22 Dec 2022, 20:00
އުރީދޫއިން މާދަމާ ބާއްވާ ފަން ރަންގެ ކިޓުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް 'ބީޗް ގްރޭންޑް އެން ސްޕާ' ގެސްޓްހައުސްގައި އެއް ރޭ ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނީ އެ ފުރުސަތު ހޯދުމަށްޓަކައި ފަން ރަން ކިޓުގެ ފޮޓޯއެއް، އޫރީދޫ ޓެގްކޮށް، ހޭޝްޓެގްއާއެކު 'އުރީދޫ ފަން ރަން' ޖެހުމަށްފަހު ސޯޝަލް މީޑިއާގައި ޝެއާކުރަން ޖެހޭނެ ކަމަށެވެ. އޭގެތެެރެއިން ހޮވާލެވޭ ނަސީބުވެރިއަކަށް 'ބީޗް ގްރޭންޑް އެން ސްޕާ' ގައި އެއް ރޭ ހުރުމުގެ ފުރުސަތާއި އެއް ގަޑިއިރުގެ ކަޕްލް މަސާޖަކާއި އެއް ގަޑިއިރުގެ ކަރޯކޭ ސެޝަނެއް ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ ފަން ރަންއަށް "ސްޓޭންޑަޑް ކިޓް"އަކާއި "ފަން ކިޓް"އެއް އެ ކުންފުނިން ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ހިމެނޭނީ ފަން ރަން ޓީޝާޓާއި އަތުގައި އަޅާ ބޭންޑެކެވެ. މި ކިޓުގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން އަތުގައި އަޅާ ބޭންޑަކާއި، ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އުރީދޫއިން ބުނީ ފަން ރަން އަކީ، އުރީދޫ ކަލާ ރަންއަށް ބަދަލުތަކެއް ގެނެސްގެން ބާއްވާ ދުވުމެއް ކަމަށެވެ.
މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ކުދިންނާއި މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ވެސް ދުވެފައި ވެސް ރޭސް ނިންމި ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
މާދަމާ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ އެ ދުވުމާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުންނާއި އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.