ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމުގެ ހުއްދައަށް އެދިފައިވާތާ އެއް އަހަރުވެފައިވާއިރު ވެސް އެ ހުއްދަ ދީފައިނުވާތީ މާލެ ސިޓީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 81 ވަނަ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢިޖުރާއަތްތަކެއް ފުރިހަމަ ކުރި ފުރަތަމަ ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށެވެ. އެހެން ނަމަވެސް ޓްރޭޑް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައަޅާފައިވަނީ އޭރު އޮތް ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށަހެޅިތާ އަށް މަސް ދުވަސް ފަހުން ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ގަވާއިދާ އެއްގޮތަށް ސިޓީ ކައުންސިލުން ލިޔެކިއުންތަކަށް ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް ތުހުމަތު ކުރެއްވީ މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވަނީ ސިޔާސީ ސަބަބަކާ ހެދި ކަމަށެވެ.

އެކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ 187 ރަށް އޮތްއިރު އޭގެ ތެރެއިން އެންމެ ރަށެއްގެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރުސަތު ދިނުމަކީ އެއީ ސަރުކާރުން ހާސިލުކުރި މޮޅުކަމެއްގެ ގޮތުގައި ބުނެވެން ނެތްކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދާ މާލެސިޓީގެ ކައުންސިލަށް ކުންފުނި ރެޖިސްޓްރީ ކުރުމަށް، ސަރުކާރުން ގެނައި ގަވާއިދުތަކުގެ ބަދަލުތަކުގެ ސަބަބުން ފުރުސުތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ، ލަމާރުކަޒީ ގާނޫނުގެ ދަށުން ކުންފުންޏެއް ހަދަން ހުއްދަ ދިން ފުރަތަމަ ކައުންސިލްގެ ގޮތުގައި، އއ. ތޮއްޑޫ ކައުންސިލަށް އެ ހުއްދަ ދީފައެވެ.