ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވެގެން ދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުލުންނާއި ސިފައިންނަކީ ބާޣީން ކަމަށް ސިފަކޮށް، ފުލުހުންގެ 79 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ސަރުކާރުން އިހުމާލްވެފައިވާ ކަމަށް ބުނެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ، ދެ މަސް ދުވަސް ފާއިތުވެ ދިޔައިރު ވެސް، ފެބްރުއަރީ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހުގެ ވާހަކަތައް ދެއްކެނީ މައިގަނޑު އެއްކަމެއް ކުރަން ފަސްޖެހެމުން ދާތީ ކަމަށެވެ. އެ ކަމަކީ ވީހާވެސް ގިނަ ސިޔާސީ ފިކުރުތައް ބައިވެރިވެވޭ، ހުޅުވާލެވިފައިވާ ފުރިހަމަ އިންސާފުވެރި ތަހުހީގެއް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ނުކޮށް ކިތަންމެ އިންތިހާބެއް ބޭއްވި ނަމަވެސް 7 ވަނަ ދުވަހާއި 8 ވަނަ ދުވަހުގެ ކަންތައްތަކަށް ބެލެވޭނީ ޝައްކުގެ ނަޒަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ފިކުރުތަކަށް އެއްބަސް ނުވެވޭ ނަމަ، ބައިނަލްއަގްވާމީ މުޖުތަމައުގެ ބެލެނިވެރިކަން ވެސް އޮންނަ ގޮތަށް މިކަން ހިނގާ ނުހިނގާފައި އޮތް ގޮތް ސާފުކޮށް ބަޔާންކޮށް ތަހުގީގު ކުރާށޭ. އެ ތަހުގީގުގެ ނިޒާމަކީ ގަބޫލު ކުރެވޭ އުސޫލުތަކަކުން ހިނގާ، ބަލައިގަނެވޭ އުސޫލުތަކަކުން ހިނގާ، ހާމަކަން ބޮޑު އެއްޗަކަށް ވާންވާނެއޭ. ބައިބައި ވެފައިމިވާ ސިޔާސީ ފިކުރުތަކަށް ފުރިހަމައަށް އިތުބާރު ކުރެވޭ މަރުހަލާތަކެއްގެ ތެރެއިން ހިނގާ ތަހްގީގަކަށްވާންވާނެ. ހިނގައި ދިޔައީ ގޯސްކޮށް ކޮންކަމެއްތޯ ބަލާށޭ. ގޯސްކޮން ކަން ކުރީ ކޮންބައެއްތޯ ބަލާށޭ. މިކަން ނުކޮށް ކިތަންމެ އަވަހަށް އަޅުގަނޑުމެން އިންތިހާބެއް ބޭއްވިއަސް އަދި ދެ އަހަރު ފަހުން އިންތިހާބެއް ބޭއްވިއަސް ތާއަބަދަށް މިރާއްޖޭގައި ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހުގެ ވާހަކަ ޝައްކުގެ ނަޒަރަކުން ނޫނީ ނުދެކޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަދި ވިދާޅުވީ، ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެނެސް، އެ ކޮމިޝަނަށް ހަވާލު ކުރަން ޖެހޭ އިތުރު ބާރުތައް ހަވާލުކޮށް، ވީހާ ވެސް ގިނަ ސިޔާސީ ފިކުރުގެ މީހުންނަށާއި ގާނޫނީ ފިކުރުމުގެ މީހުންނަށް ބައިވެރިވެވޭ ގޮތް ހަދައިގެން ނޫނީ ހިޔާލު އުފެދިފައިވާ މައްސަލައަށް ގަބޫލު ކުރެވޭވަރުގެ ހަލެއް ނާންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނަށް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނެޝަނަލް ކޮމިޝަން އޮފް އިންކުއަރީސްގެ ނަމުގައި މި ހިންގާ ކޮމިޝަނުން މިކަން ކުރެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކޮމިޝަނަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެނެސް، އެކޮމިޝަނަށް ހަވާލު ކުރަން ޖެހޭ އިތުރު ބާރުތައް ހަވާލުކޮށް އެ ކޮމިޝަނުގެ ބައިވެރިވުން ވީހާ ވެސް ފުޅާކޮށްގެން، ވީހާވެސް ގިނަ ސިޔާސީ ފިކުރުމުގެ މީހުންނަށާއި ގާނޫނީ ފިކުރުމުގެ މީހުންނަށް ބައިވެރިވެވޭ ގޮތް ހަދައިގެން ނޫނީ އަޅުގަނޑުމެން އެންމެންނަށް ގަބޫލު ކުރެވޭވަރުގެ ހަލެއް މިކަމުގައި ލިބޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އަދި އެ މައްސަލައާ ގުޅޭ ގޮތުން، ގަބޫލުކުރެވޭ ނިޒާމެއްގެ ތެރެއިން ހިނގާ ތަހުގީގެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީޙުގެ ފެންވަރުގައި އެ ތަހުގީގަކަށް އެއްބާރުލުން ދީ އެ ތަހުގީގު ކުރިއަށް ގެންދެވޭނެ މަގުތައް ކަނޑާއަޅައިދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މުހައްމަދު ޝިފާޒު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު ނިމުމުން، އެ މައްސަލައަށް ވާހަކަ ދެއްކެމަށް ބޭނުންވެފައިވާ ހުރިހާ މެންބަރުން ނިމެންދެން ބަހުސް ދިގު ކުރުމަށް މެންބަރަކު ހުށަހެޅި ނަމަވެސް އެގޮތަށް ފާހެއް ނުވި އެވެ. އެކަމަށް ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން ބަހުސް ދިގުކުރަން ވޯޓު ދިނީ 26 މެންބަރުންނެވެ. ނަމަވެސް ބަހުސްގެ ވަގުތު ދިގު ކުރަން ނުފެންނަ ކަމަށް 28 މެންބަރުން ވޯޓު ދެއްވި އެވެ.
މިއަދުގެ ޖަލްސާގައި އާބިޓްރޭޝަންގެ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.

ދޭތެރެ ދޭތެރެ އިން ކޯރަމް ގެއްލިގެން ދިޔަ މިއަދުގެ ޖަލްސާ ވެސް ނިންމާލީ ކޯރަމް ގެއްލިގެންނެވެ.