ޓުއަރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. އަލިފުށީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށެއް ކަމުގައިވާ އެއްތިގިލި އެރަށުގެ އިހްތިސާސުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވަކި ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު "ސަން" އަށް ވިދާޅުވީ، ރައީސްގެ ގަރާރަކުން މިއަދު އެއްތިގިލި އަލިފުށީގެ އިހްތިސާސަކުން ވަކިކޮށްފައިވާ ކަމަށާއި، އެކަން ކުރައްވާފައިވާނީ އެރަށު ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އަލިފުށީގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްތިގިއްޔާ ހަމައަށް އެރަށް ހިއްކަން ރަށުގެ ރައްޔިތުން ވަނީ އެދިފައެވެ. ނަމަވެސް، އެއާޕޯޓު ޕްރޮޖެކްޓުގެ އަގު ބޮޑުވާނެތީ އާއި ތިމާވެއްޓަށް އަސަރުކޮށްފާނެތީ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.

އަލިފުށީ ފަޅު ތެރެއިން ހިއްކަން ހަަމަޖެހިފައިވާ 10 ހެކްޓަރުގެ ބިމާ އެކު އެއްތިގިލީގައި ރިސޯޓެއް ހަދަން ހުޅުވައިލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ އަހަރު ވިދާޅުވެފައިވެއެވެ. އަލިފުށީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއާއެކު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ.

އެއްތިގިލި ހިއްކުމުގެ ބަދަލުގައި ހިމާޔަތް ކުރުން މާ ބުއްދުވެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެއްތިގިލީގައި ރިސޯޓެއް ތަރައްގީކުރުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އިއުލާންކޮށްފައިވެއެވެ. ނަމަވެސް އެ މަޝްރޫއަށް ފަހުން ވީގޮތް ސާފެއް ނުވެއެވެ.