22 Dec 2022, 09:19
މިހާތަނަށް ކޮރެއާ އިން ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯ ކަމަށްވާ "ކްރެޝް ލޭންޑިން އޮން ޔޫ"ގެ ލީޑް އެކްޓަރު ހިޔުން ބިން ބައްޕައަކަށް ވުމާއެކު ދައްކާލި އާ ލުކް ފެނި ފޭނުން ބަސް ހުއްޓިއްޖެއެވެ.
ކްރޭޝް ލޭންޑިންގެ ސެޓު ތެރެއިން ދިމާވެ ހިޔުން ބިން އާއި ލީޑް އެކްޓަރު ސޮން ޔެޖިންގެ ދެމެދުގައި ވަނީ ލޯބީގެ ގުޅުން އުފެދިފައެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން، އެ ދެ ތަރިން ފުރަތަމަ ޔަގީންކޮށްދިނީ ދެ މީހުން އެކުގައި ކުޅުނު ނެޓްފްލިކްސް ކޮރެއާ ޑްރާމާ "ކްރެޝް ލޭންޑިން އޮން ޔޫ" ނިމުމަށް ފަހު، ޑިސެމްބަރު 2020ގައެވެ. އެ އަހަރު ނެޓްފްލިކްސް އިން މި ޑްރާމާ ގެނެސްދިނުމާ އެކު އެ ދެ ތަރިން ވެފައި ވަނީ އޮން-ސްކްރީންގައި ވެސް އެންމެ މަގުބޫލު އެއް ޖޯޑަށެވެ.
އެއަށްފަހު އެ ދެމީހުން ކައިވެނިކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
View this post on Instagram
އަދި ދެ މީހުންނަށް ފިރިހެން ދަރިއެއް ލިބިފައިވާކަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ގިނަ ދުވަހު މީޑިއާ އާ ދުރުގައި ހުރުމަށްފަހު ހިޔުން ބިން ވަނީ ދާދިފަހުން ނޫސްވެރިންނާއި ފޭނުންނާ ބައްދަލުކޮށްފައެވެ.
ހިޔުން ބިން ބުނެފައިވަނީ ބައްޕައަކަށް ވުމާއެކު ތަފާތު ޒިންމާތަކެއް އުފުލަން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބައްޕައަކަށް ވުމުން އެކަން ބޭރުން ވެސް ފެންނާނެގޮތް ދައްކައިދިނުމަށް އާ ލުކް ބޭނުން ކުރާ ކަމަށް އޭނާ ބުންޏެވެ.
ހިޔުން ބިންގެ އާ ލުކްއަށް ތުނބުޅި އަދި އިސްތަށިގަނޑު ދިގުކޮށްފައި ހުރިއެވެ. މިއީ މީގެ ކުރިން އެ އެކްޓަރު އެއްވެސް ގޮތަކަށް ފެނިފައި ނުވާ ލުކެކެވެ.
މި ލުކް އާ އެކު ފޭނުން ތިބީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ފޭނުން ސޯޝަލް މީޑިއާގައި އަންނަނީ މި ވާހަކަ ވަރަށް ގަދައަށް ދައްކަމުންނެވެ.