މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓެރީ ޖެނެރަލް މުޖުތަބާ ޖަލީލުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މުޖުތަބާއަށް ދައުވާކޮށްދޭން އެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިރު ކޮރަޕްޝަންގެ އަމަލެއް ހިންގެވި ކަމުގެ ތުހުމަތުގައެވެ.

އެންސްޕާގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވިއިރު، އެތަނުގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އުސޫލުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން މިއަދު ބުނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ ސީއީއޯ ކަމުގެ މަގާމުގައި އޭރު ހުންނަވައިގެން މުޖްތަބާ ސޮއިކޮށް އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ ކޯޓޭޝަންތަކެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ހަމައެއާއެކު އެއީ މުޖްތަބާއާ ވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން އެ މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އާއި ގާނޫނުލްއުގޫބާތުގެ 513ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.