10 Apr 2012, 15:17
ދަގަނޑު ބުރިތަކެއް ހިފައިގެން ގޮސް ބިދޭސީންތަކަކަށް ބިރުދައްކައި ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި ހަތަރު މީހުން ހައްޔަރު ކުރީ ސ. ހިތަދޫގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ ފައިސާ އާއި ފޯނުތަކެއް ފޭރިފައި ވަނިކޮށެވެ.
ހަތް ބިދޭސީއަކު އުޅެމުން އައި އެ ގެއަށް ވަދެ ފޭރިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭގަ އެވެ. އެމީހުން އެގޭ ތެރެއަށް ވަދެ 200ރ. އާއި ހަތަރު ފޯނާއި ފަސް ބައިސްކަލު ގެންގޮސްދިޔަ އެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި ފުލުހުން ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނީ އެ ގެއަށް ދަގަނޑުބުރިތަކާއެކު އެމީހުން ވަދެފައި ވަނީ މޫނު ނިވާކޮށްގެން ކަމަށާއި މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނާއި ހިތަދޫ ނާސިރައްދުގޭ، އަރްޝަން އަލީ 20، އާއި ހަމައެރަށު އުތުރުގޭ، އަމްޔޫން އިބްރާހިމް 19، އެވެ. އެ އެންމެންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުނެ އެވެ.