21 Dec 2022, 23:48
އިންޑިއާގެ ބެންގަލޯރުގައި ހުންނަ ބްލޮސަމް ރިހެބިލިޓޭޝަން ސެންޓަރުގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުން އައި ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަތާ 14 ދުވަސް ވެފައިވާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް، 35އެވެ.
ބްލޮސަމް ރިހެބިލިޓޭޝަން ސެންޓަރުގެ ވެރިޔާ ސެސިލް ޖޯޖް "ސަން"އަށް ބުނީ އާލިމަކީ އެހެން ކްލައިންޓުންނާ ވަރަށް ތަފާތު މީހެއް ކަމަށެވެ. ސެސިލް ބުނީ މި މަހުގެ އަށް ވަނަ ދުވަހު އާލިމް ބޭރަށް ނުކުތް ގޮތަށް އެތެރެއަށް ވަދެފައި ނުވާތީ ސެންޓަރުގެ ފަރާތުން ވެސް އާލިމް ހޯދުމުގެ މަސައްކަތް ކުރަަމުން އަންނަ ކަމަށެވެ. އެކަމަކު އަދި އޭނާގެ ޚަބަރެއް ނުވާ ކަމަށް ސެސިލް ބުންޏެވެ.
އާލިމްގެ މަންމަ، އައިމިނަތު ހަސަން މި ނޫހަށް ބުނިގޮތުގައި އޭނާ ގެއްލުނީ މިމަހުގެ އަށް ވަނަ ދުވަހުގެ ހެނދުނުގައެވެ. ހަމަ އެދުވަހު އިންޑިއާގެ ފުލުހުންނަށާއި އިންޑިއާގައި ހުންނަ ދިވެހި މިޝަނަށާއި ދިވެހި ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރި ކަމަށް އޭނާ ބުންޏެވެ.
އާލިމް ގެއްލިގެން އިންޑިއާގެ ނޫސްތަކުގައި ވެސް ޖަހާފައިވާކަން ފާހަގަކޮށް އައިމިނަތު ބުނީ އަދި މިއަދާ ހަމައަށް އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެ ފަރާތްތަކުން މިއަދު ބުނި ކަމަށެވެ.
"ދަރިފުޅު ގެއްލިގެން އިންޑިއާގެ ނޫހުގަ ޖަހައިފި. އޭނާ ހޯދުމުގެ މަސައްކަތް ބެންގަލޯރު ފުލުހުން ވެސް ގެންދަނީ ހުއްޓާނުލާ ކުރަމުން. މިއަދު ގުޅިމަ ބުނީ އަދި ވެސް ނުފެންނަ ކަމަށް،" އައިމިނަތު ބުންޏެވެ.
އައިމިނަތު ބުނީ މި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު އާލިމް ސެންޓަރުން ބޭރަށް ނުކުތީ ގޭޓް ކައިރީގައި ތިބި ދެމީހަކަށް ބިރުދައްކައިގެން ކަމަށެވެ.
"އާލިމް ބޭރަށް ނުކުމެގެން ފިލީ ހެނދުނު ސައި ހިފައިގެން އައި މީހުން ގޭޓް ހުޅުވާލި ވަގުތު، އެތަނުގައި ތިބި ގާޑުންނަށް ބިރުދައްކައިގެން ކަމަށް މައުލޫމާތު ލިބިފައިވަނީ،" މަންމަ ބުންޏެވެ.
އައިމިނަތު ބުނީ އާލިމް ގިނަ ދުވަސްތަކެއް ވަންދެން ޑްރަގު ބޭނުން ކުރުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ގެއްލުން ލިބި ނަފްސާނީ މައްސަލައެއް ވެސް ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
"ދަރިފުޅު ހިތްހަމަ ޖެހޭ ކަމެއް ނުޖެހޭ ކަމެއް މީހަކަށް ނޭނގޭނެ. ހަމަ ބަދިގެ ތެރޭގައި ހުއްޓާ އައިސް އަޑުގަދަ ކުރަން ފަށާފާނެ ތިމަންނައަށް އުނދަގޫ ކުރަނިއްޔޭ. އެހެން ކިޔާފަ ކޮންމެ ފަދަ އެއްޗެއް ވެސް ހަލާކުކޮށްލަފާނެ،" އައިމިނަތު ބުންޏެވެ.
"އާލިމަށް ފެންނަނީ އޭނާގެ މަންމަ ސިފައިގަ ހުންނަ މީހަކު އައިސް އުނދަގޫ ކުރާތަން. މަންމަގެ ސިފައިގަ ފެންނާތީ އައިސް އަހަރެންނަށް ހުރިހާ ވަރެއް ބާލާނީ. އެހެންތާ ވާނީ."
އާލިމް ގެއްލުނު މައްސަލައިގައި ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.