އާއްމު އާދަކާދައިގެ ތެރެއިން އަހަރުގައި އަންނަ ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ ސަގާފަތަކަަށް ވެފައިވާއިރު، މިއަދުގެ ރީތި ތާރީޚުގައި މާލޭގެ ފެމެލީ ކޯޓުން ޖުމުލަ 58 ކައިވެނި ކޮށްދޭން ނިންމައިފިއެވެ.

ފެމެލީ ކޯޓުން މިއަދު ބުނީ ރަސްމީ ގަޑީގައި 25 ކައިވެނި ކޯޓުގައި ކޮށްދޭއިރު ނުރަސްމީ ގަޑީގައި 33 ކައިވެނި ކޮށްދޭނެ ކަމަށެވެ.

މިދިޔަ މަހު ފެމެލީ ކޯޓުން ބުނީ އެ ދުވަސްކޮޅު މީހުން ކައިވެނި ކުރާ އަދަދު މަދު ކަމަށެވެ. އެގޮތުން އޭރު ދުވާލެއްގެ މައްޗަށް ފެމެލީ ކޯޓުން ކޮށްދެނީ ގިނަ ވެގެން 10 ކައިވެނި ކަމަށް އެ ކޯޓުން ބުންޏެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހާއި 22 ވަނަ ދުވަހަކީ ވެސް ރީތި ތާރީޚަކަށް ވާއިރު، 11 ވަނަ ދުވަހު ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކޮށްގެން ކުރީ 16 ކައިވެންޏެވެ. އަދި މިދިޔަ މަހުގެ 22ވަނަ ދުވަހު ފެމެލީ ކޯޓުގައި ރެޖިސްޓްރީ ކޮށްގެން ކުރީ ޖުމުލަ 29 ކައިވެންޏެވެ.

މި އަހަރު އެންމެ ގިނަ ކައިވެނި ކުރީ، މިއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައެވެ.

މިއަހަރު ދެން އައި އެންމެ ރީތި ތާރީޚަކީ 02.02.22 އެވެ. އެ ދުވަހު މާލޭގައި ވަނީ 39 ކައިވެނި ކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހު އައި ރީތި ތާރީޚެއް ކަމަށްވާ 21.12.21ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.