06 Jan 2023, 16:26
"ދުނިޔެ މަތީގައި ދެމީހުންގެ ރުހުން ހޯދަން މަސައްކަތްކުރާށެވެ. އެއީ ތިބާގެ މަންމައާއި ބައްޕައެވެ. ދިރިއުޅުން ދަތިވާހިނދު ދެކަމަކުން ވާގި ހޯދާށެވެ. އެއީ ނަމާދާއި ކެތްތެރިކަމުންނެވެ. ދެކަމެއްގެ ވާހަކަ ނުދައްކާށެވެ. އެއީ ތިބާ މީސްތަކުންނަށް ވާ އިހުސާންތެރިކަމާއި އެހެން މީހުން ތިބާއަށް ކުރާ އުދަގޫތަކުގެ ވާހަކައެވެ."
***
ކުއްލިއަކަށް ވައިބްރޭޓްވީހެން ހީވެގެން ބަލައިލިއިރު ސައިރަސްކަން އެނގުމުން ހިތް އުފަލުން އުދުއްސައިގަތެވެ. ގޮނޑިން ފުންމައިގެން ތެދުވުނުގޮތަށް ކުޑަކޮށް ނަށާލާފާއި ފޯނު ކަންފަތުގައި ޖައްސާލައިފިއެވެ.
"ކޮންއިރަކުން އަންނަނީ؟ އަވަހަށް އާދެބަލަ..." ކާއިނާތު އަވަހަށް ބުނެލިއެވެ.
"މިހާރު މިހިރީ ރާއްޖޭގައޭ ބުނެފިއްޔާ......"
ކާއިނާތު އަވަހަށް ނުކުތީ މަގަށެވެ." ކިރިޔާ ހިތް ނުހުއްޓުނީ....އުފަލުންގޮސް........"
"އަދި ރާއްޖެއަކު ނެތިން. ރާއްޖޭގައޭ ބުނެފިއްޔާއޭ ބުނީ އޭރުން ކާއީ ހަދާނީ ކިހިނެއްހެއްޔޭ ދޯ.ރާއްޖޭގައި ހުރި ވާހަކައެއް ނުބުނަން....ސަބަބަކީ ކާއީގެ ހިތް ހުއްޓިދާނެތީ ބިރުން..ސަޕްރައިޒެއް ދޭކަށް ނުކެރޭނެ.." ސައިރަސް ހެމުން ބުނެލިއެވެ. ކާއިނާތުގެ މޫނު މިލައިގެން ދިޔައީ ގަދަ އަތްވަށް ހުށަހެޅިފައިވާ މަލެއް މިލައިގެން ދިޔަހެންނެވެ. ހިނިތުންވުން ގެއްލުނުތަނާހެން އެނބުރި އައީ ސައިރަސްގެ ދައުވަތުންނެވެ.
"ރާއްޖެއިން އެސްޓްރޮނޯޓުން ތަމްރީން ކުރަން ބައްޕަމެންގެ ކުންފުނިން ފުރުސަތު ދިނީ. އެމީހުން ބޭނުންވީ ފިރިހެންކުދިން. އެކަމަކު ބައްޕަ ގާތު ވަރަށް ކިޔައިގެން ކާއީއަށް ފުރުސަތު ދީފި. އެ ފިރިހެންކުއްޖާއާއި ކާއީ ފުރަންވެގެން ވިސާ ހަމަޖެއްސުން ދެން އޮތީ. އަވަހަށް ދަތުރުހަދާ...."
"ޔެސް....ޔެސް..."ކާއިނާތުއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ.
"އަހަރެންގެ އަތުގައި ވަރަށް އަގުބޮޑު ހަދިޔާއެއް އެބައޮތް. ބިލިއަނުން އަގުނުކުރެވޭނެ..............." ސައިރަސްގެ ޖުމްލައިން ކާއިނާތުގެ ޝައުގުވެރިކަން އިތުރުވިއެވެ. ސައިރަސް އެހާ އަގުބޮޑު އެއްޗެއް ދޭންވީ ކީއްވެހެއްޔެވެ؟ ކަރުދާސްކޮޅެއް އަދި ބޮއްޔެއް ދިނަސް ދުނިޔޭގެ ރަސްކަމަށްވުރެ އޭނަގާތުގައި އަގުހުރި އެއްޗަކަށްވާނެއެވެ. އަބަދަށްޓަކާ ޚަޒާނާ ކުރާނެއެވެ. ކާއިނާތު އެތައްފަހަރު ޝުކުރުކުރިއެވެ.
"ކިހިނެއްވަނީ؟" އެތެރެއަށް ވަން ކާއިނާތުގެ އުފާވެރިކަން ވައިރަސްއެއްހެން ފެތުރުނެވެ. ކައުނު ނޫހުގެ އެންމެންގެ ހިތްތަށް ކާއިނާތު ފަތަހަ ކޮށްފައިވާތީ މުވައްޒަފުން މިފަހަރު ބަލަމުން ދިޔައީ ރުހުމުގެ ލޮލަކުންނެވެ.
"ބިލާލްއަށް އަހަރެންގެ ހެޕިނެސް އިން އުދަގޫވެއްޖެހެން ހީވަނީ. ހޯނެއް ދިރުވާލާފައި ކަރުގައި އަޅައިގެން އިންހެން ވިއްޔަ ތިހީވަނީ...." ކާއިނާތު ބުމަ އަރުވައިލިއެވެ."މިތަނުން ދެމީހުންނަށް ނާސާއަށް ދިޔުމުގެ ޗާންސް ލިބުނީ...."
"އަހަންނަށް ޔަގީން ކާއީ އަހަންނަށްކަން ތި ޗާންސްދޭނީ....."
"ސޮރީ ލަވް..އެއީ މަޖަލަކަށް ބުނީ. އެމީހުން އޯލްރެޑީ އެހެން ބޯއިއެއް ޗޫޒްކޮށްފި. މަ ގޮއްސަ އެތާ ޑައިރެކްޓަރކަމުގެ މަގާމަށް ވަދެގެން އެންމެން ގެންދާނަމޭ. ނުރޮއެ ބޮޑާ ހާކަން ނަހަދާ ދެން ތިބެއްޗޭ.."
"ކާއީ ސްޕޭސްއަށް ގޮއްސަ އަންނަންދެން މަވެސް ހުންނާނީ ފާޚާނާ ނުކޮށް....އޭރުންތާ ޕްރެކްޓިސް ކުރެވޭނީ. ގަރުނުގެ ބޮޑު ދަތުރަށް ފަރިތަކުރާއިރު ހުރިހާ ދިމާލަކަށް ވިސްނަންޖެހޭ......"މިސްބާހު ޑެސްކްކައިރީ އިނދެފައި އަންގައިލިއެވެ.
"އޭރުން އެކްސްޕްލޯސިވް ގޭސް އުފެދެމުންގޮސް އިންޓެސްޓައިންސް ބޮޑު ގޮވުމަކުން ގޮވާފާނެ......"ކާއިނާތުގެ ޖުމްލައާއެކު އެންމެން ޕަކަޕަކަ އަޅާފައި ހޭންފެށި އަޑު ތަނުގައި ގުގުމައިލިއެވެ.
"ބޭންގް......"މިސްބާހުވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
ޖީލަން ފެންނާން ނެތުމުން ކާއިނާތު ހުރީ އޭނައަށް އެ ޚަބަރު އިއްވާހިތުން ކެތްމަދުވެފައެވެ. ކޮފީގަޑީގައި ޖީލަންއަށް އެ ޚަބަރު އިވުމުން މާބޮޑު އަސަރުތަކެއް މޫނުން ނުދައްކާ ކާއިނާތުއަށް މަރުހަބާކިއެވެ. އެކަމަކު ދެވަނަ ޖުމްލައިން ކާއިނާތުގެ މޫނުމަތީގައި ޖެހި އެތިފަހަރަކަށްވިއެވެ. އެދަތުރު ފިރިހެން ބައިވެރިޔަކަށް ވުމަށް ފުރުސަތު ލިބުނީ އޭނައަށެވެ. އެކަމަކު އެ ދައުވަތު ގަބޫލުނުކޮށް ދެކޮޅުހެދީއެވެ. އޭނަ ކާއިނާތުއާއިއެކު ދާން ބޭނުންނުވުމުން އެހެން މީހަކު ދަނީއެވެ. ސައިރަސްއަކީ ޖީލަންގެ އެކުވެރިއެކެވެ. ސައިރަސްއާއިއެކު ސަފާރީއަށްވެސް ދިޔަވާހަކަ ބުނެލިއިރު ކާއިނާތުއާއި ހަތަރުކަޅި ހަމަކުރިއެވެ. މަލާމާތުގެ ބެލުމެކެވެ. ކާއިނާތުއަށް ހުރިހާކަމެއް އެނގިއްޖެއެވެ. އޭނައާއި ސައިރަސްގެ "ޑޭޓް"ގެ ޚަބަރު ޖީލަންއަށް އެނގެއެވެ. އެންމެ ރަގަޅެވެ. ކާއިނާތުގެ ފަރުވާލެއްނެތެވެ. އަސަލްއަކީ އޭނަގެ އެކުވެރިޔާގެ ވާން އުޅޭ ފިރިމީހާއެވެ. އޭނައާއި ސައިރަސްގެ ކޮންމެ ގުޅުމެއް އޮތަސް ޖީލަންއަށް ކޮންކަމެއްހެއްޔެވެ؟
ކާއިނާތުގެ ކޮމްޕިއުޓަރއިން އާދަޔާ ޚިލާފު އަޑުތަކެއް އިވޭވަރުން ޝައުގުވެރިވީވަރުން މިސްބާހުއާއި ބިލާލް ކައިރިއަށް ދިޔައެވެ.
"ބިރުވެރި ފިލްމެއް ބަލަނީތަ؟ކޮންފަދަ އަޑެއް ތިއިވެނީ؟ ދުވަހަކު ނާހާ ޒާތުގެ އަޑުފަށްގަނޑެއް..."
"ބްލެކް ހޯލްސް ކޮލައިޑިން....."
"ވަޓް؟ އެއީ ކޯންޗެއްތަ؟" ބިލާލް ލޯ ބޮޑުކޮށްލިއެވެ."މަގޭ ކަންފަތަށް ފެން އެޅުނީމަވެސް ތިޔަ ޒާތުގެ އަޑެއްއިވެނީ. ކާއިނާތު ސްޕޭސްއަށް ގޮއްސަ ތި ބްލެކްހޯލް ކޮލައިޑްވާ ތަން ވީޑިއޯކޮށްލައްޗޭ. އެތާހުރެގެން ރިޕޯޓްކުރަންވާނެ އިނގޭ......."
"ތި ބިލާލް ތި ބްލެކްހޯލް ތެރެއަށް ލާން މަށަށް ފެންނަނީ...." މިސްބާހު ހިނި އައެވެ.
"އާނ ރަގަޅަށް ތިބުނީ. ބްލެކްހޯލަށް ވަން އެއްޗަކަށް އަނބުރާ ބޭރަށް ނުކުމެވުމަކީ ވާނެކަމެއްނޫން....." ކާއިނާތު އެއްބަސްވިއެވެ.
"ތި ދޭތި ކޮލައިޑްވެގެން ބްލެކްހޯލްއެއް އުފަންވަނީ؟ މިއީ ކޮންތާކު އުޅޭ އެއްޗެއްތަ؟ސީރިޔަސްކޮށް ދުވަހަކު އަޑުއެހި ޚަބަރެއްނޫން...."
"މިއީ ސްޕޭސް މޮންސްޓާސް....އެއްވެސް އެއްޗަަކަށް ބެލްކްހޯލުން ސަލާމަތެއްނުވެވޭނެ. އަލިވެސް މީގެ ތެރެއަށް ދަމައިގަންނާނެ.ދެން ބިލާލްމެންނަށް ޔުނިވާސްގެ ބޮޑުކަމާއި އޭގައި ހުރި އަޖައިބުވާފަދަކަންތައްތައް ނެގޭތީ އަދި ސިކުނޑިއަށް ނުނެގޭތީއާއި އެކަމުގެ އިލްމު ނުލިބި ޖާހިލުކަންމަތީގައި ތިބުމަކީ ދެރަވަރު ކަންތައްތައް. ގުރުއާނުގައި ﷲ އަންގަވަނީ ކަންތައްތައް ހޯދާ ބަލަން. ކުޅަދުންވަންތަކަން އެނގޭނީ އެހާ ދުރަށް ފިކުރު ހިންގީމަ. އެކަމަކު އަހަރެން ދެރަވަނީ ބިލާލްމެންގެ ސިކުނޑިއެކޭ ކޮކަޓޫއެއްގެ ސިކުނޑިއެކޭ އެއްފަދަ ވީމަ..ތެދަށް ބުނަންޏާ ބޭބީ ބްރެއިން............" ކާއިނާތު ކޮންމެވެސް ވަރަކަށް ބްލެކްހޯލާއި ބެހޭގޮތުން ކިޔާދިނުމުން ބިލާލް އަނގަ ހުޅުވިފައި އިނެވެ."އިލްމު ނެތް މީހާ ވާނީ ޖާހިލަކަށް. ދެން ހުރިހާ ކުދިން މަސައްކަތުދޭ. ޓައިމް ވޭސްޓްކުރުމަކީ ދުނިޔޭގައި ކުރެވޭ އެންމެ މޮޔަ ކަންތައް........................."
ކޮފީގަޑީގައި ކާއިނާތު ފޯނު ހާވަމުން ދަނިކޮށް ފެނުނު ޚަބަރަކުން ދެލޯ ދިއްލުނެވެ. ވަގުތުން އެންމެނާއި އެ ޚަބަރު ހިއްސާކޮށްލަން ބޭނުންވިއެވެ." އައި ހޭވް ބްރޭކިން ސްޕޭސް ނިއުސް.........."
ކާއިނާތު ގެ ތޫނު އަޑުން އެހެން ބުނެލުމާއެކު އެންމެންގެ ސަމާލުކަން ލިބުނެވެ.
"ދެހާސް ތޭވީސް ވަނަ އަހަރުގެ އެންމެ އެކްސައިޓިން އިވެންޓްކަމަށް ފަލަކީ އިލްމުވެރިން އެބަބުނޭ. ފެބްރުއަރީ މަހުގެ ފުރަތަމަ ދެ ރޭ ހުރިހާ އެންމެން އުޑުމަތި ބަލައިލަން ކޮންމެހެންވެސް ޖެހޭނެ. ޚާއްސަކޮށް ބިލާލްގެ އާއިލާއާއި އެކުވެރިން ގޮވައިގެން ފަޅު ރަށަކަށް ދާތި. އަނދިރި ތަނެއްގައި ހުރެގެން އުޑުމަތި ރީއްޗަށް ފެންނާނީ......."
"ކީއްވެގެންނޯ؟ އަނެއްކާ ބްލެކްހޯލްސް މުޑިއަރާތަން އިންސާނުންގެ ލޯތަކަށް ހުރަހެއްނެތި ފެންނަން އުޅެނީއޭތަ؟ ތެދަށް ބުނަންޏާ ކާއިނާތު ޖައްވާއި ބެހޭގޮތުން ކިޔާދިން ހުރިހާ ޚަބަރެއްގެ ތެރެއިން އެންމެ އަަޖައިބުކުރުވަނިވި އަދި ދެކޭހިތްވާ އެއްޗަކީ ބްލެކްހޯލްސް. އެކަމަކު އެއީ ތެދަކަށްވަންޏާ.........." ބިލާލް ކޮފީތަށި ބޯން އިނދެފައި ކާއިނާތުއާއި ދިމާލަށް އައެވެ.
"ޚަބަރު ލިޔުނީމަ ކިޔާފައި ޝެއާކުރައްޗޭ."
ކާއިނާތުގެ އަޑުގައި ފޯރިއާއި ޖޯޝް އެކުލެވުނެވެ. އޭނަ ޚަބަރު ލިޔަން އިންއިރު އިރުއިރުކޮޅާ ފޯނު ޗެކްކޮށްލައެވެ. ނިއުޔޯކާއި ވޮޝިންޓަންފަދަ މަޝްހޫރު ޝަހަރުތަކުގެ މޫސުމް ހުރިގޮތާއި ފޮޓޯތައް ބަލަމުން މައުލޫމާތު ހޯދިއެވެ. އޭނަގެ ހުރިހާވެސް ހުވަފެނަކީ އެމެރިކާއަށްގޮސް ނާސާގެ ޓްރޭނިން ހެދުމެވެ. އެކަމަށްޓަކާ އޭނަ ކޮންމެ އެއްޗެއްވެސް ގުރުބާންކޮށްފާނެއެވެ.
އިރުއިރުކޮޅާ ބަނޑުހައިކަން އިހުސާސްކުރެވި ޗޮކްލެޓެއް ނޫނީ އައިސްކްރީމެއް ނޫނީ ކޮފީތަށްޓެއް ބުއިނަމަވެސް އެކަމުން އަރައިގަނެވޭގޮތެއްނުވިއެވެ. ކުޑަދޮރު ކައިރިއަށްގޮސް ބޭރަށް ބަލައިލުމުން ހަނދާނަށް އައީ ލައިކާއެވެ. ލައިކާގެ ކެއުމުގެ މައްސަލައަކީ ވައިރަސްއަކުން ދިމާވިކަމެއްބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. މިވަރަށް ކާ ހިތްޖެހި އަތުން ކާ އެއްޗެއް ދޫނުވެގެން މިއުޅެނީ ލައިކާއާއި ދިމާވިފަހުންނެވެ. ލައިކާ ގިނައިން ކާތީ މަލާމާތްކުރެވުމުން އޭގެ ބަދަލުގައި އޭނަ ކެއުމަށް ދެވިހިފާ ގިނަދުވަހެއްނުވެ ފަލަ ބެރަކަށް ވެދާނެއެވެ. އަމިއްލަ ނަފުސަށް އަޑުލެވުނެވެ. ބަރުދަން ބެލިއިރު އެއްކިލޯ ލުއިވުމުން ހައިރާންވިއެވެ. ގިނައިން ކައިގެން ފަލަވާންވީމަ ހިކެނީހެއްޔެވެ؟ ހެދުން އެއްޗެހި ދޫނުވެ ލޫޅާފަތިވާނެ ގޮތެއްވެސް ވިސްނުމަކަށް ނައެވެ. އަނެއްކާ ޖިންނިއެއް އަޅައިގަތީހެއްޔެވެ؟
ސިކުނޑީގެ ލޯގަނޑުން ލައިކާ ގެއްލި ސައިރަސްގެ ރީތި މޫނު ފެނުމާއެކު ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އަނެއްކާ ސައިރަސްގެ ސިފައިގާ ޖައްވުން އެނބުރި އައިސްގެން މިއުޅެނީ "އޭލިއަން"އެއް ހެއްޔެވެ؟
ކާއިނާތުގެ ހިތް އެގޮތް މިގޮތަށް ތެޅިގަތެވެ. ހަށިގަނޑަށް ހޫނުކަން އިހުސާސްވުމުން އޭސީ ސޯޅައަށް ލިޔަސް ފިނިވާގޮތެއްނުވިއެވެ. ޖިންނިއަކު އަވަލުމުގެ ނިޝާންތައްކަމަށް ކާއިނާތު ނިންމިއެވެ. ޖިންނީންނަކީ ދުން ނާރާ އަލިފާނުން ހެއްދެވިގެންވާ ބަޔަކަށްވުމުން ހަށިގަނޑު ހޫނުވާނެއެވެ. ޖިންނިން އޭނަގެ ހަށިގަނޑުގެ ތެރެއަށް ވަނުމުން އެކަމުގެ ސަބަބުން ހޫނުކަން އިހުސާސްވަނީއެވެ. ސައިރަސްއާއިމެދު ވިސްނިވަރަކަށް އޭނަގެ ހިތުގައި މަސްހުނި އިހުސާސްތަކެއް އުފެދުނެވެ.
"ޖިންނިއަކަށްވިޔަސް ލޯބިވެވުނީމަ ދުރަކަށް ނުދެވޭނެ. ޖިންނިއަކަސް ފުރޭތައަކަށް ވިޔަސް ލޯބިވެވިއްޖެ...ސައިރަސްއާއި ނުލާ ދެނެއް ނޫޅެވޭނެ..ބައެއްފަހަރު އިންސާނުންނަށްވުރެ ޖިންނިން ރަގަޅޭވެސް ހިތަށް އަރާ. ޖިންނިއަކާއި އިންސާނެއްގެ ލޯބީގެ ވާހަކައެއް ވީމަ ވަކިން މަޝްހޫރުވާނެކަން ނޭގޭ. ކާއިނާތު ކިޔައިގެން ލިޔާނެ އެއްޗެއް ނުފެނިގެން އުޅޭ މީހުންވެސް ދުނިޔޭގައި އެބަތިބި ވިއްޔަ. އެމީހުންނަށް ރީތި ވާހަކައެއް ދޭނީ..ބަލަމާ...ކޮބާ ސައިރަސް......ކޮން އިރަކުން ދެން ފެންނާނީ. ކެތެއްވެސް ނުކުރެވޭ....."
***
ކާއިނާތުއަކީ އާއްމުކޮށް ކެއުމާއި ދުރުން އުޅޭ ކުއްޖަކަށްވެ ލައިކާއަށް މަޖުބޫރުކޮށްގެން ކެއުމާއި ދުރުކުރުވަން އުޅުނަސް މިހާރަކަށް އައިސް މަންޒަރު ބަދަލުވެއްޖެއެވެ. އަބަދުހެން ފެންނަނީ ލައިކާ ގޮވައިގެން ގޮސް އާޔާ އައިސްކްރީމް ޕާލާގައި އިންނަތަނެވެ. ދެމީހުންވެގެން ކެއުމުގެ މުބާރާތަކަށް ތައްޔާރުވާފަދައެވެ.
ކާއިނާތުއާއި ލައިކާގެ ކުރިމަތީގައި ގެނެސް ބެހެއްޓި ޕިއްޒާ ފެނުމާއެކު ކާއިނާތުގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ޕިއްޒާ ފެނުމުންވެސް ރަހަ މީރުވާނެކަމުގެ ޔަގީންކަމާއެކު ވަގުތުން އެއް ފޮތި ނަގައިގެން އަނގައިގާ ޖެހުމާއެކު ޗީޒް އަނގައިގެތެރެއަށް ވިރުނެވެ.
"އައިސްކްރީމް ކޮންޓެއިނާއެއް ކައިލީމަ ދެން ބަނޑުފުރޭނީ...." ކާއިނާތު ލޯ މަރައިލިއެވެ."ހިތަކަށް ނާރާ އެސްޓްރޮނޯޓެއް މިގޮތަށް ކެއުމަށް ދެވިހިފާނެއޭ. މިވެސް ބައްޔެއްތަ؟"
"ޖައްވަށްގޮސް ޕިއްޒާއާއި އައިސްކްރީމް އެއްޗެހި ކާން ލިބޭނެތަ؟"
"ނޮޕް.....ހިޔެއްނުވޭ...ލައި....އަހަރެން މިހިރީ ލައި ގާތުން މާފަށް އެދެން ކަމަށް. ލައިގެ ކެއުމަށް ހަޖޫޖަހާ ކެއުން މަދުކުރުވަން ބުނެވުނީތީ އެބަސް އަނބުރާ ގެނެސްފިން..ކާން އެނގުމަކީ ކެއުމަކީވެސް ހުނަރެއް. އެކި އިންސާނުންނަށް އެކި ހުނަރު ދެއްވާފައިވާއިރު ޓޭސްޓްބަޑް ރަގަޅަށް ހުރެ ކާން ކެރުމާއި ދެއްވި ސިފަތަކާއިމެދު ހިތް ރުހެންޏާ ފަޓުލޫނުގެ ގޮށްތައް ނައްޓައިގެންދާ ވަރަށްވެސް ކައިލަންވީ...ސޮރީ ލައި ޑާލިން..މަށަށް އެހެން ބުނެވުނުކަމަށްޓަކާ ލައި ކޮންމެ އަދަބެއްދިނަސް ހެޔޮ. އަހަރެން އަމިއްލައަށް ލައިގެ ކެއުމުގެ ޕާޓްނާއަކަށް ވެއްޖައިން..................."ކާއިނާތު ޕިއްޒާ ދެވަނަފޮތި ނެގިއެވެ." ޓޫތްސަމް.......................އާވް.."
"އަހަންނަށް ހާޓްވި. އެކަމަކު މާފުކޮށްފިން އެ ދުވަހު.. ފަލަވިޔަސް ހެޔޮކަމަށް ހަމަ ކެވެނީ. ކާހިތްވާތީ..." ލައިކާ އޭނަގެ ދޮންބަނޑުކޮޅު ހާމަކޮށްލިއެވެ."މިިހިރީނު ޓައިރެއްހެން...."
"ބާލީހެއްހާ ސޮފްޓް އެންޑް ފްލަފީ. ލައިއަށް އެނގޭތަ؟ ޗަބީކުދިންނާއިހެދި މޮޔަވާ ބޯއިސްވެސް އުޅޭ. އެހެންނޫންނަސް ކޮންމެ ސިފައެއްގައި ހުއްޓަސް އެމީހެއްގެ ނަމާއިއެކު ހެވެންގައި ލިޔުއްވާފައިވާ ޕާޓްނާ އަންނާނެ. ނޯ ވޮރީސް ފްލަފް....ޔޫ އާ ދަ ސްވީޓެސްޓް....އާޔާ ގާތު ދެން މިހެން ކިޔާނީއެއްނޫން........" ކާއިނާތު ހިނިގަނޑެއްޖަހައިލިއެވެ. ތަރިތަކަށް ބަލަން އިންދާ ވިލާތައް މަޑުމަޑުން އެކުވަމުންގޮސް އިންސާނެއްގެ ސިފަ ޖެހެންފެށިއެވެ. ބަލަބަލާ އިންދާ ސައިރަސްގެ މޫނު ސިފަވާންފެށިއެވެ.
"ހެލުސިނޭޝަންތަ؟ ޔަގީންވާނީ ފޮޓޯއެއް ނެގީމަ...." ކާއިނާތު އަވަހަށް ފޯނު ނަގަން ހަދައިގެން ފޯނުގައި ޕިއްޒާ ސޯސްގަނޑު އެނގުޅުމުން ހަޅޭއްލަވައިގަނެވުނެވެ."އެކަމަކު ދެން...................."
ފޯނު ނަގައިގެން ވިލާގަނޑުގެ ފޮޓޯ ނަގާ ނިމިގެން ބަލައިލިއިރު ސައިރަސްގެ ތަސްވީރެއްނެތުމުން މާޔޫސްވިއެވެ." ސައިރަސްއަކީ ޖިންނިއެއްކަން ލައި ދަންނަންތަ؟"
"ވަޓް؟" ލައިކާ ސިހިފައި ލޯ ބޮޑުކޮށްލިއެވެ.
"ފޮޓޯއަކަށްވެސް ނާރާ....އަހަންނަށް ދެންމެ އޭނަ ފެނުނު. އޭނަގެ ވާހަކައިގާ ދެމާނަ އެކުލެވޭ. ރައްޖޭގައޭ މިހިރީ ބުނެފިއްޔާ އޭ ބުނުމުން ރާއްޖޭގައި ހުރިކަން އަހަންނަށް ގަބޫލުކުރެވުނު. ފަހުން އޮޅުވައިލީ. އެކަމަކު މިހާރު ސައިރަސް ހަގީގަތުގައިވެސް އެބައުޅޭކަން ޔަގީންވީ............ހީޒް އެ ހެންޑްސަމް ޖިންނި ޕްރިންސް ޔޫ ނޯ..."
"އޭނަ އުޅެނީ ކޮންތާކު؟ ބައްޕައަކީ ކޮން ތަނެއްގެ ރަސްކަލެއްތަ؟އައިމް ކިއުރިއަސް އެކަމަކު އެހާ ބިރުގަނޭ....."
"ކައުނުގައިވާ އެންމެ ރީތި އަދި އެންމެ ގިނަ ގެލެކްސީއަކީ ސްޕައިރަލް ގެލެކްސީތައްކަން ލައި ދަންނަންތަ؟ އެހެން ގެލެކްސީއެއްގައި ސައިރަސް އުޅޭކަމާއިމެދުވެސް ޝައްކުވޭ................" ކާއިނާތު ކައުނުގެ ވާހަކަދައްކަން ފެށުމުން ލައިކާ އަނގަ ހުޅުވިފައި އިންނަނީ އެވާހަކައިގާ ޝާމިލްވާން އެއްވެސް ވަރަކަށް އެކަމުގެ އިލްމެއް ނެތުމުންނެވެ. ކާއިނާތުގެ ވާހަކަތަކަށް ބޯ ޖަހައިލުން ފިޔަވާ އިތުރަށް ދައްކާނެ ވާހަކައެއް އޭނަގެ ނެތެވެ.
***
އާޔާއާއި ކާއިނާތު އަދި ލައިކާ ބާޒާރުކުރަމުން ގޮސް ވަނީ ގަހަނާ ފިހާރައަކަށެވެ. ލައިކާ ލައިގެން ހުރި ހަރުވާޅާއި ޓީޝާޓް ބާރުކަމުން ގަޔަށް ހިފާލާފައިވާއިރު މޫނުވެސް ވަށްކަމުން ޖަންބެއްފަދައެވެ. ހިނގުމުގައި ލަސްކަމެއް ހުއްޓަސް އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުރިއަށްވުރެ އެތައް ގުނަ ބޮޑުވީ ކާއިނާތުގެ ސަބަބުންނެވެ. ކާއިނާތު އޭނައަށް ވިސްނާދީފައިއޮތީ ﷲ ސުބުހާނަހޫ ވަތައާލާ ކޮންމެ ނަފުސެއް ހެއްދެވީ އެކި ސިފަތަކަށް ކަމަށާއި އެކަމުގައި ހިކުމަތެއްވާނެ ކަމުގައެވެ. މީހާގެ ހަގީގީ އެއްޗަކީ ފުރާނައެވެ. ހިތާއި ފުރާނަ ރީތިވެއްޖެއްޔާ އެމީހާ ރީތިވާނެއެވެ. ލައިކާދެކެ ލޯބިވާނެ އެ ޚާއްސަކުއްޖާވެސް ދުނިޔޭގެ ކޮންމެވެސް ތަނެއްގައިވާނެއެވެ. އެފަދަ މީހެއް ނައިއްޔާ އެދުނިޔެއިން ލިބޭނެކަމާއިމެދު ޝައްކެއްނެތެވެ.
ކާއިނާތު ނެގީ އަލިމަސް ސެޓެކެވެ. އަގު އަހައިލުމުން ކާއިނާތުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކާއިނާތު ހިތްހަމަނުޖެހިފައި ހުރެ އެކިގޮތްގޮތަށް ބަލާފައި ސޭޓަށް އެންގީ އެއީ ފޭކް އެއްޗެއްކަމުގައެވެ. ކާއިނާތުގެ ބައްޕައަކީ ޖަވާހުރި ވިޔަފާރިކުރާ މީހެއްކަމުން އޭނައަށް ވުރެ ޖަވާހިރުތަކުގެ ހަގީގަތް އެނގޭނެ އިތުރު މީހަކު ނުހުންނާނެކަމުގައި ބުނުމުން ސޭޓްގެ އަނގަ ހުޅުވުނެވެ. ކާއިނާތު އެމީހާ އެއްޗެކޭ ބުނުމުގެ ކުރިން އަވަހަށް އާޔާއާއި ލައިކާގެ އަތުގައި ހިފައިގެން އެތަނުން ނިކުންނާން ހިނގައިގަތެވެ. ސޭޓް އެކުދިންނަށް ގޮވަންފެށީ ޖަވާހިރުތަކަކީ ނަގުލީ އެއްޗެއް ނޫންކަމަށާއި އޮރިޖިނަލްކަން އަންގައިދޭން ހެކި ދެއްކުމަށެވެ.
"މި ފޭކް މީހުންގެ ރިޕޯޓެއް ވަރަށް އަވަހަށް ލިޔާނަން..." ކާއިނާތުގެ ޖުމްލައިން ލައިކާ ހޭންފެށިއެވެ."މަގޭ ބަނޑު އިމަޖެންސީ އިއުލާންކޮށްފި...އިމަޖެންސީގައި އާޔާ އައިސްކްރީމް ޕާލާއަށް ދާން މިޖެހުނީ...."
ތިންކުދިން އެކުވެރިކަމާއެކު ވާހަކަދައްކަމުންގޮސް ކާރެއް ނަގައިގެން އަވަހަށް ގޮސް ސްމޫތީސްއާއި ޕިއްޒާ އެއްޗެހި ގެނެސްގެން ކާންފެށިއެވެ.
"ކާއި. ދެން މަށަށް ފެންނަނީ ޑޮކްޓަރަކަށް ދައްކަން. އެވަރަށް ކެވޭއިރު ބުރަދަން ލުއިވަންޏާ ކޮންމެވެސް ގޯހެއް އެބައުޅޭ...."
"އާނ ވަގުތެއްވީމަ ތިކަންވެސް ކުރާނީ. މަށާއި ލައިގެ އެއް ބައްޔެއްކަން ނޭގޭ. ދެމީހުން އަބަދު ހައިވެފައި. ސުމާރެއްނެތި ކައިކައި މައިދާ ހަލާކުވެދާނެކަން ނޭގޭ......." ކައި ނިމިގެން ކާއިނާތު ސުޕާރީ ޕެކެޓެއް ކަނޑާލާފައި އަނގަތެރެއަށް އަޅައިލިއެވެ. ވަގުތުން އޭނަގެ މައުޟޫ ބަދަލުވީ އެންމެ ގަޔާވާ ދިމާލަށެވެ."އެނގޭތަ؟ ފަލަކާއި ކެއުމުގެ އިތުރުން މިހާރު ޖަވާހިރުތަކަށް ހިތް ކިޔައިފި...އެކިކުލައިގެ ޖަވާހިރުތަކުގެ ޕްލެނެޓްތައް ކައުނުގައިވާނެ ދޯ. އެނގޭތަ؟ ސައިންސްވެރިން ބުނާގޮތުން ސެޓަންއަށް ވެހެނީ ޖަވާހިރުގެ ވާރޭ......"
"ސުބުހާނަﷲ. ﷲ އަކްބަރު..... ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން...ހާދަ ރީތިވާނެއޭ. ކައުނުގައި މިހާ ފުރިހަމަ ތަންތަނާއި އަޖައިބުތައް ހިމެނޭނަމަ އަދި ސުވަރުގެ ކިހާ ފުރިހަމަވާނެ. ޚިޔާލަށްވެސް ނުގެނެވޭނެއޭ ބުނަނީ އެހެންވެ.."އާޔާ ހިނިތުންވެލިއެވެ.
"އެމީހާ އުޅޭ ތަންކޮޅު ނޫން ދިމާލަކަށް ޚިޔާލު ނުގެންދާ މީހުން ދުނިޔޭގައި އެބަތިބި. ދުނިޔޭގެ އަޖައިބުތައް އެއްވެސް ވަރަކަށް އެނގުމެއްނުވާ މީހުންވެސް ހިމެނޭއިރު އެވަރުގެ ފުރިހަމަކަމެއް ސިކުނޑިއާއި އެކަށީގެންވޭތަ؟ އިންސާނުން އުޅެނީ ޣާފިލުކަންމަތީގައި. ކުޅަދުންވަންތަކަމަށް ވިސްނާ ފިކުރުކޮށް އެދުވަހަށް ތައްޔާރުވާންވީ...."ކާއިނާތު ގެ ޚިޔާލު ފައުޅުކުރިއެވެ."އަހަރެންގެ އަނގައިން މިބަސް ނުކުތަސް އަމަލުން ނުދެއްކޭ. ގިނަ މީހުންނަށް އެހެންވަނީ ކީއްވެ އާޔާ؟"
"ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލެނީ..އެކަން ކުރުވަނީ ޝައިތާނާ..." އާޔާ ފޯނުން ދައްކަންފެށީ ދަރުސްއެކެވެ."މި ކުރުވާނެ އެކަމަކު ވަރަށް އިންސްޕަޔަރިން.....ކޮންމެ ކަމަކާއި އުޅުނަސް ކިތަންމެ ބިޒީވިޔަސް ނަމާދު ވަގުތުން ގާއިމުކުރާށޭ....."
"އައި ވިލް ޓްރައި..."ކާއިނާތު ޔަގީންކަން ދިނެވެ.
"މީ ޓޫ....."ލައިކާ ޖަޒުބާތީވިއެވެ.
***
ކާއިނާތު އެންޑޯކްރައިނޮލޮޖިސްޓަކަށް ދެއްކީ ޑޮކްޓަރެއްގެ ލަފާ މަތިންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިވުމާ އަބަދު ހޫނުވެގެން އުޅުމާއި މާ ގިނައިން ކެވި މޭ ތެޅޭގޮތްވުމާއި ބޮލުން އިސްތަށިތައް ފައިބާންފެށުމަކީ މައްސަލައެއް ކަމުގައި އޭނަވެސް ދެކުނެވެ. ޑޮކްޓަރދިން ޓެސްޓްތައް ހަދައިގެން ބައްދަލުކުރުމާއެކު ރިޕޯޓްތައް ބަލާފައި ބުނެލީ ބިރުން ހިތް ވިރޭފަދަ ބައްޔެއްގެ ނަމެކެވެ. އޭނަގެ މައިތިރިނުވާ ހިތްވެސް އެ ޚަބަރު އިވިފާ ހުއްޓުނުގޮތަށް ކާޑިއެކް އެރެސްޓަކަށް ދިޔައީކަމުގައި ހީކުރެވުނެވެ.
"ތިހެނެއް ނުވާނެ...."
ނުނިމޭ