ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވިލަރެސްކުރާ، ނޭޝަނަލް ޕްލޭނިން ކައުންސިލްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެ ޑިޕާޓްމަންޓުން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޑިޕާޓްމަންޓަށް އާންމު ފަރާތްތަކުން ހުށަހަޅާ މަޝްރޫއުތަކާ ހުށަހެޅުންތަކާ ގުޅޭ ގޮތުން އެއްވެސް މުއާލަމާތެއް ކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އަދި އިތުރަށް އެއްވެސް ޕްރޮޖެކެޓެއް ބަލައިނުގަންނާނެ ކަމަށެވެ.

އެ ޑީޕާޓްމަންޓުން ބުނި ގޮތުގައި އެ މަސައްކަތްތައް މިވަގުތަށް ހުއްޓާލީ އެ ޑިޕާޓްމަންޓުން ހިންގާފައިވާ މުއާމަލާތްތައް ދިރާސާކުރުމަށް ސަރުކާރުން ނިންމުމުން އެ މަސައްކަތް ހިނގަމުންދާތީ އެވެ.

"މި މަސައްކަތް ނިމި ސަރުކާރުން ވަކިގޮތެއް ކަނޑައަޅަންދެން، އަމިއްލަ ފަރާތްތަކުން މިހާތަނަށް އެންޕީސީއަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މަޝްރޫއުތަކާ ގުޅޭގޮތުން އިތުރަށް މުއާލަމާތް ކުރުމަށް މި ޑިޕާޓްމަންޓުން ވަގުތީގޮތުން ހުއްޓާލާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ޑިޕާޓްމަންޓުގެ ނޫސްބަޔާނުގައި ވެއެވެ.

ޕްލޭނިން ކައުންސިލްއަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ، އަދި ރައީސް އައްޔަން ކުރައްވާ ބޭފުޅުން ތިއްބަވާ ކޮމެޓީ އެކެވެ. އަމިއްލަ ފަރާތްތަކުން ހުށަހަޅާ އެކި މަޝްރޫއުތަށް ހިންގުމުގެ ހުއްދަ ދޭނީ އެ ޑިޕާޓްމަންޓުންނެވެ.
ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި އެ ޑިޕާޓްމަންޓުން އެޕްރޫވްކޮށް އެވޯޑްކޮށްފައި ހުރި ބައެއް މައްސަލަތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ސަރުކާރުން މިހާރު ވަނީ ފަށަން ހުރި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ މަސައްކަތްތައް ވެސް މެދުކަޑާލާފަ އެވެ. އެ މަޝްރޫއުތައްވެސް ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ.