އަތޮޅުތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާއިމްކޮށްފައިވާ 30 އަށްވުރެ ގިނަ ކޯޕަރޭޝަންތައް އުވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އުވާލާ ކޯޕަރޭޝަންތަކުގެ ތެރޭގައި ހިމެނީ ހެލްތް ކޯޕަރޭޝަންތަކާއި ޔުނިލިޓީޒް ކުންފުނިތަކާއި އަތޮޅުތަކުގައި ގާއިމްކޮށްފައި ހުރި ޑިވެލޮޕްމަންޓް ކޯޕަރޭޝަންތައް ހިމެނޭ ކަމަށެވެ. އެތަންތަން އުވާލަނީ ސަރުކާރުގެ ހަރަދުކުޑަކުރުމަށާއި އެތަންތަން އިތުރަށް ނުބެލެހެއްޓޭނެތީ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޕަރޭޝަންތައް އުވާލާނީ އޮޑިޓާ ޖެނެރަލް އެތަންތަން އޮޑިޓްކުރެއްވުމަށްފަހު ކަމަށާއި ކޯޕަރޭޝަންތައް އަގު ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި ކޯޕަރޭޝަންތަކުގެ މުސާރައަށް 2009 ވަނަ އަހަރުގެ ނިޔަލަށް 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަން ލިޔެކިޔުންތައް އެނގެ އެވެ. އަދި ކޯޕަރޭޝަންތަކަކީ ގާނޫނުގެ ތެރޭގައި އޮންނަ ޖާގައެއް ބޭނުންކޮށްގެން ހިއްސާ ވަކިކޮށްފައި ހުރި ކުންފުނިތަކެއް ކަމަށް ވާއިރު އެތަންތަން ހުރީ ރައްޔިތުންގެ މަޖިލީހަށް ޒަވާބުދާރީވާން ނުޖެހޭ ދައުލަތުގެ ބެލެންސީޓްގައި ނުހިމެނޭ ކުންފުނިތަކެއްގެ ގޮތުގަ އެވެ. ކޯޕަރޭޝަންތައް އުވާލި ނަމަވެސް އެތަންތަނުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކޯޕަރޭޝަން އުފައްދާފައި ހުރީ އޭރު އެމްޑީޕީން ސަރުކާރުން ވަކި ބަޔަކަށް ސިޔާސީ މަގާމުތަކެއް ދީ މުސާރައެއް ދިނުމަށް. މި ކޮޕަރޭޝަންތަކަށް ހަރަދު ކުރަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެހެނިހެން ހަރަދުތަކުގައި ހިމެނޭ ފައިސާއިން. މިތަންތަން އުވާލީމައި ހަމައެކަނި ގެއްލޭނީ އެކޯޕަރޭޝަންތަކުގެ ބޯޑުތަކުގެ މެންބަރުންގެ ވަޒީފާ،" އައްބާސް ވިދާޅުވި އެވެ.

ކޯޕަރޭޝަންތަކުގެ ތެރެއިން ހިމެނޭ ހުރިހާ ހެލްތް ކޯޕަރޭޝަންތަކެއް އުވާލުމަށްފަހު އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ހެލްތް މިނިސްޓްރީގެ ދަށަށް ގެންދާނެ އެވެ. އަދި ހުރިހާ ޔުޓިލިޓީޒް ކުންފުނިތައް އުވާލުމަށްފަހު އެތަންތަން ސަރުކާރުގެ ހިއްސާ އޮންނަ އެއް ކުންފުންޏެއްގެ ދަށަށް ގެންދަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.