ސައުދީ އަރަބިއްޔާގެ އަލް ނަސްރުން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމަށް، ކުރިއަށްވުރެ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މީގެކުރިން އަލް ނަސްރުން ރޮނާލްޑޯއަށް ހުށަހަޅާފައި ވަނީ އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް، ދެ އަހަރާއި ބައިގެ މުއްދަތަކަށް ދިގުދެމިގެންދާ ގޮތަށް އެކުލަވާލާފައިވާ ކޮންޓްރެކްޓެކެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު މި ހުށަހެޅުމަށް ރޮނާލްޑޯ އެއްބަސްވެފައި ނުވާއިރު، އިއްޔެގެ ވަގުތެއްގައި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ، ރޮނާލްޑޯގެ ގާތް ފަރާތްތަކާއެކު އަލް ނަސްރުން އަލުން މަޝްވަރާތަކެއްކޮށް، ކުރީގެ ހުށަހެޅުމަށް ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކޮށްފައެވެ.

މި މަޝްވަރާތަކަށްފަހު ރޮނާލްޑޯ ހޯދުމަށް ހުށަހެޅި ހުށަހެޅުމަށް އަލް ނަސްރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބޭރުގެ ބޮޑެތި މީޑިއާތަކުން މިވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން އައު ހުށަހެޅުމުގައިވާގޮތުން، ދެ އަހަރާއި ބައިގެ މުއްދަތުގެ ބަދަލުގައި، ހަތް އަހަރަށް މި ކޮންޓްރެކްޓު ދިގުދަންމާލަން އަލް ނަސްރުން ވަނީ ހުށަހަޅާފައެވެ. އެހެންނަމަ ވެސް މި ކޮންޓްރެކްޓުގެ ދަށުން ރޮނާލްޑޯ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅޭނީ ހަތަރު އަހަރު ކަމަށާއި، އެއަށްފަހު ދެން އޭނާ އެކުލަބުގެ އެމްބަސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަދި ކުޅުންތެރިއެއްގެ ގޮތުގައި އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ހަތަރު އަހަރު ވަންދެން ރޮނާލްޑޯއަށް ދިނުމަށްފަހު، އެމްބަސެޑަރެއްގެ ގޮތުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި އެ އަދަދު އިތުރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް އިތުރުވާ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަލް ނަސްރުގެ އެމްބަސެޑަރެއްގެ ގޮތުގައި ރޮނާލްޑޯ ހަމަޖެއްސުމުގެ ބޭނުމަކީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރަން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ހޯދުމެވެ.

މި ފަހުން ނިމުނު ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ އަލް ނަސްރާ އޭނާ ގުޅެން އުޅޭކަމަށް ބުނެ ފަތުރަމުންދިޔަ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކުރިމަގާމެދު ވިސްނާނީ ވޯލްޑް ކަޕަށްފަހުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

ވޯލްޑް ކަޕުގައި ޕޯޗުގަލް ކުޅެން އޮތް ފުރަތަމަ މެޗަށް 24 ގަޑިއިރަށްވެފައި ވަނިކޮށް އޭނާ ކުރިން ކުޅެމުން އައި ކުލަބު، މެންޗަސްޓާ ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާއި އެކުލަބާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން ހާމަކޮށްފައެވެ. މި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެ ފަރާތުން މަޝްވަރާކުރުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.

އުމުރުން 37 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކުރިއިރު، މި އަހަރު ފެށުނީއްސުރެ އެ ދެ ފަރާތުގެ ދެމެދުގައި އައީ މައްސަލަތައް ފުނި ޖެހެމުންނެވެ.

އެގޮތުން ޔުނައިޓެޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމާއި ގުޅިގެން ރޮނާލްޑޯ އެ ކުލަބު ދޫކޮށްލަން މި އަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި މަސައްކަތް ކުރި ކަމުގެ އަޑުތައް ފެތުރުނު އިރި މިއީ މި މައްސަލަތަކުގެ ފެށުން ކަމަށް ބެލެވެއެވެ.

އަދި އޭގެފަހުން ޔުނައިޓެޑުގެ ކޯޗު ކަމާއި އެރިކް ޓެން ހާގް ހަވާލުވި ހިސާބުން، މި މައްސަލަތައް އިތުރަށް ބޮޑުވާން ފެށިއެވެ.

މި މައްސަލަތަކުގެ ހުޅު ފަޅައިގެން ދިޔައީ، ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް ޕިއާސް މޯގަންގެ ''90 މިނެޓްސް'' ޕްރޮގްރާމަށް ދިން އިންޓަވިއު އާއި ގުޅިގެންނެވެ.

މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ އޭނާއަށް ޔުނައިޓެޑުން ''ބޭވަފާތެރި'' ވެފައިވާ ކަމަށާއި، ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އިހްތިރާމް ނުކުރާ ކަމަށް ބުނެފައެވެ.

ސައުދީ ކުލަބުތަކުން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ މިހާތަނަށް އެއްވެސް ކުލަބަކަށް ބަދަލުވާން އެއްބަސްވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ސަބަބަކި އަދިވެސް ރޮނާލްޑޯ ބޭނުންވަނީ ޔޫރަޕުގެ ކުލަބަކަށް ކުޅެ، ޗެމްޕިއަންސް ލީގުގައި އޭނާގެ ހުނަރު ދެއްކުމަށް ބޭނުންވުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ ރޮނާލްޑޯ ސީނިއާ ކެރިއަރު ފެށިފަހުން ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.