ދާދިފަހުން އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ވެބް ސީރީސް "ބްރެތް"ގެ މުހިއްމު ރޯލްއިން ފެނިގެންދިޔަ އެކްޓަރު އަމިތް ސަދް އިތުރު އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ ސަޗިން ޝްރޮފްގެ ފިލްމަށް އަމިތް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޔޫވީ ފިލްމްސްއިން ގެނެސްދޭ މި ފިލްމުގައި އަމިތް ފެނިގެން ދާނީ ފުލުހުންގެ އެންކައުޓާ ސްޕެޝަލިސްޓެއްގެ ރޯލްއިންނެވެ.

މި ފިލްމާ ގުޅޭގޮތުން އަމިތް ބުނެފައި ވަނީ، ފުލުހުންގެ ދިރިއުޅުން ދައްކުވައިދޭ ރޯލްކުޅެން އަބަދުވެސް ވަރަށް ޝައުޤުވެރިކަން ހުންނަ ކަމަށެވެ. އެހެން ކަމުން ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ އަޑު އެހުންތަކަށްފަހު މި ފިލްމަކީ، ހަމައެކަނި އެންކައުންޓާ ސްޕްޝަލިސްޓެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެއް ނޫންކަމުގެ އިޙުސާސް ކުރެވުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެންކައުންޓާ ސްޕެޝަލިސްޓުންގެ ސިކުނޑި އެކަމަށް ތައްޔާރުވުމަށް ވަރަށް ގިނަ ހަނގުރާމަތަކެއް އަމިއްލަ ނަފުސާ ކުރާކަމަށް ވެސް އަމިތް ވަނީ ބުނެފައެވެ. އެހެންކަމުން ނަފްސާނީ ގޮތުން ތިމާ މީހާ އެކަމަށް ތައްޔާރުވުމަށް ވެސް ވަގުތު ބޭނުންވާނެ ކަމަށް އަމިތް ބުނެފައިވެއެވެ.

ވެބް ސީރީސް "ބްރެތް"ގެ ދެވަނަ ބައިގައިވެސް އަމިތް ފެނިގެންދިޔައީ ފުލުހެއްގެ ރޯލްއިންނެވެ. އެހެންވެ މިފަހަރުގެ ފިލްމުގައި ކުޅެން ލިބުނު ރޯލަށް އެންމެ ބޮޑަސް ފެތޭނީ އަމިތްކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ވެސް ވަނީ ބުނެފައެވެ.

އަމިތް ސާދް ގިނަ ބަޔަކަށް ފާހަގަކުރެވިގެންދިޔައީ 2013 ވަނަ އަހަރު ރިލީޒްވި ފިލްމު "ކައިޕޫޗޭ"އިންނެވެ. އޭގެ ފަހުން ފިލްމުތަކުން މުހިއްމު ރޯލް ކުޅެން އަމިތްއަށް ވަނީ ފުރުޞަތު ލިބިފައެވެ. އަމިތްވަނީ 2020 ވަނަ އަހަރު އެމޭޒަން ޕްރައިމްގައި ގެނެސްދިން ކާމިޔާބު ފިލްމު "ޝަކުންތަލާ ދޭވީ"ގައިވެސް މުހިއްމު ރޯލެއްކުޅެފައެވެ.