ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އޮތް ހަމައެކަނި މަގަކީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ގެނެސްގެން ކަމަށް ބަރުލަމާނީ ކަންކަމުގައި އޮޕަރޭޝަން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި ގާނޫނީ ވަކީލް، މުޙައްމަދު ނިޝާން އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކީ ރައީސް ނަޝީދެވެ. އެކަމަކު އެ ވިސްނުން ދޫކޮށްލެއްވުމަށް ފަހު އެމަނިކުފާނު މިހާރު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ފައްޓަވާފައެވެ.

ބަރުލަމާނީއަށް ތާއީދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކާބެހޭ ފަހުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން ނިޝާން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާތީ ނޫން ކަމަށާއި އަދިވެސް އެމަނިކުފާނުގެ 100 ޕަސެންޓް ތާއީދު އޮތީ އެ ނިޒާމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ގެނެވޭނެ މަގު ސަރުކާރުން ބަންދު ކުރުމުން ދެން އެކަން ކުރެވޭނެ އޮތް ހަމައެކަނި ގޮތަކީ ރައީސް ނަޝީދަށް ވެރިކަން ހަވާލުކުރުން ކަމަށެވެ.

"މިކަން ކުރެވެން ކުރިމަގުގައި ވެސް އޮތީ ސަރުކާރުން އެ ދީލާ ގޮތަށް ޕްރައިމަރީގައި ވާދަކޮށް އަދި ވެރިކަމަށް އައިސްގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ގޮތެއް ހެދުން. މިވަގުތު އެކަން ކުރެވެން އޮތް އިޖުރާތަކީ އެއީ ކަމަށް ގަބޫލުކުރެވޭތީ ރިޔާސީ ޕްރައިމަރީން ކުރިޔަށް ވަޑައިގަންނަވަން ނަޝީދު ނިންމެވީ،" ނިޝާން ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ ވެރިކަން ހިންގުމުގެ ތެރޭގަ ހުރި ބޭފުޅެއް ނޫން. އެމަނިކުފާނަށް ކުރެވޭނެ ކަމަކީ އެކަމަށް ގޮވައިލުން. އެކަމަށް ނަޝީދު ވަކާލާތު ކުރެއްވުމުން ސަރުކާރުން އިޖާބައެއް ނުދިން."

ރާއްޖޭގައި ހިނގާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެން ވޯޓެއް ނެގުމުގެ ބާރު ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރައީސް ނަޝީދުގެ ފުރިހަމަ ތާއީދާއެކު ބަރުލަމާނީ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް މާލެއާއި އަތޮޅުތެރޭގައި އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއްލައްކައަށްވުރެ، ގިނަ މީހުން ވަނީ ޕެޓިޝަންގައި ސޮއިކޮށްފައެވެ.

ނިޝާން ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ހޯދުމާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މިވަގުތަށް މަޑުޖައްސައިލީ ކަމަށާއި އެއީ ޕެޓިޝަންގައި ސޮއި ކުރުވިޔަސް ސަރުކާރުން ދޫ ނުދޭނަމަ އިތުރަށް ކުރިޔަށް ދެވޭނެ ގޮތެއް ނެތަތީ ކަމަށެވެ.

މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައީސް ނަޝީދު ޤަރާރެއް ހުށަހެޅުއްވިއެވެ.

އެ ޤަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ނަގާ ވޯޓުން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެ ބަދަލުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ އާއްމު ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ވެސް އެ ޤަރާރުގައި ވަނީ ބުނެފައެވެ.

ނަމަވެސް ފަހުން އެމަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި މަޝްވަރާއަށް ފަހު ނަޝީދު ހުށަހެޅުއްވި ގަރާރު ވަނީ އަނބުރާ ގެންދަވާފައެވެ.

މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި"އާސްކް ސްޕީކާ"ގެ ހަ ވަނަ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން އެ ޕާޓީގެ މެންބަރުން ގާތުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށާއި އެހެނަސް އެ ވައުދު ނުފުއްދޭ ކަމަށެވެ.