ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އެ ބޭންކުގެ ޗީފް އެކްޒެކެޓިވް އޮފިސަރު، ކާލް ސްޓުމްކަ އައްޔަނުކޮށްފިއެވެ.

މިކަމާ ގުޅިގެން ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، ދިވެހި ގައުމީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމަށް ކާލް ސްޓުމްކަ އައްޔަނުކޮށްފައިވާކަމަށެވެ.

ބީއެމްއެލްއިން ބުނީ ކާލް ސްޓުމްކަ އަކީ ބޭންކިން ދާއިރާގައި ވަރަށްގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި، އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނު ކުރުމުގެ ކުރިން އޭނާ ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތާ ސްޓުމްކަ ގުޅިވަޑައިގެންނެވީ 2010 ވަނަ އަހަރެވެ. އެ ބޭންކާ ގުޅިވަޑައިގަތުމަށްފަހު އޭނާ ވަނީ، އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި ފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފައެވެ. އެ މަގާމުގައި ހުންނެވުމަށްފަހު އަލް އަހްލީ ބޭންކް އޮފް ކުވައިތުން ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރެވެ.

ކާލް ސްޓުމްކަގެ ބޭންކިން ތަޖުރިބާއަށް ބަލާއިރު، މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާކަމަށް ގައުމީ ބޭންކުން ބުނެއެވެ.

ސްޓުމްކަ ވަނީ މަޝްހޫރު ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑައިރެކްޓާ، އިންޑިއަން އޯޝެންސްގެ މަގާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ބަހުރެއިނުގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. އެ މަގާމުގައި ހުންނަވައިގެން ސްޓުމްކަ ވަނީ، އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ޚިދުމަތްތައް ބަލަހައްޓަވާފައެވެ.

ސްޓުމްކައަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ ދެކުނު އެފްރިކާގެ އެސޯސިއޭޓެކެވެ. އޭނާވަނީ ޔުނިވާސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ފްރާންސްއާއި ސްވިޒަލޭންޑްގެ އިތުރުން ދެކުނު އެފްރިކާގައި އެގްޒެކްޓިވް ޕްރޮގްރާމްތައްް ފުރިހަމަ ކުރައްވާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.