10 Apr 2012, 16:00
ފ. މަގޫދޫ ބޮޑުކަތީބު މަގޫދޫ ހުސްނުހީނާގޭ، މިގުދާދު އާދަމާއި، ކުޑަކަތީބު އެރަށު ޖަވާހިރުމާގޭ، ސައުދު އަލީ، ސެކްރެޓަރީ، އެރަށު ނަޝީދާ މަންޒިލް، ނަޝީދާ މޫސާގެ މައްޗަށް ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރީ އެބޭފުޅުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އިއްޔެ އެވެ.
ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެބޭފުޅުންގެ މައްޗަށް ދައުލަތުން ކުރީ އެ ބޭފުޅުންގެ ބެލުމުގެދަށުގައިވާ ދައުލަތުގެ ފައިސާ އެ އޮފީހުގައި ތިޖޫރިއެއް ހުއްޓައި ތިޖޫރީގައި ނުބަހައްޓައި ފައިލިން ކެބިނެޓްގައި ބަހައްޓާފައި ހުއްޓާ ރަށު އޮފީސް ފަޅާލައި އެ ފައިސާތައް ވަގަށް ނަގާފައިވާތީ އެއީ އެތިން ބޭފުޅުންގެ އިހުމާލުން ވީ ކަމެއްކަމަށް ބުނެއެވެ.
ފައިސާ ވަގަށް ނެގުމުން އެމީހުންގެ މައްޗަށް ދައުވާ ކުރީ 10000ރ. އަށް ވުރެ ގިނަ އަދަދަކުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ބުނެއެވެ.
ތިޖޫރީގައި ބަހައްޓަންޖެހޭ ފައިސާ ފައިލިން ކެބިނެޓްގައި ބެހެއްޓީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ބެހޭ ގަވާއިދާއި ޚިލާފަށް ކަމަށް ވެސް އެ ދައުވާގައި ވެއެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބުނަނީ އެ ގަވާއިދަކީ ގާނޫނީ ބާރު ލިބިގެން އާންމުކޮށް ޝާޢިއުކޮށްފައިވާ ގަވާއިދެއްކަން ދައުލަތުން ހައިކޯޓަށް ސާބިތުކޮށްދީފައި ނުވާތީ، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖިނާއީ ކޯޓުން ކުރި ހުކުމަށް ތާއިދު ކުރާކަމަށެވެ.