22 Dec 2022, 08:45
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ އެހީގައި ހިންގާ “ސްޓްރެންތަނިންގ ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް” މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ބޭންކުން ދޭ 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ޖަޕާނު ސަރުކާރުން ދޭ 2.5 މިލިއަން ޑޮލަރުގެ ފަންނީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޑރ. ތިއާމް ހީ އެންޖީއެވެ.
އޭޑީބީގެ އެހީގައި ހިންގާ އެ މަޝްރޫޢަކީ މައިގަނޑު ފަސް ނަތީޖާއެއް ޙާސިލްކުރުމަށް އަމާޒުހިފައިގެން ފަސް އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކަމަކީ މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ޖެންޑާ ރެސްޕޮންސިވް ބަޖެޓިންގ ތަޢާރަފްކޮށް، ބަޖެޓް އެކުލަވާލާއިރު ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ތައްޔާރު ކުރަން މުވައްޒަފުން ތަމްރީނު ކުރުމެވެ.
އޭގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާގެ ޤާބިލްކަން އިތުރުކުރުމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން އަމާން ހިޔާ ނުވަތަ ‘ސޭފް ހޯމް’ ގާއިމުކުރުމެވެ.
އެ ތިން އަމާން ހިޔާ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލޭގައެވެ.
އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ އެ ޚާއްސަ މަޝްރޫޢުގެ އެކި މަސައްކަތްތަކުގައި ޝާމިލުވާ އޭޝިއަން ޑިވެލޮޕްމަންޓް ބެންކާއި، ޕްލޭނިންގް މިނިސްޓްރީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ރާއްޖެއިން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ގާއިމު ކުރެވޭ އަމާން ހިޔާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.