައިގައި އަޅަން އެދިފައިވާ ފިޔަވަޅުތައް ނާޅައިފި ނަމަ ކައިޒީންއަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެތީ ކަމަށެވެ.
އެ މައްސަލައިގައި އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޘަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ޒުލައިޚާ ޝީޒާ އިއްޔެ ނިންމެވީ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާން ޖެހޭ އާންމު ޝަރުތުތައް ފުރިހަމަވާ ކަމަށާއި އެހެންކަމުން، ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރުމަށެވެ.