މިދިޔަ އާދިއްތަ ދުވަހު ނިމިނު ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ފުޓުބޯޅަ ރަސްގެފާނު ލިއޮނަލް މެސީގެ ފޮޓޯ އެ ގައުމުގެ ރަސްމީ ފައިސާގައި ޖެހުމަށް މަސައްކަތްކުރާކަމަށް އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އާޖެންޓީނާގެ މީޑީއަތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ މަރުކަޒީ ބޭކުން ދަނީ އެ ގައުމުގެ 1000 ޕެސޯގެ ނޫޓު ތަކުގައި މެސީގެ ފޮޓޯ ޖެހުމަށް މަސައްކަތް ކުރަމުންނެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ވަނީ މެސީގެ ފޮޓޯ ޖެހި 1000 ޕެސޯގެ ނޫޓެއް ދައުރުވާން ފަށައިފައެވެ. ނަމަވެސް އެކަމާ ގުޅިގެން އާޖެންޓީނާގެ މަރުކަޒީ ބޭންކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައިި ދައުރުވަމުންދާ މެސީގެ ފޮޓޯ ޖެހި 1000 ޕެސޯގެ ނޫޓު---

އާޖެންޓީނާގައި މެސީ އަކީ އެންމެ މަގުބޫލު ޝަހުސިއްޔަތެވެ. އަދި މެސީ އާޖެންޓީނާއަށް 36 އަހަރު ފަހުން ވޯލްޑްކަޕެއް ކާމިޔާބުކޮށްދިނުމާއެކު އާޖެންޓީނާގެ ރައްޔިތުންގެ ހިތުގައި މެސީއަށް ވަނީ ވަކިން ޚާއްސަ މަގާމެއް ދެވިފައެވެ.

އާޖެންޓީނާގައި މެސީއަށް ކުރާ އިހުތިރާމް ހާމަކުރުމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނީ މެސީ ވާހަކަ ދައްކާނަމަ އާޖެންޓީނާގެ ރައީސް ވެސް ވާހަކަ ހުއްޓުމަށްފަހު މެސީގެ ވާހަކަ އިހުތިރާމާއެކު އަޑުއަހާ ކަމަށެވެ.

އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބު ކުރެވުމުން އެ ގައުމުގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް އުފާ ފާޅުކުރަމުންނެވެ. އެގޮތުން ވޯލްޑް ކަޕުގެ ތަށި އުފުލާލުމުގެ އުފާ ފާޅުކުރުމަށް، އެ ގައުމުގެ ވެރިރަށުގައި ކުރިއަށް ގެންދިޔަ ސެލެބްރޭޝަން ބަސް ޕެރޭޑު، އެއްވެފައިވާ ސަޕޯޓަރުންގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ވަނީ މެދު ކަނޑާލައިފައެވެ.

އަށް ގަޑިއިރަށް ދިގު ދެމިގެންދާ ގޮތަށް ރޭވި މި ބަސް ޕެރޭޑަށް މަގުތަކުގައި ނުދުއްވިގެން އާޖެންޓީނާގެ ގައުމީ ޓީމުން ދެން ދަތުރު ފެށީ ހެލިކޮޕްޓަރުގައެވެ.