މިދިޔަ އަހަރު އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބަށް އާންމުކުރި އެޕާޓީގެ ދަފުތަރުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ 17،156 މެންބަރުން ތިބި ކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ އެގޮތަށް "ސަން"އަށް ވިދާޅުވީ، އެމްޑީޕީގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދެއްވަމުންނެވެ.

އަންނަ އަހަރު އޮންނަ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، އެމްޑީޕީގެ ދަފުތަރު ގަޑުބަޑު ކޮށްފައިވާ ކަމަށާއި މި ދަފުތަރުގައި ބާއްވާ ޕްރައިމަރީއެއް އިންސާފުވެރި ނުވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަން އޮޅުން ފިލުވައިދެއްވަމުން އިބުރޭ ވިދާޅުވީ، މެމްބާޝިޕް ސާފުކުރުމުގެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ޕާޓީގެ ދަފުތަރުގައި ވަރަށް ގިނަ އަދަދެއްގެ، އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ތިބިކަން މެންބަރުންނާ ހިއްސާ ކުރި ކަމަށެވެ. އަދި، އެކަންކަން ސައްހަ ކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މިއަހަރުގެ މޭ މަހު ގައުމީ މަޖިލީހަށް ޕާޓީގެ މެމްބާޝިޕް ސާފުކުރުމުގެ ގަރާރު ހުށަހެޅުމުގެ ކުރިން ޕާޓީގެ ދަފުތަރާ ގުޅޭ ގޮތުން އެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ލިޔުމެއް އާންމުކުރައްވާފައެވެ.

އެ ލިޔުމުގައި އޭނާ ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓް މިދިޔަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު އާންމުކޮށްފައިވާއިރު އެހެން ޕާޓީތަކުގެ ގިނަ މެމްބަރުން އޭގައި ތިބިކަން ފާހަގަކުރައްވާ، އެކަމުގެ ތަފުސީލު ހިމަނާފައެވެ. މިގޮތުން، އޭރު އޮތް އެމްޑީޕީގެ ދަފުތަރުގައި:

  • ޕީޕީއެމްގެ - 6357 މެންބަރުން

  • ޖޭޕީގެ - 3788
  • އެންޑީއޭގެ - 1761
  • އަދާލަތު ޕާޓީގެ - 1211
  • އެމްޓީޑީގެ - 1048
  • އެމްއާރްއެމްގެ - 1029
  • އެމްއެސްއެލްޑީޕީދެ - 875
  • ޕީއެންސީގެ - 698
  • ޑީއަރްޕީގެ - 389
  • އެއްވެސް ޕާޓީއެއްގައި ރަޖިސްޓާ ވެފައިނުވާ 24،033 މެންބަރުން

އެކަމަކު، ދަފުތަރު އިސްލާހު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ދަފުތަރުގައި ނެތް 39،000އަށް ވުރެ ގިނަ އެމްޑީޕީގެ މެންބަރުން ޕާޓީގެ ދަފުތަރުން ވަކިކުރި ފަހުން، އޭގެ ތެރޭގައި އެމީހުންނަށް ނޭނގި "ވަގަށް" އެހެން ޕާޓީތަކަށް ވައްދާފައިވާ ގިނަ އަދަދެއްގެ މެންބަރުން ހިމެނޭކަން ފާހަގަކޮށް އެޕާޓީގެ އާންމު މެންބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރައީސް ނަޝީދު މިއަދު ތުހުމަތު ކުރެއްވި ގޮތުގައި ޕާޓީން ވަކިކޮށްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ނުދޭނެ މީހުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިއްމު އެއް އަސާސަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ކަމަށެވެ. އެކަމަކު، ދަފުތަރު އިސްލާހުކުރުމުގެ ނަމުގައި ރައީސަށް ވޯޓު ނުދޭނެ އެންމެން ޕާޓީން ވަކިކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދަފުތަރުގެ މައްސަލަ ބޮޑުވެފައިވާއިރު އެމްޑީޕީން މިއަދު ވަނީ އެހެން ޕާޓީއަކަށް ސޮއިނުކުރަނީސް ޕާޓީން ވަކިވެފައިވާނަމަ އެ މައްސަލައިގެ ޝަކުވާ ފޯމް ފުރިހަމަކޮށް އަލުން އެޕާޓިއަށް ރުޖޫއަވުމަށް އިލްތިމާސްކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވާއިރު އެޕާޓީ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ އޮތީ ދެކަފިވެފައެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ. އެގޮތުން ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.