ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ބައެއް ގަޑިތަކުގައި އެ މަގުގެ އެއް ލޭން ބަންދުކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލްގެ ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ މަގުން ހުޅުމާލެއިން މާލެ ދަތުރުކުރާ ފަޅީގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.

އެ ލޭން ބަންދުކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ދުވާލުގެ ވަކި ވަގުތުތަކެއްގައެވެ.

މިގޮތުން ހެނދުނު 9:30އިން ފެށިގެން 11:30އަށް އަދި، މެންދުރު 13:30އިން ފެށިގެން 16:30 އަށް އެ ލޭނު ބަންދުކުރާނެއެވެ.

ހައިވޭގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދު

އަންނަ އާދިއްތަ ދުވަހު މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތަށް ކަނޑައެޅިފައި ވަނީ ކަމާގުޅޭ އެންމެހާ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރުމަށް ފަހުއެވެ. އަދި އެ ގަޑިތަކުގައި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެކަމާ ގުޅޭ އެއްމެހައި އިދާރާތަކުން އިލްތިމާސްކުރެއެވެ.

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ފަށާފައިވާ މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ 'އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ' (އެސްޕަޔާ) މަޝްރޫއުގެ ދަށުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް އަދި ހުޅުމާލޭގެ ބައެއް ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ގާއިމްކުރެވޭ ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމްގެ މަޝްރޫއެކެވެ.

މިމަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި މިނިސްޓްރީއާއި އެންސިސް ކުންފުންޏާއެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.