26 Dec 2022, 09:23
"ދިރިއުޅުމުގައި އެއްވެސް ކަމެއް ލަސްވެއްޖެނަމަ އެކަމުގައި ކޮންމެވެސް ހެޔޮކަމެއްވާނެއެވެ. އޭގައި ކޮންމެވެސް ފައިދާއެއް ވެދާނެއެވެ. މިވަގުތު އެމީހަކަށް އެކަމެއް ނޭގުނަސް އިންތިޒާރުކުރަން ޖެހުނީ ކީއްވެކަން ﷲ ސުބުހާނަހޫ ވަތައާލާ އެމީހަކަށް ދައްކަވާނެއެވެ. ކެތްތެރިވާށެވެ. ތިބާއަށް ދެއްވާނެ ހެޔޮ ރަހުމަތާއި ނިއުމަތްތައްވަނީ ދާދި ކައިރީގައެވެ."
***
އަދާރާ އަމިއްލަ ނަފުސާއިމެދު ވިސްނުމުން ކުށްވެރި އިހުސާސެއް ކުރެވުނެވެ. އޭނަވެސް ދާނިޔާފަދަ މާތް ކުއްޖަކަށް ވާނެނަމައެވެ.
"ޝޭޚެއްގެ ކުއްޖަކަށްވީމަ ދީނީ ބައި ވާރުތަވީ....ހެހެ."
"އެއީ ވާރުތަވަ ކަމެއް ނޫން..ކޮންމެ މީހަކަށް އެ ނަސީބު ހޯދެން އެބައޮތް. ތަގުވާވެރިން އަސްލު މިޒަމާނުގައި މަދު ދޯ. އަހަރެންވެސް މަސައްކަތްކުރަން އެކަމަކު އަދި އީމާންކަން ދަށުގައި އުޅެނީ...އަދާ ދެން ކިހިނެއް ހަދަނީ؟"
"ހުސާމް މެރީކުރަން އުޅެނީ. އަހަރެން ބޭނުން ރިވެންޖް ނަގަން..."
"އަހަރެން ޚިޔާލެއް ދީފާނަން...."ދާނިޔާގެ ލޮލުގެ ވިދުންގަދަވިއެވެ."މިއަށް ވުރެ މޮޅަށް އަދާރާއަށް ރިވެންޖް ނެގޭނެ ގޮތެއް ނެތްކަން ޔަގީން. އެކަމަކު އަދާ ވަރަށް ސްޓްރޯންގްވާން ވާނެ އިނގޭ.ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމުން ކޮންމެ ކަމެއްވެސް ވެދާނެ. ﷲގެ ރަހުމަތުން މާޔޫސް ނުވައްޗޭ އިނގޭ..މިގޮތަށް ހަދަން ކެރޭނެތަ؟"
ދާނިޔާގެ ވާހަކަތައް އަހަން އިން އަދާރާގެ މޫނުގެ ކުލަ ހުދުވިއެވެ. އެ ރޭވުމުގައި ބައިވެރިވާން ފަސޭހަނުވިޔަސް ދާނިޔާ ބުނި ވާހަކަތަކުގައި ބުރަދަން ހުރިކަމަށް ގަބޫލުކުރެވުނެވެ.
***
އެދުވަސްކޮޅު އާރިސްގެ މިޒާޖުވެސް ކޮންމެެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވިއެވެ. ތެރަޕީ ހޯދާ ގަވާއިދުން ބޭސްކާތީ ކަން ނޭގެއެވެ. ޝުވޭކާރު އާރިސް ހައްލާލައިގެން ގަޑިން ބޭސްދީ ތެރަޕިސްޓު ގެންގެން ވާހަކަދައްކާއިރު އައްޔާޝް އާރިސްއަށް ބާރު އަޅަމުން ދިޔައީ ރުގުޔާ އަޑުއެހުމަށެވެ. ރުގުޔާގެ އާޔަތްތައް ތަކުރާރުކޮށް ކިޔަވަން ފެށުމުން އާރިސްއަށް އިވޭ އަޑުތައް ދުރުވާކަމަށް އޭނަވެސް އެއްބަސްވިއެވެ. ހުސާމްއަށް އެކަން ވީ ބިރުގަންނަކަމަކަށެވެ. ކޮޓަރީގެ ދޮރުމައްޗަށް އަރާފައި ގައިން ހީބިހިނެގިއެވެ.
"ކޮންކަމެއް ތިއީ؟"
"ރުގުޔާ އަޑުއެހީމަ ޝައިތާނުން ފިލަން ދުވާނެ. ތީ ހަމަ ޑެވިލްއެއް އިނގޭ.........."ހުސާމްގެ ހަރަކާތްތަކަށް ފާރަލައިގެން ހުންނަ މިނަލް ފަހަތުން އައިސް ހުސާމްގެ އަތުގައި އެލިގަތެވެ. އަތުގައިވާ އަގުބޮޑު ގަޑިއާއި ކުޅެންފެށިއެވެ."ޔޫ ސްމެލް ސޯ ގުޑް...ކީއްވެތަ؟"
އައްޔާޝް ކޮޓަރިން ނުކުމެ ދޮރު ލައްޕައިލި ވަގުތު އެ ޖުމްލަ ރީއްޗަށް ކަންފަތުގައި ޖެހުނެވެ. އެ ޖުމްލައިން ބަޔާން ނުކުރެވޭފަދަ ނުތަނަވަސްކަމެއް ހިތަށް ލިބުނެވެ. މިއީ ކޮއްކޮއާއި ބޭބެއެއްގެ ގުޅުން އޮންނަންވީ ގޮތްހެއްޔެވެ؟
"ހާދަ ބާރަކަށޭ އާރި ގުރުއާން ޖަހަނީ؟ ތަންކޮޅެއް އަޑުމަޑުކޮށްލާށޭ ދޮންބެ ބުނަންވީނު.."ހުސާމް އަނގަޔަށް ގޮތެއް ހަދައިލިއެވެ. އޭރުވެސް މިނަލް ހުސާމްގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައީ އެހެން މީހަކަށް ފާހަގަކުރެވިދާނެކަމަށް ރޭކާވެސް ނުލާ މައުސޫމް ވިސްނުމެއްގައެވެ.
"ގުރުއާންއާއި މިއުޒިކާއި އެކީގައޭ ބުނާމީހާއަށް ގުރުއާންގެ އަޑު އިވުމުން އުދަގޫވެގެން ދުރަށް ތިދަނީ. އެކަމަކު އެހެން މީހުން ކަންފަތް ފަޅައިގެންދާވަރަށް މިއުޒިކް މިގޭތެރޭ ޖެހިޔަސް އޯކޭ. ސޭމް. ތިއީ ކޮންކަހަލަ ވިސްނުމެއްތަ؟ އެންމެ ފަހަރަކުވެސް ތިމާ ހެއްދެވި ފަރާތާއިމެދު ޚިޔާލުކޮށްބަލަ. އެފަރާތުގެ ބަސްފުޅާއިމެދު ފިކުރު ހިންގައިލަން ގުރުއާންގެ އެންމެ އާޔަތެއްގެ މާނަވެސް ބަލައިލަބަލަ. މިއުޒިކް ހުއްޓާލާފައި ތައުބާވެ ލަސްވުމުގެ ކުރިން ޓާން ޓު ﷲ.........މީހުންގެ ރުހުމާއި ލޯބި ހޯދުމުގެ ބަދަލުގައި ތިމާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަންވާނީ....."
އައްޔާޝްގެ ނަޒަރު މިނަލްގެ އަމަލުތަކަށް ހުއްޓުނީ ކުއްލިއަކަށް މިނަލް ހުސާމްގެ މެޔަށް ލެނގިލިގޮތުންނެވެ. މިނަލް ލައިގެން ހުރި ކުރު ސޯޓުކޮޅާއި އަތެއްނެތް ޓޮޕްކޮޅުން ހަށިގަނޑުގެ ބޮޑުބައި ހުރީ ހާމައަށެވެ. ހުސާމްއާއި މިނަލްގެ އެ ގައިގޯޅިކަމާއިމެދު ހިތުގައި ޝައްކާއި ވަހުމް އުފެދުމާއެކު އުދަގޫތަކެއް އިހުސާސްވިއެވެ. ލޭގެ ގޮތުން އެއްވެސް ގުޅުމެއް ނެތްއިރު މި ގުޅުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ. ދީނީ ނަޒަރަކުން ބަލާއިރު ހުއްދަކަމެއްވެސް ނޫނެވެ.
"މިނަލް މިހާރުވެސް ފަހަތުން މިއުޅެނީ ޕިއާނޯ ނުކުޅެވިގެން. ކިހިނެއް ހުއްޓައިލާނީ......."ހުސާމް ނުތަނަވަސް ހުނުމަކާއިއެކު މިނަލްގެ އަތް މަޑުމަޑުން ނައްޓުވައިފިއެވެ.ހުސާމްގެ ގަޔަށް ލެނގިލުމުން ހުސާމް ދުރުކޮށްލަމުން ހިނގައިގަތެވެ. އައްޔާޝް ވަގުތުން އޭނަގެ މަންމައާއި އެވާހަކަ ދައްކަން ނިންމިއެވެ. ބޮޑުވަމުން އަންނަ އަންހެންކުއްޖަކު ރަގަޅުގޮތުގައި ތަރުބިއްޔަތުކުރުމަކީ މަންމައެއްގެ ވާޖިބެކެވެ. ނިވާކަމެއްނެތް ގޮތަށް ހެދުން އަޅާ ހިލޭ ފިރިހެނުންނާއި އެގޮތަށް ގާތްވެގެން އުޅުމަށް ފުރުސަތު ދެވިގެންނުވާނެއެވެ. އެންމެ ރަގަޅެވެ. ހުސާމް މިނަލްއާއިމެދު ދެކެނީ ކޮއްކޮއެއްގެ ނަޒަރުންކަމަށް ވެދާނެއެވެ. އެހިތް ފަޅާ ބެލުމަކީ ކުރެވޭނެކަމެއްނޫނެވެ. ނަމަވެސް އައްޔާޝްއަށް އެނގެނީ ދީނުގައި މި ގުޅުން ހުއްދަނުވާނެކަމެވެ. ވީއިރު އެކަން ހުއްޓުވަމީ ބޭބެއެއްގެ ގޮތުން އޭނަގެ ފަރުޟެކެވެ.
***
އާރިސްއާއި ޖުއާނާގެ އެންގޭޖެމެންޓަށްފަހު ކައިވެނީގެ ހަފްލާވެސް ބޮޑު ޕާޓީއެކޭ ތަފާތެއްނެތެވެ. އެރޭވެސް ދެފަރާތުގެ އާއިލާއާއި އެކުވެރިންނާއި ސަރުކާރުގެ އެތައް އިއްޒަތްތެރިންނަށް ދައުވަތުދެވުނެވެ. އާރިސްއާއި ޖުއާނާގެ ރީތިކަމަށް ތައުރީފުކުރި ދޫތައް އެހާ ގިނައެވެ. އަދާރާއަށް ކުރެވުނުކަމަކީ އެ މަންޒަރު ބަލާފައި ހިތުން ކަރުނަ އެޅުމެވެ. ހުސާމްއާއި ޖުއާނާގެ ކޮޓަރިއަށް ވަދެފައި އާޝޯޚުވެ ތަލިން ކުޅު ހިކުނެވެ. ބޮޑު ލޯ އެތައް ގުނަ ބޮޑުވެ ފުންމާލަފާނެހެން ހީވިއެވެ. ކޮޓަރި ތެރެ ރަތްކުލަ ގަދަކަމުން ހުޅުދާންވެފައިވާހެން ހީވިއެވެ. އެލުވާފައިވާ ރަތް ފުއްޕާހަންތަކާއިއެކު އެއްފަރާތުގައި ބިންމަތީގައި ބިއްލޫރި ކަންވާރުތަކުގައި ހުރި ބޮޑެތި އުއްބައްތީގެ ރަތް އައްޔާއެކު ހުދު ފޮތިގަނޑާއި ތުނި ސަދުވާ ދަމާފައިވާ އެނދުވެސް އެހާ ޝާހީކަން ގަދައެވެ. އެނދުމަތީގައި ރަތްފިނިފެންމަލުގެ ބުކޭއެއް ހިތެއްގެ ބައްޓަމަށް ހަދާފައިވާތަން ފެނުމުން އަދާރާގެ ލޮލުން ކަރުނަ ހިލުނެވެ. އެތެރެއަށް ވަންނަން ފައި ޖެއްސުނީ ފިނިފެންމަލުގެ ބޯ ދޫލައެއްގެ މަތީގައެވެ. ރަތް މުތްތަކެއްފަދައިން ދަޅަ އަރާ އެތައް މިލިއަން މާ ފިޔަތަކުގެ ތެރެއަށް ފައިތިލަ ގަނބައިގަތެވެ.
"ވާއު.....ބްރެތްޓޭކިން. "ހުސާމްގެ ދެބެންގެ ދެދަރި އަންހެންކުއްޖަކު ފޯނުން ފޮޓޯ ނަގަންފެށިއެވެ." މޮޔަވެދާނެ...."
"އަދި މިރޭ ޖޫނީ ނިދަންލާ ހެދުންވެސް ބްރޭންޑެޑް އަދި ރަތްކުލައިގާ.....ޕަފެކްޓް ހަމަ........."އަނެއްކުއްޖާ ތުއިވެލިއެވެ."އަހަރެމެންގެ މަސައްކަތް ހަމަ ފަސްޓް ކްލާސް. ސޭމްއާއި ޖޫނީހާ ލޯބި ކަޕްލްއެއް ދުނިޔެއަކުން ނުފެންނާނެކަން ޔަގީން. ހާދަ ގުޅެއޭ........"
އަންހެންކުދިންވެސް ހީވަނީ ފެޝަން އިޝްތިހާރެއް ކުޅެން ތައްޔާރުވެލައިގެން ތިބިހެންނެވެ. ހުރިހާކުދިންހެން މިޑީ ހެދުންތަކުގައި ދޮން ކަނދުރާތަކާއި އޮމާން ފައި އިޝްތިހާރުކޮށްލައިގެން މޮޑެލްހެން ހަރަކާތްތެރިވެ އެކީ ފޮޓޯނަގާހެދިއިރު އޭނަ ބާކީވިވަރުން އަނގައިން ބުނާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެކުދިންވެސް ގަސްތުގައި އަދާރާއާއި ވާހަކަނުދައްކަން މަސައްކަތްކުރާކަން އެނގުމުން ލަދުވެސް ގަންނަގޮތްވިއެވެ. އެކުދިންގެ "ސާކަލް"އަށް އޭނަ ފިޓްނުވީއެވެ. ފަހަތަށް ޖެހެމުންގޮސް އަދާރާ އެތަނުން ނިކުމެ ހަށިފުރާ ނޭވާއެއް ދޫކޮށްލިއިރު ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ހިނގައްޖެއެވެ. އޭނަ ހުސާމްދެކެ ފޫހިވީ ތަންކޮޅު އަލުން އަނބުރާ ލޯތްބަށް ބަދަލުވެ ހިތުގައި އިންތިހާއަށް ރިއްސާލައިފިއެވެ. ނިދަން އެނދަށް އަރާފައި ޚަބަރުހުސްވާވަރަށް ރޮވުނެވެ.
ޖެހިގެން އައިރޭ ރިޒޯޓުގައި އޮތް ޕާޓީއަށް ގޮސްފައި އަދި ވަކިން ބޮޑަށް ހައިރާންވިއެވެ. އަދާރާއަށް ހީވީ ހުވަފެނެއްގައި އުޅެވުނުހެންނެވެ. ތަފާތު ބާވަތުގެ މޮކްޓެއިލްތަކާއި ބުއިންތަކުގެ އިތުރުން ސްޓޭކްފަދަ އަގުބޮޑު ކާއެއްޗެހި ވަގުތުން ބުފޭއިން ހޫނުކޮށް ކެވެން ހުއްޓެވެ. އިންތިޒާމުތައް އެހާ ފުރިހަމައެވެ. މުއްސަދިކަމާއި ދުނިޔޭގެ އުފާތަކަށް ޣަރަގުވެފައިވާ މީހުންނަށް ގިނަފަހަރު ހެއްދެވިފަރާތްމަތިންވެސް ހަނދާންނެތި އެހެން ދިމާލަށް ގެންދަން ޝައިތާނާއަށް އެންމެ ފަސޭހަވާފަދަ މާހައުލެކެވެ.އަދާރާގެ އެކުވެރިންނަށްވެސް ދައުވަތުދޭނެ ފުރުސަތު ލިބުމުން އޭނަގެ އާއިލާއާއި ކޮލެޖްގައި އެކީ ކިޔަވާކުދިން ދިޔައެވެ. އެކަމަކު ދާނިޔާ ބުނީ މިއުޒިކް ކުޅޭ "ފްރީމިކްސް"ޕާޓީއަކަށް ނުދާނެކަމުގައެވެ.
އަދާރާ މިރޭ ފުރަތަމަ ފަހަރަށް މީހުންގެ ތެރެއަށް ނިގާބު ނާޅާ އެހެންކުލައެއްގެ ރީތި ހެދުމަކާއިއެކު ތަފާތުކޮށް ޝޯލް އަޅައިގެން ފުރިހަމަ މޭކަޕްގައި ނުކުތެވެ. އާރިސްވެސް އެރޭ ހުރީ ކޯޓްފަޓްލޫނެއްގައެވެ. ސްމާޓްކަމުން އެތައް ކުދިންނެއްގެ ލޮލުގައި އޭނަވެސް އަޅައިގަތެވެ. އައްޔާޝް އާރިސް އެކަނިވިޔަނުދީ ގޮވައިގެން އުޅުނަސް ދޭތެރެއަކުން ނުފެންނަ ފަރާތާއި ވާހަކަދައްކާ ހީގަނެހަދައެވެ. އެެހެން ބަޔަކަށް އެކަން ފާހަގަނުކުރެވިދާނެތީ އަދާރާ ހުރީ ނިކަން ބިރުންނެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ އާރިސްއަކި އަދާރާގެ ފިރިމީހާކަން ގިނަ ފަރާތްތަކަށް އެނގި ފަޚުރުވެރިކަމެއްވެސް ލިބުނެވެ.
އޭނަ ހުރީ ހުސާމްއާއި ޖުއާނާ ފެންނަ ހިސާބަށް ނުދާން ނިންމައިގެން ތަންކޮޅެއް ދުރުގައެވެ. ކާންވެސް ދިޔައީ ބީޗްގައި އަތުރާލާފައި ހުރި މޭޒުތަކުގެ ތެރެއިން އެންމެ ދުރުގައި ހުރި ވަކި މޭޒަކަށެވެ. އާރިސްއަށް އޭނަ ފެނިގެން އައުމާއެކު މޮޔަަކަމެއްކޮށްގެން އެންމެންގެ ސަމާލުކަން ހުއްޓިދާނެތީ ބިރުވެސް ގަތެވެ. ދެން އެންމެ ރަގަޅުގޮތަކީ ވަރުގަދަ ވާހަކައެއް އަޅުވާލައިގެން އާރިސްގެ ހުރިހާ ސަމާލުކަމެއް އަތުލައިގަތުމެވެ. ސްކިޒޮފްރީނިއާ ބަލިމިހުންނާއި މުއާމަލާތުކުރާނެގޮތް ދަސްކުރަން ހުއްޓަސް ވަގުތެއްނުވަނީއެވެ.
"ހެލޯ ފަޔާ ފްލައި....ދުރުގައި އިނީ ކީއްވެތަ؟ ނިގާބު ނާޅާ ހުރީމަ ވަރަށް ރީތި......" އާރިސް އަތުގައި ހުރީ ތާޒާ އަލަނާސި ޖޫސްތަށްޓެކެވެ. ތުނި ބިއްލޫރިތަށީގެ މަތީގައި އަލަނާސި ފޮތްޗެއް ޖަހާފައި ތަށި ތައްޔާރުކޮށްފައިވާލެއް އެހާ ފުރިހަމައެވެ.
"މި އުފަން ލައް ހުރީމަވެސް ހަމަ ރީތިތަ؟" އަދާރާ ހިނިތުންވެލިއެވެ.
"އާނ...ޔުނީކް..ވަރަށް ލޯބި. ކެން އައި ޓަޗް؟" އާރިސް އެހުމާއެކު އަދާރާ ހުއްދަދިނެވެ. ހުސާމް އެވަގުތު އެތަނަށް އަންނާނެނަމައެވެ. އޭނައަށް މީހުންގެ ތެރޭ އިނދެވުނުނަމައޭވެސް ހިތަށް އެރިއެވެ. އާރިސް މަޑުމަޑުން އަދާރާގެ މޫނުގައި އަތް ބީއްސައިލީ މަލެއްގައިވެސް ފިރުމާނެހާ ލޯބިންނެވެ."ވަރަށް ސޮފްޓް..އެހާ ސިލްކީ..."
އާރިސް ކިތަންމެ ރީތިކޮށް ވާހަކަދެއްކިޔަސް އިރުގަނޑަކުން ބަދަލުވެ އޭނަގެ މޫނުމަތީގައި ޖަހަންވެސް ފަހެއް ނުޖެހޭނެއެވެ.
"ވަރަށް ރީތި ރެއެއް. ހިނގާލަން ދަމާ...." އާރިސް މޭޒުމަތީގައި ޖޫސްތަށި ބަހައްޓާފައި ތެދުވުނެވެ. އަދާރާ ބިރުގަތްނަމަވެސް އާރިސް އޭނަގެ އަތުގައި ހިފަހައްޓާފައި ހުރި ގޮތާއި އަދި އެދިމާލަށް އައި ހުސާމް ފެނުމާއެކު މަގުސަދު ހާސިލުވިއެވެ. އަވަހަށް އާރިސްއާއެކު އަނދިރިކޮށް އޮތް ދިމާލަށް ހިނގައިގަތީ އެވަގުތު ސިންގާއެއްގެ އަނގަޔަށް ވަދެވުނަސް ހެޔޮކަމަށެވެ. ހުސާމްގެ ހިތުގައި ޖައްސަން ރަަގަޅު ޑްރާމާއެކެވެ.
"އަދާ ކީއްވެ އަހަރެން ދެކެ ބިރުގަންނަނީ؟"އާރިސް ސުވާލުކުރީ އެކީ ހިނގަމުން ދަމުންނެވެ.
"ބިރުގަންނަނީއެއްނޫން...އެކަމަކު...އަދި އަހަރެމެން އެހާ ދަސްނުވާތީ. ޔޫ އާ ސޯ.......މިސްޓީރިއަސް.." އަދާރާ ހިންދިރުވައިލިއެވެ.
"ޑޮކްޓަރ ބުނީ ސްކިޒޮފްރީނިއާއޭ. އެކަމަކު ގަބޫލެއްނުކުރެވޭ. އައިމް ނޯމަލް..އަދާ އެވާހަކަ ގަބޫލުކުރަންތަ؟"
"ނޫން. އެތެދަކަށް ނުވާނެ.."
ފާލަމާއި ދިމާލުން ނުކުމެވުނުތަނާ އަދާރާގެ ލޮލުގައި އަޅައިގަތީ އެދިމާލުން އޮތް ހިމަ ދިގު ފާލަމެކެވެ. އެންމެ ކޮޅުގައި ހުރި އަންހެންކުއްޖާ ދުރުން ފެނުނަސް އެއީ މިނަލްކަން ދެނެގަނެވުމާއެކު ކަންބޮޑުވިއެވެ. މިނަލް އެތަނަށް އަންނާން ޖެހުނީ ކީއްވެހެއްޔެވެ؟އަދާރާ އާރިސްއަށްވެސް އެ މަންޒަރުދެއްކިއެވެ. އެހިސާބުން ދެން ހިތަށް ނާރާ ގޮތެއްވިއެވެ. މިނަލް އެދިމާލަށް ފުންމައިލުމާއެކު އަނދިރީގެ ތެރެއަށް ގެއްލުނެވެ. އަދާރާ ތެޅިގެންފާ އަވަހަށް އައްޔާޝްގެ ނަމްބަރު އާރިސް ކައިރިން އެހުމަށްފަހު ގުޅިތަނާ ފެނުނީ ފަހަތުގައި ހުއްޓައެވެ. އަދާރާ ހާސްކަމާއެކުވެސް އައްޔާޝް ގާތުގައި އެވާހަކަ ބުނީ އެދިމާލަށް އިޝާރާތްކުރަމުންނެވެ.
"މިނަލް އެދިމާލަށް ވެއްޓިއްޖެ. ފާލަމުގެ ކޮޅުގައި ހުއްޓާ....."އަދާރާގެ އަނގައިގާ ޖުމްލައިގެ އެއްބައި އޮތްވާ އައްޔާޝް އުދުހިފައި ކަހަލަގޮތަަކަށް އެދިމާލަށް ދުއްވައިގަތެވެ. އަދާރާއަށް ދެން ބަލައިލެވުނުއިރި ހުސާމްވެސް އެހިސާބުގައި ހުއްޓެވެ. ހުސާމް އައީ އެމީހުންގެ ފަހަތުންބާވައެވެ. އަދާރާ ދެން މެސެޖްކޮށްލީ ޝުވޭކާރުއާއި އޭނަގެ މަންމައަށެވެ. މިނަލް ފާލަމުން ވެއްޓިގެން އުޅޭ ކަމަށް ބުނުމާއެކު ހޭބޯލަވައިގަތް އަޑުއިވި ވަގުތުން މިއުޒިކްވެސް ހުއްޓިއްޖެއެވެ. އުފާވެރި ޕާޓީ ރޫޅި އެންމެންހެން އެދިމާލަށް އެއްވާންފެށިއިރު ހުސާމްއާއި އާރިސްވެސް ފާލަމުގެ ކޮޅާއި ހަމަޔަށް ގޮސްފިއެވެ. އައްޔާޝް މިނަލް ފާލަން މަތީގައި ބޭއްވުމާއެކު މިނަލް ތެޅިގެންފާ ތެދުވެ ކެއްސަންފެށިއެވެ. އޭރު މިނަލްގެ މަންމައާއި ބައްޕަ އަދި ފާރަވެރިންވެސް އެތަނުގައި ތިއްބެވެ. މުޅި ހިސާބަށް އަލިވެސް ކޮށްލައިފިއެވެ.
"ދަރިފުޅު އާޔޫ އޯލްރައިޓް؟ ކިހިނެއްވީ؟" މައިމޫންވެސް މިނަލް ގެނެސް މޭގައި ޖައްސައިލިއެވެ.
'އައެމް ފައިން ގެސް........އައިި ފެލް. ޓު....އަމް...ސީ......."މިނަލް ކުޑަކޮށް ކެއްސައިލަމުން ހަމަނުޖެހޭ ލަފުޒުތަކެއް ކިޔައިލިއެވެ.
"ކިހިނެއް؟ ކީއްވެ އެކަނި އައީ؟"
"ފޯނެއްގައި ހުރެ...." މިނަލް ލަދުގަންނަގޮތްވީ އެންމެންގެ ނަޒަރު ހުއްޓިފައިވާކަން ރޭކާލުމުންނެވެ. އޭނަގެ ހެދުމާއި އިސްތަށިގަނޑު ގަޔާއި ތަތްލަވާފައި ހުރިއިރު ޕަރީއެއްފަދައެވެ.ލައިގެން ހުރީވެސް ހަށިގަނޑުގެ ބޮޑުބައި ހާމަޔަށް އޮތް ކަކުލުން މައްޗަށް އޮތް އަތެއްނެތް ހެދުމެކެވެ. ޔޫރަޕްކުއްޖަކާއި އެއްވެސް ތަފާތެއްނެތެވެ.
"އާ ޔޫ އޯކޭ ދަރިފުޅު." ޝުވޭކާރުވެސް މިނަލްގެ ކޮނޑުގައި މަޑުމަޑުން ހިފެހެއްޓިއެވެ.
އެރޭގެ އުފާވެރިކަން ރޫޅިގެން ގޮސްދާނެ ފަދަ ހާދިސާއެއް މެދުވެރިނުވެ ސަލާމަތްވީ ހަމަކިރިޔާއެވެ. މިނަލްގެ ވާހަކަތައް ގަބޫލުނުކުރި މީހަކަށް ހުރި ހަމައެކަނި އަދާރާކަން ނޭގެއެވެ. މިނަލް ފާލަންމަތިން ކައްސާނުލާ ކަމާއި ފުންމައިލީކަން އަދާރާއަށް ޔަގީނެވެ. އެ މަންޒަރު ގާތުން ދެކުނީ އޭނައެވެ. މިނަލް ދޮގުހަދަންވީ ސަބަބަކީ ކޮބާހެއްޔެވެ؟
ނުނިމޭ