22 Dec 2022, 16:28
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕޭން ޖަލްސާތައް މިރޭ ފަށަން ނިންމައިފިއެވެ.
އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައި, ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.
މިހާތަނަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައިވަނީ އެޕާޓީގެ އެންމެ އިސް ދެ ލީޑަރުންނެވެ. ރައީސް ވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ކެމްޕޭން ފައްޓަވައިފައިވާއިރު އެޕާޓީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީއަށް ތާއީދު ފޯމު ފުރުމުގެ މަަސައްކަތް ކުރައްވަމުންނެވެ.
ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ރައީސް އެންމެ ފުރަތަމަ ފާޅުކުރައްވައިފައިވަނީ މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެދުވަހަށް ފަހުގައި އެމަނިކުފާނުގެ އަރިސް ބޭބޭފުޅުން ގެންދަވަނީ ނުރަސްމީކޮށް ކެމްޕޭން ކުރައްވަމުންނެވެ.
ކެމްޕޭނާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ރައީސް ޞާލިހްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ، އެޕާޓީގެ ކުރީގެ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ވަރަށް ފޯރީގައި މަގުމަތީ ހަރަކާތްތައް ބާއްވާ ޕާޓީއެއް ކަމަށެވެ. އެހެންވެ. އެ ފޯރިއާއި ޖޯޝު އިއާދަކުުރުމަށް ރައީސްގެ ކެމްޕޭން ޖަގަހަ ޖަލްސާތައް މިރެއިން ފެށިގެން މުޅި ރާއްޖޭގައި ބާއްވާނެ ކަމަށެވެ.
"މިރޭ މިއޮތީ އަޅުގަނޑުމެންގެ ފުރަތަމަ ޖަގަހަ ޖަލްސާ. މިއަދުން ފެށިގެން، އަޅުގަނޑުމެންގެ ހުރިހާ ޖަގަހަތަކާއި ހަރުގެތަކެއްގައި ޖަލްސާތައް ކުރިޔަށް ގެންދާނަން" އޭނާ ވިދާޅުވިއެވެ.

ރީކޯ މޫސާ މަނިކު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މޫސަ ވިދާޅުވީ މިރޭގެ ޖަލްސާއަކީ ރައީސްގެ ސަޕޯޓަރުންނަށް ޚާއްސަކޮށްގެން ކެމްޕޭންގެ ފޯރި އާލާ ކުރުމަށްޓަކައި ބާއްވާ ޖަލްސާއެއް ކަމަށެވެ. އެހެންވެ، މި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަން މިހާތަނަށް ނިންމައިފައިނުވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ވަރަށް ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޞާލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެހެންވެ، އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ.