ނަފްސާނީ ސިއްހަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް ހާމަކުރުމަށްޓަކައި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމަޢު އަހުލުވެރިކޮށް، ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައަޅާނެ އިދާރާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ އިދާރާއަކީ ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރާނެ އިދާރާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ އިދާރާ އުފައްދާފައިވަނީ ސިއްހީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކޮށް، ނަފްސާނީ ސިއްހަތާ ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ އެއްބާރުލުން ހޯދައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ އިދާރާއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން ހިމެނެއެވެ. އަދި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ސިއްހީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުމަކީ ވެސް އެ އިދާރާގެ ޒިންމާއެކެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ސިއްހަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމަކީ ވެސް އެ އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައަޅާނީ ވެސް އެ އިދާރާއިންނެވެ.

އެ އިދާރާއިން ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޚިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. އަދި އެއީ ނަފްސާނީ ސިއްޙަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭނެ ޑިޕާޓްމަންޓުކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.