21 Dec 2022, 22:14
ދިރާގުގެ އަންނަ އަހަރުގެ ކަލަންޑަރު، އިންސްޕަޔާޑް ކަލެކްޝަންސްގެ ނަމުގައި މިއަދު ލޯންޗުކޮށްފިއެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި އެ ކަލަންޑަރު ލޯންޗު ކޮށްފައިވާއިރު ދިރާގުން ބުނީ ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތަފާތު ބާރަ މީހެއްގެ ވާހަކަ ކަމަށެވެ. އެއިން ކޮންމެ ވާހަކައެއް ވެސް ދައްކުވައިދީފައި ވާނީ ތަފާތު ކުލަގަދަ ކުރެހުންތަކަކާއި އޭ.އާރް (އޮގްމެންޓެޑް ރިއަލިޓީ)ގައި މިއުޒިކް ހިމަނައިގެން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ކަލަންޑަރު ބިނާކޮށްފައިވާ މައުޟޫއުތަކަކީ ތިމާވެއްޓާއި، ބަހާއި އަތްތެރި މަސައްކަތާއި މިއުޒިކް ކަމަށެވެ. އަދި ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ނޭނގި ނަމަވެސް ކޮންމެވެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުންކަން ދިރާގުން ފާހަގަ ކުރެއެވެ.

ކޮންމެ މަހެއްގެ ޚާއްސަ ސަފްހާގައިވާ ސްނެޕްޗެޓް ކޯޑް ސްކޭން ކޮށްލައިގެން ތަޖުރިބާކޮށްލެވޭނެ--- ފޮޓޯ/ ދިރާގު
މިއަދު ބޭއްވި އެ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޑައިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ އެ ކަލަންޑަރުގެ ޒަރިއްޔާއިން ފާހަގަކޮށް، އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކުރުވަނިވި ގޮތްތައް ކަމަށެވެ.
"ދިރާގު 2023ގެ ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން އުއްމީދު ކުރަނީ މި ބާރަ މީހުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައްވެސް އީޖާދީ ކަންތައްތައް ހާސިލްކުރުމަށާއި އައު ގުޅުންތައް ގާއިމުކުރުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށް،" މިރްޝާން ވިދާޅުވިއެވެ.
ދިރާގުން ބުނީ 2023 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ މީހުންގެ ވާހަކަތައް ކޮންމެ މަހެއްގެ ޚާއްސަ ސަފުހާގައިވާ ސްނެޕްޗެޓް ކޯޑް ސްކޭން ކޮށްލައިގެން ތަޖުރިބާކޮށްލެވޭނެ ކަމަށެވެ. އަދި ދިރާގުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެން ވެސް ގުޅުވާލަދީ، އެ މީހުންގެ އަގު ވަޒަންކުރުމަށް ކަމަށް ދިރާގުުން ބުންޏެވެ.