ރާއްޖޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަކީ މިވަގުތު މާލީ ގޮތުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ އެސޯސިއޭޝަނެކެވެ.

ގޮންޖެހުންތަކާއެކު ވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ އެފްއޭއެމްއިން 2018 ވަނަ އަހަރުގެ ތެރޭގައި ފެށި ގައުމީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތް ނުނިމި އޮތުމަކީ، ފުޓުބޯޅައަށް ލޯބިކުރާ، މި ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވާ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ އިސްނެގުމުގެ ދަށުން ހުޅުމާލޭގައި އަޅަން އެޗުޑީސީއާ ހަވާލުކުރި ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސުކޫލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާއިރު، މި މަސައްކަތް ކުރިއަށް ނުގެންދަނީ ކީއްވެތޯ، މިއީ ގިނަބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މި ސްކޫލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ކުރިއަށް ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޔަކާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

ޖެނުއަރީ 24، 2020: ކޮކާ ކޯލާއިން އިންތިޒާމުކޮށްގެން އެފްއޭއެމްއާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން ކުޅުނު ލެޖެންޑް ކަޕުގެ ފުޓްބޯޅަ މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދި ބަޔަކާ އެ މަސައްކަތް ހަވާލު ކުރެވޭނީ، އެޗްޑީސީއާއެކު ކުރިން ހަދާފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްގެން ކަމަށްވުމުން، އެކަން މިހާރު ކޮށްފައިވާކަން ޖަވާ ފާހަގަކުރެއްވިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ، އެފްއޭއެމްއަށް ހުޅުމާލެއިން ދީފައިވާ ބިމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ފައިނޭންސް ހޯދުމަށް އެ ބިމުން ވަކި ބައެއް ކުއްޔަށް ދެވޭ ގޮތަށް އެ އެސޯސިއޭޝަނުން އެޗްޑީސީގައި އެދިފައިވާތީވެ، މިހާރު އެގޮތަށް އެއްބަސްވުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން އެފްއޭއެމްއަށް ދީފައިވާ ބިމުގެ އެއްބަސްވުމަށް މިގޮތަށް ބަދަލުގެނެސްފައި މިވަނީ، އެޕޯލޯ ކުންފުންޏަށް އެފްއޭއެމްއިން ދޭންޖެހޭ ފައިސާގެ ބަދަލުގައި ބިމުން ބައެއް ދޭން އެ އެސޯސިއޭޝަނުން ނިންމުމާ ގުޅިގެން އެކަން އެގޮތަށް ނުކުރެވޭނޭކަމަށް އެޗްޑީސީން މީގެ ކުރިން އެންގުމަށް ފަހުގައެވެ. ނަމަވެސް އެފްއޭއެމަށް ދީފައިވާ ބިމުގެ އެއްބަސްވުމަށް އެންމެފަހުން އެޗްޑީސީން ގެނައި ބަދަލާއެކު، މިހާރު އެފްއޭއެމްއަށް އެ ބިން އެޕޯލޯ ކުންފުންޏަށް ދެވޭނެއެވެ.

މި ބަދަލާއެކު މި ސްކޫލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، އަނެއްކާވެސް އެފްއޭއެމްއަށް ލުއިތަކެއް ލިބި "ޖޮއިންޓް-ވެންޗާ" ޕްރޮޖެކްޓެއްގެ ގޮތުގައި މި މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެފައިވާކަން ޖަވާ ފާހަގަކުރެއްވިއެވެ.

އެ ސްކޫލާ ބެހޭ ގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެއީ 100 އަށްވުރެ ގިނަ ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެ ސުކޫލާއެކު ޓާފް ދަނޑަކާއި ކުޅުންތެރިން ދިރުއުޅެވޭނެ ބުލޮކުތަކާއި ރަނގަޅު ފެންވަރުގެ ޖިމެއްގެ އިތުރުން މިސްކިތެއް ވެސް ހުންނާނެއެވެ. އަދި މި ސުކޫލުގައި ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް ތަމްރީނު ހެދޭނެ ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

މި އިމާރާތުގެ ފުރަތަމަ ފިޔަވަހި އެޅުމަށް އެއް މިލިއަން އެމެރިކާ ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ހަމަޖައްސާފައި އޮތް ނަމަވެސް 2019 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ޖުމުލަ 30 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ފުޓުބޯޅަ ސްކޫލް --ފޮޓޯ/ޔޫތު މިނިސްޓްރި

އެފްއޭއެމްއިން ބުނި ގޮތުގައި މި އިމާރާތް ހާއްސަކުރާނީ އުމުރުން 13 އަހަރާއި 17 އަހަރުގެ އުމުރުފުރާގެ ކުދިންނަށެވެ. އަދި އެ ސުކޫލު ހިންގާނީ ބޯޑިން އިންސްޓިޓިއުޝަންއެއް ހިންގާ އުސޫލުން ކަމަށްވެސް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފައެވެ.

މި ސްކޫލު ހިންގުމަށް ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯގެ ރިއަލް ހިސްޕަނިއާ އެފްސީ އާއެކު އޮކްޓޯބަރު 2021 ގައި، އެފްއޭއެމުން ސޮއިކޮށްފައިވެއެވެ. މި ޕްރޮޖެކްޓްގައި މަސައްކަތް ކުރަން ހަތް ކޯޗުން ގެނެސްފައިވެއެވެ.

ފޮޓޯ/އެފްއޭއެމް

އެހެންނަމަވެސް މުސާރަ ނުލިބުމުގެ ސަބަބުންނާއި، މި މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން، ކޮންޓްރެކްޓުގެ މުއްދަތު ހަމަވެގެން މީގެތެރެއިން ބައެއް ކޯޗުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.

މި ސްކޫލު ހިންގުމަށް ދިން ބިމުގައި ތަރައްގީ ކުރާ ފެސިލިޓީގެ ފުރަތަމަަ ފިޔަވަހީގެ މަސައްކަތް ނިންމާލިއިރު، ފުޓުބޯޅަ ސުކޫލުގެ އިމާރާތް ގެދޮރު ބޭނުންވެފައި ތިބި ފަރާތްތަކަށް ދިނުމަށް 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މި ސަރުކާރުން ނިންމާފައިވެއެވެ.